ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފައަކަށް އެދިވަޑައިގެންފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމު މިހާރު ވަނީ ހުސްވެފަ އެވެ. އެއީ މިމަހު ހަތަރު ވަނަ ދުވަހު އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޢަނީ މުހައްމަދު އެ މަގާމުން ވަކިކުރުމާއި، މިދިޔަ މަހުގެ 20 ވަނަ ދުވަހު ފަނޑިޔާރު އަބްދުﷲ އަރީފް ސިއްހީ ސަބަބުތަކަކަށް ޓަކައި ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައ ވިދާޅުވީ، ގާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ހދ. ވައިކަރަދޫ ވައިޖެހޭގެ އަލްއުސްތާޒު އަހްމަދު ފާއިޒް ހުސައިން އައްޔަންކުރުމާ ގުޅޭގޮތުން ޖޭއެސްސީގެ މަޝްވަރާއަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.
ފާއިޒު އުއްތަމަ ފަނޑިޔާރަކަށް ހުންނަވަނިކޮށް ފަނޑިޔާރުކަމުން ވަކިކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ކޯޓްތަކުގެ ގާނޫނަށް ޑިސެމްބަރު 2014 ގައި ގެނައި އިސްލާހަކަށް ފަހު އެވެ.
މިފަހުން އުއްތަމަ ފަނޑިޔާރަކަށް ހަމަޖެއްސި މުއުތަސިމް އަދުނާން އަކީވެސް، އޭރު ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރެއްވި ބޭފުޅެކެވެ.
ސުޕްރީމް ކޯޓަށް ހައިކޯޓްގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހަމަޖައްސަވަން ރައީސް ސޯލިހު މީގެ ކުރިން ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެންނެވި އެވެ. އެހެން ނަަމަވެސް، އޭނާއާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީއިން ބަލަމުން ދާތީ، އެ ނަމާ މެދު ގޮތެއް ނިންމުން ޖޭއެސްސީ ވަނީ ފަސްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ، އުއްތަމަފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝޫޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދެވެ.