ކިންގް ސަލްމާން މިސްކިތް ނިމުމާ ގާތަށް، ވަރަށް ޗާލު

ކިންގް ސަލްމާން މިސްކިތުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ސައުދީ ސަރުކާރުގެ އެހީގައި މާލޭގެ އިރުމަތީ ފަރާތުގައި އަޅާ ކިންގް ސަލްމާން މިސްކިތުގެ 91 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ މިސްކިތުގެ މަސައްކަތުގެ ކޮންޓްރެކްޓް ސްކޯޕްގައި ހިމަނާފައި ހުރި އެއްމެހާ މަސައްކަތްތައް މިމަހުގެ ތެރޭ ނިމޭނެ ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށް ދަނީ މިސްކިތުގެ ބޭރުގެ ލޭންޑްސްކޭޕިންގެ މަސައްކަތާއި، ލައިޓް ޖެހުމާއި ސާފުކުރުމާއި ޕެރެޕެޓްވޯލްގެ ޓްރެވެޓައިން ޓައިލްސް ޖެހުމާއި މިސްކިތުގެ އިންޓީރިއާ ފިނިޝިންގެ މަސައްކަތްތައް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ގްރައުންޑް ފޯލްގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައި. މިހާރު ކުރަމުންދަނީ ފިނިޝިންގް އަދި ސާފުކުރުމުގެ މަސައްކަތް. ދެން ފުރަތަމަ ފަންގިފިލާގެ ޑިޒައިނިންއށް ބޭނުންވާ ބައެއް ކެލިގްރަފީގެ މަސައްކަތް އަންނަނީ ކުރަމުން. އަދި ތިންވަނަ އަދި ހަތަރުވަނަ ފަންގިފިލާގެވެސް އަމަލީ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައި. މިހާރު އަންނަނީ ސާފުކުރުމުގެ މަސައްކަތް" އޭނާ ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44،100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކުރާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. ޕްލޭނިންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕާކިންގް ޒޯންގެ ކޮންސެޕްޓް ޑިޒައިންކޮށް މިމަހުގެ ތެރޭ ޕާކިން ޒޯންގެ މަސައްކަތް ފެށޭނެކަމަށެވެ.

ކިންގް ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި 4000 މީހުންނަށް ނަމާދު ކުރެވޭނެކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ކިންގް ސަލްމާން މިސްކިތުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

އިތުރު ފަންގިފިލާތައް ހާއްސަކުރެވިފައިވާ ގޮތް:

ތިންވަނަ ފަންގިފިލާ: 40 ޖާގައިގެ ހަތަރު ކްލާސްރޫމާއު 15 ޖާގައިގެ ފަސް ސެނިމާ ރޫމް ހިމެނޭ

ހަތަރުވަނަ ފަންގިފިލާ: ލައިބްރަރީ އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމް ހިމެނޭ

ފަސްވަނަ ފަންގިފިލާ: 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ހިމެނޭ

ކިންގް ސަލްމާން މިސްކިތުގެ މަލްޓީ ޕާޕަސް ހޯލް މަސައްކަތްތައް ކުރިއަށް ދަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ކިންގް ސަލްމާން މިސްކިތުގެ މަޝްރޫއަށް ފަންޑު ލިބުމުގައި ދަތިވެގެން އެ މިސްކިތުގެ ޑިޒައިން ޕްލޭން ފަހުން ވަނީ ބަދަލުވެސްކޮށްފަ އެވެ. އެގޮތުން ކުރިން އެތަނުގައި އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް ކުރީގެ ސަރުކާރުން ބުންޏެވެ.

ފަންސަވީސް މިިލިއަން ޑޮލަރުގެ އެމިސްކިތް ޕްރޮޖެކްޓަށް ސައުދީ އިން ދިނީ 14.5 މިލިއަން ޑޮލަރެވެ. އަދި ބާކީ ބައި ހަރަދުކުރީ ސަރުކާރުންނެވެ.

comment ކޮމެންޓް