ޓްރަމްޕް އިމްޕީޗް ކުރުން: ދެން ވާނީ ކިހިނެތް؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން ނިންމާފަ -- ފޮޓޯ: ގެޓީ

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން އިއްޔެ ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ދެ ދައުވާއެއް ކުރަން ނުވަތަ އިމްޕީޗް ކުރަން ރުހުން ދީފަ އެވެ.

ޓްރަމްޕްގެ މައްޗަށްކޮށްފައިވާ ދައުވާތަކަކީ ކޮބާ؟

ޓްރަމްޕްގެ މައްޗަށްކޮށްފައި ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ޑިމޮކްރެޓިކް ޕާޓީން ތުހުމަތު ކުރާ ގޮތުގައި ރައީސް ޓްރަމްޕް ވަނީ އެޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންގެ ތަހުގީގެއް ހިންގުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ ގާތުގައި އެދިލައްވާފަ އެވެ. އަދި ޒެލެންސްކީއަށް ޕްރެޝަރު ކުރުމުގެ ގޮތުން ޔޫކްރެއިންއަށް އެމެރިކާއިން ދޭ އެހީ ހިފެހެއްޓި ކަމަށް ޑިމޮކްރެޓިކް މެމްބަރުން ވިދާޅުވެ އެވެ.

އެމައްސަލަ ޑިމޮކްރެޓިކް ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސް އޮފް ރެޕްޒެންޓޭޓިވްސްގެ ބައެއް ކޮމިޓީތަކުން ވަނީ ތަހުގީގުކޮށްފަ އެވެ. އަދި އެތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ދިނުމަށާއި ވައިޓް ހައުސްގެ މުވައްޒަފުން އެތަހުގީގުގައި ބައިވެރިވުން ޓްރަމްޕް ހުއްޓުވުމުން، ހައުސްއިން ވަނީ އެއީ ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުން ކަމަށް ބުނެފަ އެވެ.

ސެނެޓުގެ ޝަރީއަތް ކުރިއަށްދާނީ ކިހިނެތް؟

އެމެރިކާގެ ގާނޫނު އަސާސީގައި އޮންނަ ގޮތުން ހައުސްއިން ރައީސް އިމްޕީޗް ކުރަން ނިންމައިފި ނަމަ، އެމައްސަލައިގެ ޝަރީއަތް ސެނެޓުގައި ކުރިއަށްގެންދަން ޖެހޭނެ އެވެ. އެޝަރީއަތް ގެންދާނެ ގޮތުގެ ބައެއް އާއްމު ގަވާއިދުތައް ބަޔާންކޮށްފައިވީ ނަމަވެސް، ޝަރީއަތުގައި ހެކި ހުށަހެޅުމާއި ހެކިވެރިން ހާޒިރު ކުރުމާ ބެހޭ މައިގަނޑު ނިންމުންތައް ނިންމަވާނީ ސެނެޓުގެ މެޖޯރިޓީ ލީޑަރު އަދި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ މެމްބަރު މިޗް މެކޮނެލް އެވެ.

އެޝަރީއަތުގެ ރިޔާސަތުގައި ހުންނަވަނީ އުއްތަމަ ފަނޑިޔާރު ޖޯން ރޮބާޓްސް އެވެ. ނަމަވެސް އެމައްސަލަ ބަލާ ފަނޑިރުންނާއި ޖޫރީންގެ ދައުރު އަދާ ކުރައްވާނީ ސެނެޓަރުންނެވެ. އަދި ފަނޑިޔާރު ރޮބާޓްސްގެ ދައުރަކަށް ވާނީ، ޝަރީއަތް ދަނީ ގަވާއިދާ އެއްގޮތަށްތޯ ބެއްލެވުމަށާއި ޝަރީއަތަށް ފަހު ނަގާ ވޯޓު އެއްވަރުވެއްޖެ ނަމަ، ވޯޓު ދެއްވާށެވެ.

އަންނަ މަހު ބާއްވާނެ ކަމަށް ބެލެވޭ އެޝަރީއަތުގައި ޓްރަމްޕްގެ މައްޗަށްކޮށްފައިވާ ދައުވާތައް ހުށަހެޅުމަށް، ހައުސްގެ ޕްރޮސެކިއުޓަރުންގެ ގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންތަކެއް ހޮވާނެ އެވެ.

ސެނެޓުގެ ޝަރީއަތަށް ހެކިވެރިން ހާޒިރު ކުރާނެތަ؟

ރައީސް ޓްރަމްޕް ވަނީ ސެނެޓުގެ ޝަރީއަތަށް ބައިޑެން އާއި އޭނާގެ ދަރިކަލުން ހަންޓާ ބައިޑެން ހާޒިރު ކުރުމަށް ގޮވާލައްވާފަ އެވެ. އަދި ޑިމޮކްރެޓިކް ޕާޓީން ވަނީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް މިކް މުލްވާނީ އާއި ކުރީގެ އެޑްވައިޒަރު ޖޯން ބޯލްޓަން ފަދަ ބޭފުޅުންގެ ހެކިބަސް ނަގަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް އެޝަރީއަތަށް ހެކިވެރިން ހާޒިރު ކުރެވޭނީ ސެނެޓުގެ އަޣުލަބިއްޔަތުން އެކަމަށް ތާއިދު ކުރުމުންނެވެ. އަދި ރިޕަބްލިކަން ޕާޓީން ވަނީ ޝަރީއަތް ކުރިއަށްގެންދާނީ ވީހާވެސް ކުރުކޮށް ކަމަށް ބުނެފަ އެވެ.

އެޝަރީއަތަށް ހާޒިރުވުމުގެ އިހުތިޔާރު ރައީސަށް ދީފައިވެ އެވެ. ނަމަވެސް ރައީސް ތަމްސީލުކޮށް ވާހަކަ ދައްކަވާނެ ކަމަށް ބެލެވެނީ ވައިޓް ހައުސްގެ ވަކީލެކެވެ.

ސެނެޓުން ޓްރަމްޕް އަޒުލު ކުރަން ފާސްކުރާނެތަ؟

ޖުމްލަ 100 މެމްބަރުންގެ ސެނެޓަށް ރައީސަކު އަޒުލު ކުރެވޭނީ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓް ލިބުމުންނެވެ.

މިވަގުތު ސެނެޓުގައި ތިއްބެވީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ 53 މެމްބަރުންނާއި ޑިމޮކްރެޓިކް ޕާޓީގެ 45 މެމްބަރުންނާއި ދެ މިނިވަން މެމްބަރުން ކަމުން، އެ ސެނެޓުން ޓްރަމްޕް އަޒުލު ކުރުމަކީ ނާދިރު ކަމެކެވެ.

ނަމަވެސް ޓްރަމްޕް އަޒުލު ކުރަން ފާސްކޮށްފި ނަމަ، 20 ޖެނުއަރީ 2021ގައި އޭނާގެ ދައުރު ނިމެންދެން ވެރިކަން ކުރައްވާނީ ނައިބު ރައީސް މައިކް ޕެންސް އެވެ.

comment ކޮމެންޓް