ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖުން މާލެ އާއި ވިލިމާލެ ގުޅުވާލިޔަސް، ވިލިމާލެ އޮންނާނީ އިންޖީނު ލީ އުޅަނދު ނުދުއްވާ ރަށެއްގެ ގޮތުގައި ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖާ ގުޅޭ ގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި މަހާސިންތާއަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖު މަޝްރޫއުގެ ތެރެއިން މާލެއާއި ވިލިމާލެ ގުޅުވާލިޔަސް، ވިލިމާލެއަކީ އިންޖީނު ލީ އުޅަނދު ނުދުއްވާ، ފެހި އަވަށެއްގެ ގޮތުގައި ދެމެހެއްޓުމަށް އޮތް އޮތުމަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
"ވިލިނގިއްޔަކީ މީހުން ވެހިކަލްގައި އުޅޭ ރަށެއް ނޫން. އަޅުގަނޑުމެންގެ ވިސްނުން މިހިރީ ވިލިނގިލީގެ ޑިވެލޮޕްމަންޓް އަދިވެސް އެގޮތުގައި ބާއްވަން. ދެން ވިލިނގިއްޔަށް ދާ މީހުންގެ ވެހިކަލް ބާއްވާނެ ތަނެއް އޮންނަން ޖެހޭނެ. އެހިސާބުން ވިލިނގިލި ތެރޭގައި އުޅޭނީ މިހާރު ވެސް އުޅޭ ގޮތަށް. ވިލިމާލެއަކީ ގްރޭޓާ މާލެ ރީޖަންގައި ޚާއްސަ ސިފަތަކެއް އެކުލެވޭ ރަށެއްގެ ގޮތުގައި ބޭއްވުމަށް އަދިވެސް މި ގަސްތު ކުރަނީ." މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
ދަރުބާރުގޭގައި ބޭއްވި މަހާސިންތާގައި ދައްކާލި ޕްރެޒެންޓޭޝަންގައި މާލޭން ފެށިގެން ގޮސް ވިލިމާލޭގެ ދެކުނު ފަރާތާ ބުރިޖު ގުޅޭ ހިސާބުގައި ޕާކިންގް ސަރަހައްދުތަކެއް ތަރައްގީ ކުރުވިދާނެ ގޮތްތަކެއް ވަނީ ދައްކާލާފަ އެވެ.
އެގޮތުން ބުރިޖް ވިލިމާލެއާ ގުޅޭ ސަރަހައްދުގައި ބުރިޖުގެ ދެ އަރިމަތީގައި ޕާކިންގް ސަރަހައްދުތަކެއް އަޅައި، ހިނގާ މީހުންނަށް ބުރިޖުގެ އަޑިން ދެވޭ ގޮތަށް "އަންޑަޕާސް"އެއް ތަރައްގީ ކުރެވިދާނެ ކަމަށް އެ ކޮންސެޕްޓުގައި ބުނެފައިވެ އެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު، ވިލިމާލޭގެ ރައްޔިތުންގެ ހިޔާލު ވެސް ހޯދުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލެއާއި ވިލިމާލެ ބުރިޖަކުން ގުޅުވާލިޔަސް ވިލިމާލޭގައި އިންޖީނު ލީ އުޅަނދު ނުދުއްވާ ގޮތަށް އޮތް އުސޫލު ދަމަހައްޓާނެ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، އެ އުސޫލު ދެމެހެއްޓުމަށް ވިލިމާލޭގެ ރައްޔިތުން ވެސް ވަނީ އެދިފަ އެވެ.
މިއަހަރުގެ ޖުލައި މަހު މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ދެނެގަތުމަށް ބޭއްވި ބައްދަލުވުމެއްގައި ބުރިޖު މަޝްރޫއުގެ ސަބަބުން އެ އަވަށުގެ ފެހިކަން ގެއްލިދާނެތީ ވިލިމާލޭގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާހަގަކޮށްފަ އެވެ.
އެ މަޝްރޫއުގެ ސަބަބުން ވިލިމާލެއަށް އަތުވާދާނެ ބަދަލުތައް ވިސްނައިގެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ރައްޔިތުން އެދުނުއިރު، ވިލިމާލެއަކީ ފެހި އަވަށެއްގެ ގޮތުގައި ބޭއްވުމުގެ ކޮންސެޕްޓްގައި އެ އަވަަށް ތަރައްގީ ކުރުމަށް ވެސް ރައްޔިތުން ވަނީ އެދިފަ އެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ބުރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށަން މަސައްކަތް ކުރަމުންދާއިރު، އެ މަޝްރޫއު 2023 ވަނަ އަހަރަށް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.