ޒަކާތު ފަންޑުން 4 މިލިއަން ހަރަދުކޮށް ގަމު މަތިމަރަދޫގައި މިސްކިތެއް އަޅަނީ

މަތިމަރަދޫގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޒަކާތު ފަންޑުން ހަރަދުކޮށްގެން ލ. ގަމު މަތިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަމީން މުހައްމަދު އެވެ.

ފަސް ސަތޭކަ މީހުންގެ ޖާގައިގެ މި މިސްކިތަކީ ޒަކާތު ފަންޑުން ހަރަދުކޮށްގެން އިމާރާތްކުރާ ދެވަނަ މިސްކިތެވެ. މިއަދުން ފެށިގެން 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރި މިސްކިތުގެ އަގަކީ 4.9 މިލިއަން ރުފިޔާ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ މިއީ މަތިމަރަދޫ ރައްޔިތުންނަށް މިސްކިތަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާތީ އިމާރާތްކުރާ މިސްކިތެއް ކަމަށެވެ.

ގަމު ކައުންސިލްގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ މިހާރު މަތިމަރަދޫ އަވަށުގައި ހުރި މިސްކިތަކީ ވަރަށް ކުރިން އިމާރާތް ކޮށްފައިވާ މިސްކިތެއް ކަމަށެވެ.

އަދި މިހާރު މިސްކިތުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އެ އަވަށުގައި 600 އާ ގާތްކުރާ އަދަދަކަށް މީހުން އުޅޭއިރު، މިސްކިތުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މީގެކުރިން ވަނީ މިސްކިތް ބޮޑު ވެސް ކޮށްފައެވެ.

comment ކޮމެންޓް