މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ޕެޓިޝަނުގައި އިއްޔެ 250 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ޕެޓިޝަނުގައި ސޮއި ކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރު 04:00 އިން 06:00 އަށް އަލިމަސް ކާނިވާ ސަރަހައްދުގަ އެވެ.
އެ ޖަމިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ ޝާއިން ޔޫސުފް މިއަދު "ސަން" އަށް ވިދާޅުވީ ދެ ގަޑިއިރު ތެރޭ 258 މީހަކު އެ ޕެޓިޝަނުގައި ސޮއިކޮށްފައިވާ ކަމަށާއި ލިބުނު ތަރުހީބާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"އެއީ ގާތްގަނޑަކަށް މިނެޓެއް ތެރޭ ދެ ސޮއި. ވަރަށް ގިނަ މީހުން އައި ސޯޝަލް މީޑިއާއިން އަދި ހަބަރުތަކުން ވެސް. އަދި ހިނގާފައި ދިޔަ މީހުންނަށް ވެސް ކޮން ޕެޓިޝަނެއް ކަން އެނގުމުން މިއީ ކޮންމެހެން ސޮއިކުރަން ޖެހޭ ޕެޓިޝަނެއް ކަމަށް ބުނެ ޕެޓިޝަނުގައި ސޮއިކުރި،" އޮފިޝަލް ވިދާޅުވި އެވެ.
ޝާއިން ވިދާޅުވީ ކޮންމް ހުކުރު ދުވަހަކު ވެސް ކާނިވާ ސަރަހައްދުގައި މޭޒު ބަހައްޓައިގެން ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
މާލޭގެ އާބާދީގެ 60 ޕަސެންޓަށް ވުރެ ބޮޑު އަދަދެއްގެ މީހުންނަކީ ކުއްޔަށް އުޅޭ މީހުން ކަން ފާހަގަ ކުރައްވައި ޝާއިން ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން ދޮރުން ދޮރުން ހިނގައިގެން ވެސް ޕެޓިޝަނަށް ވީހާ ވެސް ގިނަ ބައެއް ސޮއި ހޯދާ، ޗުއްޓީއަށް ފަހު ރައްޔިތުންގެ މަޖިލިސް ހުޅުވޭ އިރަށް ޕެޓިޝަން ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި އެ ޖަމިއްޔާގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ގޮފިތަކެއް އުފައްދައި، ބޯޑު އެކުލަވާލައި ވީހާ ވެސް ޑިމޮކްރެޓިކް އުސޫލުން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ޝާއިން ވިދާޅުވި އެވެ.
ޓެނެންޓްސް ޔުނިއަންއަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތައް ހިއްސާކުރުމަށާއި ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ގެނެސްދިނުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އުފައްދާފައިވާ ޖަމިއްޔާއެކެވެ.