އަހަރުގެ ބޮޑު ކައިވެނި: ރިޝްމީ އާއި ރަވީ

ރިޝްމީއާއި ރަވީގެ ކާވެނީގެ ތެރެއިން--- ފޮޓޯ:އިންސްޓަގްރާމް

ކޮންމެ އަހަރަކީވެސް އެތައް ލޯބި ޖޯޑުތަކެއް އަތާއަތްގުޅާލައި، ކައިވެނީގެ ގޮށް ޖަހާލާ އަހަރެކެވެ. ފާހަގަކޮށްލެވޭ ކައިވެނިތަކެއް މިއަހަރުގެ ތެރޭގައި ކުރެވިފައިވީނަމަވެސް އެންމެ ގިނަބައެއްގެ ސަމާލުކަން ލިބުނު ދިވެހި ކައިވެންޏަކީ ހަމަގައިމުވެސް، ފިލްމީ ތަރި ރަވީ އާއި ރިޝްމީގެ ކައިވެންޏެވެ. "ސަން"ގެ މުނިފޫހިފިލުވުމުގެ ހަބަރުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީވެސް މި ޖޯޑުގެ ހަބަރުތަކަށެވެ.

މިއަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު ރަވީ އާއި ރިޝްމީ ކައިވެނި ކުރިއިރު، ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ވަނީ އޭގެ ކުރިން ހާމަކޮށްފަ އެވެ.

ކައިވެންޏާއި ބެހޭ މާ ބޮޑުވާހަކަތަކެއް މީޑިއާއަށް ތިލަނުކޮށް ސަޕްރައިޒްއެއްގެ ގޮތުގައި ކުޑަ އެހެންނަމަވެސް 'ލޯބި' ހަފްލާއެއް ބޭވި އިރު، ރިޝްމީ "ސަން"އަށް ބުނީ މިއީ ވަރަށް ތައްޔާރުވެ، ދުރާލާ ރާވައިގެން ކުރި ކައިވެންޏެއް ކަމަށެވެ.

"އެންމެންވެސް އެކްސްޕެކްޓް ކޮށްގެން ކަން ނޭނގެ ތިބީ ކައިވެނި ކުރާނެ ކަން. ދެން މަސައްކަތްކުރުމުގެ ކުރިންނެއް ރިޝްމީމެން ވަކި ޑޭޓެއް އެއްވެސް ކަމެއްގެ ނުބުނަން. އެކަމު ހަމަ ޕްލޭންކޮށްގެން ތައްޔާރުވެގެން ވެޑިން ބޭއްވީ" ރިޝްމީ ބުންޏެވެ.

މީގެކުރިން ރިޝްމީ ފިލްމީ ތަރީ އަޒްމީލް (އަޒޭ) އާއި ކައިވެނި ކޮށްފައިވާއިރު މިއީ އޭނާގެ ދެވަނަ ކައިވެންޏެވެ. އަދި މިއީ ރަވީގެ ތިންވަނަ ކައިވެންޏެވެ. ކުރީގެ ކައިވެންޏަށް ދަރިއެއް ރިޝްމީގެ ހުރިއިރު ރަވީގެ ދެ ކުދިން ތިބެ އެވެ.

ރިޝްމީގެ ވެޑިން ޑްރެސް ޑިޒައިންކޮށްފައިވަނީ ރޯގް ބައި ނަޖޫ

މި ކައިވެނީގެ ފޮޓޯތައް ފެނި، އާންމުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު، ރިޝްމީގެ ކައިވެނީގެ ހެނދުމަކީ ރޯގް ބައި ނަޖޫގެ ޑިޒައިނެކެވެ.

ކައިވެނީގެ އުފަލާއި އެކީ މިއަހަރު މި ދެތަރިންނަށް އިތުރު އުފަލަކަށްވީ، ރިޝްމީ ޕްރޮޑިއުސްކޮށް ރަވީ ޑައިރެކްޓްކުރި ފިލްމު "ވިޝްކާ" އަށް މިއަހަރުގެ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފީޗާ ފިލްމްވެސް ލިބިގެން ދިއުމުންނެވެ.

ނޮވެމްބަރު 15، 2019 - ރާއްޖޭގެ 9 ވަނަ ފިލްމު އެވޯޑު ހަފުލާގެ ތެރެއިން: ދިވެހި ފިލްމު އެވޯޑު ހަފްލާއަށްފަހު ފަންނާނުން ރެޑްކާޕެޓްގައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސާކް ފިލްމު ފެސްޓިވަލްގައި ބައިވެރި ވެގެން މި ފިލްމުގައި ރިޝްމީ އަދާކުރި ރޯލަށް ބެސްޓް އެކްޓްރެސްގެ އެވޯޑުވެސް ލިބިފައިވާއިރު އެކަން ފާހަގަކޮށް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމްވެސް މިއަހަރު ރިޝްމީއަށް ވަނީ ލިބިފަ އެވެ. ކައިވެންޏާ އެކު ކައިވެނީގެ ހަދިޔާވެސް ފުރިހަމަވީތާ އެވެ.

ކުރިއަށް އޮތްތަނުގައިވެސް ދެތަރިން މިފަދައިން އެއްކޮށް މަސައްކަތްތައް ކުރާނެތޯ އަހަލާމުން ބުނީ ނުކުރަންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

"ވަކި ނުކުރާންވީ ސަބަބެއް ނެތް. އަސްލު އެކަމުގައި އޮތް އެންމެ އައިޑިއަލް ގޮތަކީވެސް ދެމީހުން އެކުގައި މަސައްކަތްކުރުން ކަންނޭނގެ. އެކަމަކު މިބުނީ ދެމީހުންވެސް ވަކި އެހެން މީހުންނާއި އެކީގައި މަސައްކަތް ނުކުރާނެއެކޭ އެއް ނޫން. އެކަމަކު ދެމީހުންވެސް ބޮޑަށް އިސްކަންދެވޭނީ އެކީގައި ކުރާ މަސައްކަތަށް ކަންނޭނގެ" ރިޝްމީ ބުންޏެވެ.

ކޮންމެއަކަސް މި އަހަރަކީ ރިޝްމީއާއި ރަވީގެ ހަޔާތުގެ މުޅިން އާ ސޮފްހާއެއް ހުޅުވިގެން ދިޔަ ކާމިޔާބު އަހަރެކެވެ.

"ރިޝްމީއަށް އެންމެ ހާޢްސައެއް އަހަރަކީ 2017 ވަނަ އަހަރު. އެއީ ވިޝްކާގެ މަސައްކަތްކުރެވި، ކޯޓް ކޭސްތަކާއި ހުރިހާ ކަމެއް ނިމި، ވިޝްކާ އަޅުވާ ސާކްއަށް ގޮސް އެވޯޑް ލިބުނު އަހަރު އެއީ. އެއަށްފަހު އެންމެ ނަސީބު ރަނގަޅު އަހަރަކީ 2019. އެއީ ރާއްޖޭގެ ފިލްމް އެވޯޑްސް ވެސް ވިޝްކާއަށް ކާމިޔާބުވީމަ،" ރިޝްމީ ބުންޏެވެ.

ސަންގެ ޓީމުގެ ފަރާތުން އެދެނީ މި ދެމަފިރިންނަށް ބާއްޖަވެރި ދުވަސްތަކެކެވެ.

comment ކޮމެންޓް