ކުލި ކޮންޓްރޯލް ކުރަން ގޮވާލައި މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއްގައި ސޮއިކުރަނީ

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެގޮތުން އެ ޕެޓިޝަނުގައި ސޮއި ކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެމްޓީޔޫ އިން ބުނީ ޕެޓިޝަނުގައި ސޮއިކުރުން ކުރިއަށް ދާނީ މިއަދު ހަވީރު 04:00 ން 06:00 ށް އަލިމަސް ކާނިވާ ސަރަހައްދުގައި ކަމަށެވެ.

ޕެޓިޝަނުގައި ސޮއިކުރަން ނުވަތަ ކުލި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްލަން ބޭނުންވާ ފަރާތްތަކުން ވެސް މި ހަރަކާތުގައި ބައިވެރިވުމަށް އެ ޔޫނިއަން އިން އެދެ އެވެ.

ޓެނެންޓްސް ޔުނިއަންއަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތައް ހިއްސާކުރުމަށާއި، ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ގެނެސްދިނުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އުފައްދާފައިވާ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާއިން މީގެކުރިން ވަނީ ހިޔާވެހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ ގާނޫނު "ޓެނެންސީ އެކްޓް"އަށް ހިޔާލު ހުށަހެޅުމަށް ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރާ ވެސް ބައްދަލުކޮށްފަ އެވެ.

ދުވަހެއް ދުވަހަކަށް ކުލި މައްޗަށް ދާތީ އެކަން ހުއްޓުވަން ކުލި ކޮންޓްރޯލު ކުރެވޭނެ ނިޒާމެއް ބިލުގައި ހިމަނަން އެ ޔުނިއަނުން ވަނީ އެދިފަ އެވެ. ނަމަވެސް، މިނިސްޓަރު އެކަމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ޔުނިއަނުން މީގެކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް