ރާއްޖޭގެ ލީޑިންގް ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑު، ދަ ސަން ސިޔާމް އިރުފުށި ރިސޯޓުން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.
ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަންގައި ސަން ސިޔާމް އިރުފުށިން އެ އެވޯޑް ހާސިލުކުރިއިރު، 2016، 2017 އަދި 2018 ވަނަ އަހަރު ވެސް އެ އެވޯޑު ހޯދާފައިވަނީ އެ ރިސޯޓުންނެވެ.
މިއަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި އިރުފުށީގެ އިތުރުން ކިހާ މޯލްޑިވްސްއިން ވެސް ވަނީ ލީޑިންގް ވެލްނެސް އެންޑް ސްޕާ ރިސޯޓުގެ އެވޯޑް ހޯދާފަ އެވެ.
އެ ދެ ރިސޯޓާއެކު ޖުމްލަ 12 ރިސޯޓަކުން ވަނީ އެ އެވޯޑަށް ނޮމިނޭޓްވެފަ އެވެ.

ދަ ސަން ސިޔާމް އިރުފުށި ރިސޯޓު ހިންގާ ރަށް -- ފޮޓޯ/ ދަ ސަން ސިޔާމް އިރުފުށި
ދަ ސަން ސިޔާމް އިރުފުށި ރިސޯޓަކީ މީގެ ކުރިންވެސް ރާއްޖޭގެ އަދި ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް ލިބިފައިވާ ޕްރޮޕަޓީއެކެވެ.
ދަ ސަން ސިޔާމް އިރުފުށި ރިސޯޓުގައި ހުންނަ ސްޕާއަކީ "ދަ ސްޕާ ބައި ތާލްގޯ އެޓް ދަ ސަން ސިޔާމް އިރުފުށި"އެވެ.
ސަން ސިޔާމް ރިސޯޓްސްގެ ދަށުން ފަސް ރިސޯޓެއް ހިންގަ އެވެ. އެއީ ނ. މެދަފުށީގައި ހިންގާ ދަ ސަން ސިޔާމް އިރުފުއްޓާއި ކ. އޮޅުވެލީގައި ހިންގާ އޮޅުވެލި ބީޗް އެންޑް ސްޕާގެ އިތުރުން ދ. މީދުއްފުށީގައި ހިންގާ ސަން އަކުއާ ވިލުރީފްއާއި ދާދި ފަހުން ދ. އަލުވިފުށީގައި ހުޅުވި ސަން އަކުއާ އިރުވެލި އަދި ސްރީލަންކާގެ ބަޓިކަލޯގައި ހިންގާ ސަން އަކުއާ ޕާސިކުޑަ އެވެ.