އެލައިޑްގެ ކަލަންޑަރުން އެތައް ބަޔަކު ލައްކަ ފައިސާ އެއްކޮށްފި

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮންމެ އަހަރަކުވެސް ކުންފުނިތަކުން، އާ އަހަރަށް ތައްޔާރުވުމަށް ކުރާ އެއް މަސައްކަތަކީ ކޯޕަރޭޓް ކަލަންޑަރު ތައްޔާރުކޮށް ކޯޕަރޭޓު ޕާޓްނަރުންނަށް ބަހާލުމެވެ. ނިމިދިޔަ 2019 ވަނަ އަހަރުވެސް އާ އަހަރުގެ ހަދިޔާގެ ގޮތުގައި ތަފާތު ކަލަންޑަރުތައް އެކި ކުންފުނިތަކުން ލިބިފައިވެ އެވެ. މީގެ ތެރެއިން ވެސް އެންމެ ތަފާތީ އެލައިޑް އިންޝުއަރެންސް އިން ބެހި، ޕިގީ ބޭންކެއްގެ ކޮންސެޕްޓަށް ފަރުމާކޮށްފައިވާ "ފަހަށް ރައްކާކުރެވޭ ގެ" ހިމެނޭ ކަލަންޑަރެވެ.

އިންޝުއަރެންސް އާއި ފަހަށް ފައިސާ ރައްކާކުރުމުގެ މުހިންމުކަމުގެ ގިނަ ވާހަކަތަކެއް ކިޔައިދިން މި ކަލަންޑަރަށް މިދިޔަ އަހަރު ބޮޑު ސަމާލުކަމެއް ހުއްޓުނެވެ. ކަލަންޑަރުގެ ތަފާތުކަމުން ބައެއް ރައްޓެހިން އެކަހަލަ ކަލަންޑަރެއް ނެތްހޭ ވެސް އެހި އެވެ. އޮފީހުގެ މޭޒުމަތީ ބަހައްޓާފައި ހުންނައިރު ތަފާތު ރީތިކަމެއް ގެނެސްދިން މި ކަލަންޑަރުގެ އެއް ފަރާތެއްގައި ކަނޑާފައިވާ ކުޑަ ގޮޅި އަކީ ރައްކާ ކުރަން ބޭނުންވާ ފައިސާ ގޭގެ ތެރެއަށް ވައްޓާލަން ހުންނަ ހާއްސަ ގޮޅިއެކެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކަލަންޑަރުގެ އަނެއް ފަޅީގައި، ގޭގެ ފުރާޅަށް ވާ ގޮތަށް ކުރަހާފައިވާ ހަތަރިސްކަން ގޮޅިއަކީ އަހަރު ނިމުނީމާ ހުޅުވަން ޖެހޭ ގޮޅިއެކެވެ. މިހާރު އަހަރު ނިމިފައި ވުމުން، ދެން ބަލަންވީ ގޭގެ ތެރެއަށް ވައްޓާލެވުނީ ކިހާ އަދަދެއްގެ ފައިސާއެއްތޯ އެވެ. މި އޮތީ އެ ދުވަސް އައިސްޖެހިފަ އެވެ.

އެލައިޑުން އިއްޔެ އެދުނީ ކަލަންޑަރު ލިބިފައި ހުރި މީހުން އެބައި ހުޅުވައި ރައްކާކުރެވުނު ފައިސާގެ އަދަދު ބުނެދިނުމަށެވެ.

އެއާ އެކު އެތައް ބަޔަކު އެ ކަލަންޑަރުގެ ތެރޭ ރައްކާކުރި ފައިސާ ގުނައި ހިސާބު އާންމުކުރި އެވެ. ބައެއް މީހުން ހުރީ ދަރިން ފައިސާ ރައްކާ ކުރަން އެ ކަލަންޑަރު ދޫކޮށްލައިފަ އެވެ. އަހަރުގެ ތެރޭގައި ކަލަންޑަރުގެ ތެރެއަށް އަޅައިގެން ހާހެއްހައި ރުފިޔާ އެއްކުރި މީހުންވެސް އެބަތިއްބެވެ. އަނެއް ބަޔަކު 500-7000 ރުފިޔާ ވެސް އެއްކުރި އެވެ. އަހަނަށްވީ ވަރަކީ 50 ރުފިޔާ އެއްކުރުމެވެ. ނަމަވެސް މިއީ ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމަށް އެލައިޑް އިން ކުރި މުހިއްމު މަސައްކަތަކުން ނިކުތް ރަނގަޅު ނަތީޖާ އެކެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެލައިޑުން މިދިޔަ އަހަރު ދިން އާ އަހަރުގެ ހަދިޔާ މިވީ ވަރަށް ވެސް ބޭނުންތެރި އެއްޗަކަށެވެ. ފަހަށް ރައްކާކުރުމުގެ އާދަ ނުގެންގުޅޭ އަހަރުމެންނަށް، ފަހަށް ފައިސާ ރައްކާކުރުމުގެ މުހިންމުކަން ބުނެދޭން އެލައިޑުން ކުރި މި މަސައްކަތުން ނެރެން ބޭނުންވި ނަތީޖާ ނެރެވިއްޖެ އެވެ. އެތައް ބަޔަކު ފައިސާ ރައްކާކުރި "ބޭންކަކަށް" މި ކަލަންޑަރުވީ އެވެ.

comment ކޮމެންޓް