ހައްދުއްމަތީގެ ސިއްހީ ހިދުމަތަށް އިންގިލާބި ބަދަލެއް އަންނާނެ ކަަަމަށާއި އޭގެ އަސަރު ހިތަދޫ ސިއްހީ މަރުކަޒުންވެސް ފެންނާނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު ފުރުމާގުޅިގެން ބޭއްވި ހާއްސަ ހަފްލާގައި މިނިސްޓަރު ވިދާޅުވީ އެ ސިއްހީ މަރުކަޒަކީ ފާއިތުވި އަހަރުތަކުގައި ރައްޔިތުންގެ ބުރަ މަސައްކަތުން ވަރަށް ދަތި ހާލުން އަރައިގަނެ މެދުކެނޑުމެއް ނެތި ހިދުމަތް ދެމުންއައި ސއްހީ މަރުކަޒެއް ކަމަށެވެ. އަދި އޭގެ ސަބަބަކީ ރައްޔިތުންގެ އެއްބައިވަންތަކަމާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުން ކަަމަށްވެސް އަމީން ވިދާޅުވިއެވެ.
އެ ސިއްހީ މަރުކަޒަށް 50 އަހަރު ފުރިގެންދާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތަކީ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ލ އަތޮޅު ހިމެނޭ ސަރަހައްދުގެ ސިއްހީ ހިދުމަތް ތަރައްގީކޮށް މުޅިން އާ ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި މިސަރަހައްދުގެ ސިއްހީ ހިދުމަތަށް އަންނަން މިއުޅޭ އިންގިލާބީ ބަދަލުގެ ހެޔޮ އަސަރު ހެޔޮ ނަތީޖާ މިރަށުންވެސް ފެނިގެންދާނެ. އިރާދަކުރެއްވިއްޔާ މިރަށަށް 50 އަހަރު ފުރި އާ 50 އަހަރަކަށް ކުރިމަތިލާއިރު މި ސަރަހައްދަށް އަންނަ ސިއްހީ ގޮތުން އަންނަ ކުރިއެރުމުގެ ވަރަށް ބޮޑު ރާހަތެއް މިރަށަށް ކުރާނެކަން އެއީ ކަށަވަރުކަމެއް." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ތަޖުރިބާއެއްގެ ގޮތުގައި މޮބައިލް ލެބޯޓަރީ ތައާރަފްކުރެވުނީ ލ.އަތޮޅު ސަރަހައްދަށް ކަމަށާއި އޭގެން އުއްމީދުކުރިވަރަށް ވުރެ މާބޮޑު ނަތީޖާއެއް ފެނުނު ކަމަށެވެ. އަދި އޭގެ ތަޖުރިބާގެ އަލީގައި ކުޑަކުދިންނާއު އަންހެނުންގެ ޑޮކްޓަރުން އަދި ސްކޭންކުރެވޭނެ ގޮތްތަކެއް ހޯދަން މަސަައްކަތްކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ދުވަހަކުވެސް ނާންނަ ވަރުގެ ބަދަލެއް އެ ސަރަހައްދަށް އަންނާނެ ކަމަށެވެ.
"އެ ބަދަލަށް ވަރަށް ބޮޑު ހަރަދެއް އެބަކުރެވޭ. ވަރަށް ބޮޑު މަސައްކަތްތަކެއް ކުރެވޭ. އެހެންވީމާ މި ސަރަހައްދުގެ ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާއި އަދި ކުރިއަށްއޮތް ތަނުގައި ޓާޝިއަރީ ހޮސްޕިޓަލްގެ އިސް މުވައްޒަފުންނާ ހިންގުންތެރިން ގުޅިގެން މި ހިދުމަތް ރައްޔިތުންނާ ހަމައަށް އެންމެ އެކަށީގެންވާގޮތެއްގައި ފޯރުކޮށްދިނުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ އެދުމެއް." މިނިސްޓަރު ވިދާޅުވިއެވެ.
ހިތަދޫގެ އާބާދީގައި 1200 ރައްޔިތުން ހިމެނޭއިރު އެރަށުން ހިދުމަތްތައް ލިބެން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ލ. އަތޮޅުގައިފަތތުރުވެރިންކަން އިތުރުވެ ގިނަ ބަޔަކު ޒިޔާރަތްކުރަމުންދާތި އެކަމަށްވެސް ހިދުމަތްތައް ފުޅާކުރާން ނިންމާފައިވާ ކަމަށެވެ.