ރަޖިސްޓްރީނުކޮށް މުދާ އެތެެރެކޮށް ބޭރުކުރާ ނަމަ ފީނަގާ އުސޫލަށް ބަދަލުގެނެސްފި

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

ރަޖިސްޓްރީނުކޮށް މުދާ އެތެރެކޮށް އެކްސްޕޯޓް ނުވަތަ ރީ އެކްސްޕޯޓްކުރާ އިރު ފީނަގާ އުސޫލަށް ބަދަލުގެނެސްފި އެވެ.

އާ އުސޫލަށް އަމަކުރަން ނިންމާފައި ވަނީ އަންނަ އަހަރުން ފެށިގެންނެވެ.

ކަސްޓަމްސް އިން އަލަށް ގެނައި ބަދަލުގައި ބުނީ ރަޖިސްޓަރީނުކޮށް، މުދާ އިމްޕޯޓްކުރަން ނުވަތަ އެކްސްޕޯޓްކުރަން ނުވަތަ ރީ-އެކްސްޕޯޓްކުރަން އުޅެފި ނަމަ، ޕްރޮސެސިންގ ފީ ނަގާގޮތަށް މިހާރު ހަމަޖައްސައިފައިވާ ކަަމަށެވެ.

އެގޮތުން ޕްރޮސެސިންގ ފީގެ ގޮތުގައި ނަގާނީ ޑިކްލަރޭޝަންގައިވާ މުދަލަށް ކަސްޓަމްސް އިން ކަނޑައަޅާ ސީއައިއެފް އަގުގެ 10 ޕަސެންޓް ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެގޮތަށް ޕްރޮސެސިން
ފީ ނަގާނީ ކޮމާޝަލް ކްއެންޓިޓީގެ ގޮތުގައި ބެލެވޭ ތަކެއްޗަށް ކަަމަށް ކަސްޓަމްސް އިން ބުންޏެވެ.

ޕްރޮސެސިންގް ފީ ނެގޭ ހާލަތުގައި ރެވެނިއު ސްޓޭމްޕް ފީ ދައްކާކަށް ނުޖެހޭނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެހެން ނަމަވެސް ގެދޮރު ޢިމާރާތްކުރުމަށާއި އޮޑިދޯނިފަހަރު ބަނުމަށް އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީނުކޮށް މުދާ އެތެރެކުރާ ހާލަތުގައި، އެފަރާތްތަކުގެ ޑިކްލަރޭޝަން ނިންމުމުގައި ޕްރޮސެސިންގް ފީ ނެގުމުގެ ބަދަލުގައި ރެވެނިއު ސްޓޭމްޕްގެ އަގަށްވާ ފައިސާ ދައްކަންޖެހޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

comment ކޮމެންޓް