ބައެއް ވިޔަފާރި ފީތައް އުވި، ބޮޑު ލުޔެއް

ޖުލައި 5، 2016: ފިތުރު އީދަށް ތައްޔާރުވުމުގެ ގޮތުން މީހުން ވިޔަފާރިކުރުމުގައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

ވިޔަފާރިތައް ފެށުމަށް އިތުރަށް ލުޔެއްދީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލު ކުރަން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ހުއްދަ އާއި ސައިހޮޓާ ހިންގުމުގެ ހުއްދަ، ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ އަދި ކެންޓީން ހިންގުމުގެ ހުއްދަ ދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ.

މިނިސްޓްރީ އިން ބުނީ އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ހުއްދަ އާއި ސައިހޮޓާ ހިންގުމުގެ ހުއްދަ، ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ އަދި ކެންޓީން ހިންގުމުގެ ހުއްދައާ ގުޅޭ މަހުފީ ބަލައިގަތުން ވެސް ހުއްޓާލާފައިވާ ކަމަށެވެ.

މިފަދަ ވިޔަފާރިއެއް ކުރަން ބޭނުންވާ ފަރާތްތަކުން، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ކުންފުންޏެއް، ޕާޓްނާޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީކުރުމަށްފަހު، އިކޮނޮމިކް މިނިސްޓްރީން އިތުރު ހުއްދައެއް ނުހޯދައި ވިޔަފާރި ފެށޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް