ރިޔާސީ އިންތިހާބަކަށް ނުކުތަސް، މަޖިލިސް އިންތިހާބަކަށް ނުކުތަސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ ރާއްޖޭގައި ކޯޓުތަކުން އިންސާފު ނުލިބުމެވެ. ފައިސާއަށް ހުކުމް ކުރުމެވެ. މޮޅު މީހާއަށް ކޯޓުތަކުން މޮޅުގޮތް ހަދައި ދިނުމެވެ. ކޯޓުތައް އެ ނުފޫޒުން މިންޖުކޮށް ކޮރަޕްޓް ފަނޑިޔާރުން މަގާމުން ދުރުކުރުމަށް ރައްޔިތުން އެދުނެވެ. އެކަން މިހާރު މިވަނީ ހިނގަން ފަށާފަ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަހަރެއްގެ ތެރޭގައި ފަނޑިޔާރުންގެ ސުލޫކީ ގިނަ މައްސަލަތަކެއް ބެލިނަމަ އެ އަހަރަކަށް ވާނީ ނިމިގެން މިދާ 2019 ވަނަ އަހަރެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުތަކުން ފެށިގެން މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަތައްވެސް ޖޭއެސްސީއިން ބެލި އެވެ. އަދި ގިނަ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރި އެވެ.
ސުޕުރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރުން
ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަހަރު ކުރި އެންމެ ބޮޑު މަސައްކަތަކީ ސުޕްރީމް ކޯޓުގައި އޭރުގައި ތިބި ހުރިހާ ފަނޑިޔާރުން ވަކިކޮށް އެކޯޓަށް އާ ފަނޑިޔާރުން އައްޔަން ކުރުމެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗު އެންމެ ފުރަތަމަ ގާނޫނުއަސާސީ އައިއިރު އޮތް ގޮތަށް ހަތް ފަނޑިޔާރުންގެ ބެންޗްއަކަށް ވަނީ ބަދަލުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ ޖޭއެސްސީއިން ކުރިއަށް ގެންގޮސްފައިވަނީ އެ ފަނޑިޔާރުންގެ ސުލޫކީ ގިނަ މައްސަލަތަކެއް އާންމުންގެ ފަރާތުންނާއި މަޖިލީހުންވެސް އެ ކޮމިޝަނަށް ހުށަހެޅުމުންނެވެ. އެގޮތުން އެ ކޯޓުގެ ހަތަރު ފަނޑިޔާރަކު ވަނީ ވަކި ކޮށްފަ އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނު ކުރެވުނު އިރު އެންމެ ފާހަގަކޮށްލެވުނީ ރާއްޖޭގެ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރަކު އައްޔަނު ކުރެވުނު މިއީ ފުރަތަމަ ފަހަރަށް ވުމެވެ. ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެ އަންހެން ފަނޑިޔާރުންގެ ނަން މަޖިލީހަށް ފޮނުވާ މަޖިލީހުން ރުހުން ލިބިގެން ދިޔަ އެވެ. އެއީ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.
ސުޕްރީމް ކޯޓަށް ދެން އައްޔަނު ކުރި ފަނޑިޔާރުންނަކީ، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި އުއްތަމަ ފަނޑިޔާރަކަށް، ފަނޑިޔާރު މުއުތަސިމް އަދުނާން އާއި އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.
ސުޕްރީމް ކޯޓުގައި ދެން ތިބި ފަނޑިޔާރުންނާއި އެކު ހަ ފަނޑިޔާރަކު މިއަހަރު ތެރޭގައި ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ވަކިކުރަން މަޖިލީހަށް ހުށަހެޅުމުން ދެ ފަނޑިޔާރަކު ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ.
މަގާމުން ދުރުކުރި ފަނޑިޔާރުން
- ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ
- ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ
- ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
- ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ
- ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް
- ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު
މީގެ އިތުރުން ކްރިމިނަލް ކޯޓާއި ހައިކޯޓުވެސް ހިމެނޭގޮތަށް ގިނަ ފަނޑިޔާރުން ތަކެއްގެ ސުލޫކީ މައްސަލަތައް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. އަދި އޭގެތެރެއިން ބައެއް ފަނޑިޔާރުން ސަސްޕެންޑްވެސް ކޮށްފައިވެ އެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޖޭއެސްސީގެ ދަށަށް
ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއަކީ ކޯޓުތަކުގެ އިދާރީ ކަންކަން ކުރިއަށް ގެންދާ އިދާރާ އެވެ. އެ އިދާރާ މިވީހާ ދުވަހު އޮތީ ސުޕްރީމް ކޯޓުގެ ނުފޫޒުގެ ދަށުގަ އެވެ. ކޯޓަކުގެ އިދާރީ ކަންކަމުން ފެށިގެން ކޯޓުތަކުގެ ހުރިހާ ކަމަކާ ބަސްބުނެ އުޅުނީ ސުޕްރީމް ކޯޓުންނެވެ. ނަމަވެސް ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާޙުތަކެއް ގެނެސް އެ ބާރުތައް މިހާރު ވަނީ ގާނޫނުގައި ލިޔެ ޖޭއެސްސީގެ ދަށަށް ބަދަލުކޮށްފަ އެވެ.
ޖޭއެސްސީ ގާނޫނަށް ގެނައި ބަދަލާއެކުޔ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ކަންކަމަށް މިހާރު ސުޕްރީމް ކޯޓަކަށް އެއްވެސް ބަހެއް ނުކިޔޭނެ އެވެ. އަދި ކޯޓުތަކަށް އިދާރީ މުވައްޒަފުން ނެގުން ފަދަ ހުރިހާ ކަމެއް ހިނގާނީ ޖޭއެސްސީގެ ބެލުމުގެ ދަށުން ސުޕްރީމް ކޯޓުންނެވެ. މީގެ ކުރިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ވެފައި އޮތީ ސުޕްރީމް ކޯޓުން ކުރާ ގާނޫނާ ހިލާފު ކަންކަން ފޮރުވާ، އެކޯޓުގެ ފަނޑިޔާރުން ދިފާއުކުރާ އިދާރާ އަކަށެވެ. ނަމަވެސް މިހާރު އެކަން ވަމީ ހުއްޓިފަ އެވެ.
ޖޭއެސްސީގައި ނުފޫޒު އެބައޮތްތަ؟
ޖުޑިޝަރީ އިސްލާހު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަ ފަރާތްތައްވެސް އުޅެ އެވެ. އަދި ހަމަ އެހެންމެ ފާޑުކިޔާ މީހުންވެސް ގިނަ އެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުން ޖޭއެސްސީއަކީ އެމްޑީޕީގެ ގޮތްޕެކެވެ. ސަބަބެއް ކަމަށް ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނުގެ ވަކީލުންގެ ގޮތުގައި އުޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު އަދި މިހާރު ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަދި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ޖޭއެސްސީގައި ހިމެނުމެވެ.
ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި ހިމެނިވަޑައިގަންނަވަނީ މަގާމުގެ ހައިސިއްޔަތުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖޭއެސްސީގައި ހިމެނޭނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ އެވެ. ބަންޑާރަނައިބު އިބްރާހިމް ރިފްއަތުވެސް ޖޭއެސްސީގައި ހިމެނިވަޑައިގަންނަވަނީ މަގާމުގެ ހައިސިއްޔަތުންނެވެ. ހިސާން ޖޭއެސްސީއަށް އިންތިހާބު ކުރެވުނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ ގޮތުގަ އެވެ. ދެން އޮތް ސުވާލަކީ ޖޭއެސްސީގެ އެކުލަވާލެވިފައިވާ ގޮތް ރަނގަޅުތޯ އެވެ.
އެމްޑީޕީއިން އިންތިހާބުތަކުގައިވެސް އެންމެ ބާރަށް ދެއްކި އެއް ވާހަކައަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަން އަދި ފަށާފައެއް ނުވެ އެވެ. ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރަން ޖެހޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެންނެވެ.
މިއަހަރު ތެރޭގައި ޝަރުއީ ދާއިރާއިން ހިނގާ ދިޔަ ކަންކަމަށް ބަލާއިރު "ޖުޑިޝަރީ ފުރޮޅުމަކަށް" އައީ ބުނެވޭ ވަރުވެ އެވެ. މަތީ ކޯޓުގެ ތަކުގައި ގާނޫނާ، ގާނޫނުއަސާސީއާ ހިލާފަށް ކަންކުރި ފަނޑިޔާރުން ބޭރު ކުރުމަކީ އެންމެ ބޮޑު ބަދަލެވެ.