އެމެރިކާގެ ސިފައިންނަށް ދިން ހަމަލާތަކުގައި 80 މީހުން މަރާލިން: އީރާން

އެމެރިކާ ސިފައިން އިރާގުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ރޮއިޓާސް

ތެހެރާން (ޖެނުއަރީ 8): އިރާގުގައި އެމެރިކާގެ ސިފައިން ތިބި ދެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން މިސައިލް ހަމަލާތަކުގައި އެމެރިކާގެ 80 މީހުން މަރުވި ކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

އީރާނުން އެފަދައިން ބުނީ އެ ހަމަލާތަކުން ލިބުނު ގެއްލުން ބަލަމުންދާ ކަމަށާއި "ހުރިހާ ކަމެއްވެސް ރަނގަޅު" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓުވީޓު ކުރެއްވި ފަހުންނެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި އެގައުމުން ވަނީ އެ މަރުކަޒުތަކަށް އަމާޒުކޮށް 15 މިސައިލް ފޮނުވާފަ އެވެ. އަދި އޭގެއިން އެއްވެސް މިސައިލެއް ހުއްޓުވިފައި ނުވެ އެވެ.

މީގެ އިތުރުން އެމެރިކާއިން އެހަމަލާތަކަށް ބަދަލުހިފައިފި ނަމަ އީރާނުން ހަމަލާދޭން 100 އަމާޒެއް ކަނޑައަޅާފައިވާ ކަމުގެ އިންޒާރު އެގައުމުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ދީފަ އެވެ.

އީރާނުން އެ ހަމަލާތައް ދިނީ އެމެރިކާއިން މިދިޔަ ހުކުރު ދުވަހު ރިވޮލިއުޝަނަރީ ގާޑްސްގެ ގުދުސް ޔުނިޓުގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އެމެރިކާއިން ވަނީ ސުލައިމާނީއަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅާ އޭނާއަކީ އެގައުމުގެ ފައުޖުތަކަށް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ސުލައިމާނީގެ މަރަށް ފަހު ރައީސް ޓްރަމްޕް ވަނީ އީރާނުން ބަދަލު ހިފައިފި ނަމަ އެގައުމުގެ 52 އަމާޒަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް