އިންޑިއާގައި ރާއްޖެ ޕްރޮމޯޓުކުރަން ފެއާއެއްގައި ބައިވެރިވެއްޖެ

އިންޑިއާގައި ކުރިއަށްދާ ސަޓޭ ފެއާގައި ރާއްޖެއިން ބައިވެރިވަނީ --- ފޮޓޯ : އެމްއެމްޕީއާރުސީ

އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށްޓަކައި ކުރިއަށް ގެންދާ މިއަހަރުގެ ފުރަތަމަ ހަރަކާތުގެ ދަށުން ސައުތު އޭޝިއާ ޓްރެވެލް އެންޑް ޓުއަރިޒަމް އެކްސްޗޭންޖް (ސަޓޭ) ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް އިންޑިއާގެ ދިއްލީގައި ކުރިއަށްދާ އެ ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 19 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އެ 19 ކުންފުނިން ޖުމްލަ 28 މަންދޫބުން އެ ފެއާގައި ބައިވެރިވާނެއެވެ.

އެމްއެމްޕީއާރުސީއިން ބުނެފައިވަނީ އެ ފެއާގައި 60 އަކަފޫޓުގެ ދިވެހިރާއްޖޭގެ ސްޓޭންޑެއް ބޭނުންކުރާނެ ކަމަށެވެ. އެ ސްޓޭންޑު ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރެސްޓޯރެންޓެއް ރަމްޒުކޮށްދޭ ގޮތަށް ކަމަށްވެސް އެމްއެމްޕީއާރުސީއިން ބުނެއެވެ.

ފެއާއަށް ޒިޔާރަތްކުރާ މީހުންގެ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ރާއްޖޭގެ ސްޓޭންޑްގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އޭގެތެރޭގައި ދިވެހި ކާނާގެ ތެރެއިން ތެލުލި ބަނބުކެޔޮ އަދި ބޮނޑި ރަހަބެލުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ.

ސަޓޭ ފެއާއަކީ ރާއްޖެ ހިމެނޭ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފެއާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެގޮތުން މިއަހަރުގެ ފެއާގައި 50 ގައުމަކުން 1،000 އަށްވުރެ ގިނަ ފަރާތް ބައިވެރިވާނެއެވެ.

comment ކޮމެންޓް