ދޮންނަ މެޝިން ދޮންނަންތަ؟

އަހަރެމެން ލައި ހުރިހާ އަންނައުނެއް، ދާވެ މިލަވުމުން އެ ސާފުކޮށް އަލުން އެލެވޭ ވަރަށް ރީތިކޮށްދީ މީރުވަސް ދުއްވާދެނީ ދޮންނަ މެޝިނެވެ. ގޭގައި އުޅޭ ހުރިހާ އެންމެންގެ ހެދުންތައް އެއްވެސް ވަރުބަލިކަމެއް ނެތި ދޮވެ ސާފުކުރުމުގެ މަސައްކަތް މި މެޝިންތައް ކުރާއިރު، އެ މެޝިން ދޮންނަނީ ކިތަށް ފަހަރު ހެއްޔެވެ؟

ފަހަރެއްގައި ނިިކަން ގަވާއިދުން މިކަން ކުރާ ބަޔަކު ތިބެދާނެ އެވެ. އެހެން ނަމަވެސް މެޝިން ދޮވުމުގެ މުހިންމުކަން ގިނަ ބަޔަކަށް ނޭނގެ އެވެ.

މެޝިން ދޮންނަންވީ ކީއްވެ؟

މެޝިނަކީ އެއްޗެހި ދޮންނަ އެއްޗަކަށްވާއިރު، މެޝިނުގައި ދޮންނަ އެއްޗިހި ދޮންނަ ކޮންމެ ފަހަރަކު މެޝިންވެސް ދޮވޭނެ އެއް ނޫން ހެއްޔެވެ؟ މިއީ ފަހަރެއްގައި އެއްބައެއްގެ ހިތަށް އަރާފާނޭ ސުވާލެކެވެ.

އެހެންނަމަވެސް އެއްކަމަކީ އާދައިގެ ފެނުގައި މެޝިނުން އެއްޗެހި ދޮންނައިރު މިއީ ބެކްޓީރިއާ ފަދަ ތަކެތި އާލާވުމަށް އެންމެ އެކަށޭނަ އެއް މާހައުލެވެ. އަދި މީގެ ސަބަބުން މެޝިނުގައި ނުބައި ވަސްދުވާ ދޮންނަ ހެދުންތަކުގައިވެސް މިވަސް ހަރުލަ އެވެ.

އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި 40 ޑިގްރީ ސެލްސިއަސްގައި ދޮންނަ އަންނައުނުގެ ތެރެއިން ކޮންމެ ހަތަރު އެއްޗަކުން ބޮޑުކަމުދާ ތަކެއްޗާ ގުޅުން ހުރި ބެކްޓީރިއާއެއްވަނީ ފެނިފަ އެވެ.

އަދި 60 ޑިގްރީ ސެލްސިއަސްގައި ދޮންނަ އެއްޗެހިން މި ބެކްޓީރިއާ ނުފެނުނު ނަމަވެސް، މި ހޫނުމިނުގައި އަންނައުނު ހަލާކުވުމާއި ހަރަދު ބޮޑުވުން ފަދަ މައްސަލަތައް ދިމާވެ އެވެ.

އެހެންކަމުން ޖަރާސީމުންނާއި އަދި އޭގެ ސަބަބުން ދުވާ ނުބައިވަހުން މެޝިނު ސަލާމަތްކުރުމަށްޓަކައި ގަވާއިދުން އަދި ފަރުވާތެރިކަމާއިއެކު މެޝިން ދޮވެ ސާފުކުރުން މުހިންމެވެ.

މެޝިން ދޮންނާނީ ކިހިނެއް؟

މެޝިން ދޮވެ ސާފުކުރުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން ގަވައިދުން، މެޝިން ދޮވުން ހިމެނެ އެވެ. މިފަދައިން ދޮންނައިރު މެޝިންގެ ޑިޓާޖެންޓް ނޫނީ ސައިބޯނި އަޅާ ބަޔާއި، ދޮރުފަތް ސާފުކުރަން ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ.

މީގެ އިތުރަށް، މަހަކު އެއްފަހަރު ނަމަވެސް ސާވިސް ވޮޝްއެއް، 60 ޑިގްރީސެލްސިއަސްގައި، އެއްވެސް އަންނައުނެއް ނުވަތަ ޑިޓާޖެންޓެއް ނުލައި މެޝިންގެ ތެރެ ދޮވެލުން މުހިންމެވެ. އޭރުން ޖަރާސީމު އުފެދުމުން ދުރުކޮށްދޭނެ އެވެ.

ކޮންމެ ތިންމަހާއި ހަމަހާއި ދެމެދު މެޝިން ސާފުކުރަން ބޭނުންކުރާ ހާއްސަ ކްލީނާއެއް ބޭނުންކޮށްގެން ދޮވެލުންވެސް އެދެވިގެންވެ އެވެ.

މީގެ އިތުރުން، އެއްޗެހި ދޮވެނިމުމުން މެޝިނުގެ ދޮރު ހުޅުވާފައި ބެހެއްޓުމަކީވެސް މެޝިނު ސާފުކޮށްދީ އަދި ނުބައި ވަސްދުވުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

ދޮވެލަން ރަނގަޅީ ވިނެގާ އާއި ބޭކިން ސޯޑާ

މެޝިން ސާފުކޮށްލަން ޑީއައިވައި އެއް ބޭނުންނަމަ ގިނަ ބަޔަކު ބުނާގޮތުން މިކަމަށް އެންމެ ރަނގަޅީ ބޭކިން ސޯޑާ އާއި ވިނެގާ އެވެ. މިގޮތުން ޑިޓާޖެންޓްގެ ބަދަލުގައި ވިނެގާއަޅާފައި ހުސް މެޝިން ފުރަތަމަ ދޮވެލުމަށްފަހު ދެވަނަ ފަހަރަށް މެޝިންގެ ޑްރަމްއަށް ބޭކިން ސޯޑާއަޅާލުމަށްފަހު ދޮވެލާށެވެ. ބޮޑަށް އެދެވިގެންވަނީ ހޫނު ފެން ބޭނުންކުރުމެވެ. އެއަށްފަހު ފޮތިކޮޅަކުން ބޭކިން ސޯޑާ އެޅިދިމާ ފޮހެލާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު