ޝަކީރާ އަށް އަހަރަށް ޖަލަށް ދާން ޖެހިދާނެ

ޝަކީރާ: އޭނާ 2012 އިން ފެށިގެން 2014 އަށް ޓެކްސް ނުދައްކާ ކަމަށް ދައުވާ ކުރަނީ --- ފޮޓޯ/ ވޯގް

މަޝްހޫރު އައިކޮނިކް ލަވަކިޔުންތެރިޔާ ޝަކީރާ، ޓެކްސް ފްރޯޑުގެ މައްސަލައަކާ ގުޅިގެން ޖަލަށް ދިޔުމާ މެދު ގޮތެއް ނިންމަން އަޑުއެހުން ފެށުމަށް ކޯޓަށް ހާޒިރު ވާން އަންގައިފިއެވެ.

ލަވަކިޔުންތެރިޔާ ޝަކީރާގެ ޓެކްސް ފްރޯޑުގެ މައްސަލައެއް ފެންމަތިވެގެން އުޅޭ ކަމުގެ ވާހަކަ ދެކެވެން ފެށީ މީގެ މަހެއް ކުރީންނެވެ. އަދި އެ މައްސަލައިގައި ވަކި ގޮތެއް ނިމިއްޖެނަމަ އަށް އަހަރަށް ޝަކީރާ ޖަލަށް ދާން ޖެހިދާނެ ކަމަށް ވާހަކަ ދެކެވުނެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. އެންމެފަހުން ސްޕެއިންގެ ޕަބްލިކް ޓްރެޝަރީ އިން އާންމުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން ޝަކީރާ ޓެކްސް ފްރޯޑުގެ މައްސަލައިގެ އަޑުއެހުން ފެށުމަށް ކޯޓަށް ހާޒިރުވުމަށް ތާރީޚް ކަނޑައަޅާފައެވެ.

އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިޔުމަށް ސްޕެއިންގެ ގާޒީއެއް ކަނޑައަޅާފައިވާއިރު އެ މައްސަލަ އަދި ތާވަލުކޮށްފައެއް ނުވެއެވެ. އެހެންކަމުން އަޑުއެހުން ފަށާނެ ތާރީޚެއް އަދި ނޭނގެއެވެ.

ޝަކީރާގެ މައްޗަށް ޓެކްސް ފްރޯޑްގެ ދައުވާކޮށްފައިވަނީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު އޭނާ ޓެކްސް ނުދެއްކުމުންނެވެ. އެ ދެ އަހަރުގެ ޓެކްސް ނުދެއްކުމުގެ ސަބަބުން މިހާރު ޓެކްސް ޖޫރިމަނާގެ އަދަދު 15.8 މިލިއަން ޑޮލަރަށް އަރައެވެ.

ނަމަވެސް ޝަކީރާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ. އަދި ނުދައްކާ އެއްވެސް ޓެކްސް އެއް ނޯންނާނެ ކަމަށް ޝަކީރާ ބުންޏެވެ. އަދި މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޝަކީރާ ބުނީ އެ މައްސަލައިގައި ކޯޓަށް ދާން ޖެހިއްޖެ ނަމަ ތައްޔާރު ކަމަށް ބުންޏެވެ.

comment ކޮމެންޓް