ޗަޕާކް އަކީ އެންމެ އުނދަގުލުން ދީޕިކާ ކުޅުނު ފިލްމު

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތު"ގެ ކާމިޔާބަށް ފަހު ދީޕިކާ ޕަދުކޯން ސްކްރީނުން ފެނިގެންދާ ފިލްމު ޗަޕާކް އަކީ އެންމެ އުނދަގުލުން ކުޅެ ނިންމާލި ފިލްމުކަމަށް ދީޕިކާ ބުނެފި އެވެ.

ދީޕިކާ ބުނީ އެ ފިލްމު ކުޅުނު އިރު ވަރަށް ހިތަށް ތަދުވި ކަމަށާއި ފިލްމު ކުޅެމުންދާއިރު ރޮވެންވެސް ރޮވުނު ކަމަށެވެ. އަދި އެ ފިލްމު ކުޅުނު އިރު ޑިޕްރެޝަން ވެސް ތަހައްމަލު ކުރަންޖެހުނު ކަމަށް ވެސް ދީޕިކާ ބުންޏެވެ.

"ފިލްމު ޝޫޓްކުރާއިރު ސެޓުގައި ކައުންސިލަރުން ތިބި. އަހަރެންނަށް ކައުންސިލް ދޭން. އެންމެ ފުރަތަމަ ހީކުރީ ގިނަ ގަޑިއިރު މަސައްކަތް ކުރީމާ ވާގޮތެއް ކަމަށް. އަބަދު ވެސް ހީވަނީ އުޅޭތަން އަނދިރިވެފައި ހުންނަހެން. ނޭވާ ހާސްވޭ. ތޮށްޖެހި މީހުން ގިނަ ތަންތަނުގައި ހުންނަން ޖެހިލުންވި،" ދީޕިކާ ބުނެފައިވެ އެވެ.

އެ ފިލްމަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ. އެ ފިލްމުގެ ފަސްޓް ލުކްގެ ޕޯސްޓަރުގައި ދީޕިކާ ފެނިގެންދަނީ ވެސް ތަފާތުކޮށެވެ. ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ ނެރެފަ އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ނެރޭ އެ ފިލްމު އެންމެ ކާމިޔާބު ފިލްމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ދީޕިކާ އާއެކު ފިލްމުގައި ފެނިގެންދާނީ ވިކްރަންތު މެކްސޭ އެވެ. ވިކްރަންތު އެފިލްމުގައި ފެނިގެންދާނީ ލަކްޝްމީގެ ފިރިމީހާ އަލޯކް ޑިކްސިތުގެ ރޯލުންނެވެ.

ލަކްޝްމީ އެސިޑްގެ ޝިކާރައަކަށްވީ އުމުރުން އެންމެ 15 އަހަރުގަ އެވެ. މިހާރު އޭނާ އަކީ އެސިޑު ހަމަލާތައް ހުއްޓުވުމަށް ތަފާތު ކެމްޕެއިންތައް ހިންގަމުން އަންނަ މީހެކެވެ.

comment ކޮމެންޓް