ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ވާޑާ ބްރެމެން އަތުން ބޮޑު ތަފާތަކުން ބަޔާން މިއުނިކް މޮޅުވި މެޗުގައި ބްރެޒިލްގެ ތަރި ފިލިޕޭ ކުޓީނިއޯ ހެޓްރިކެއް ހަދާ ދެ އެސިސްޓް ކޮށްފި އެވެ.
ބަޔާންގެ އެލަޔަންޒް އެރީނާގައި ރޭ ކުޅުނު މެޗު ނިމުނީ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ މޮޅާ އެކު އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދި ބަޔާން މިވަގު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހު މިފަހަރުގެ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ރަސެން ބޯލްސްޕޯޓް ލެޕްޒިގް އެވެ. ދެވަނައިގައި ބުރޮޝިއާ މޮންޗެންގްލަބަޝް އޮތް އިރު ތިންވަނައިގައި އޮތީ ބްރޮޝިއާ ޑޮޓްމަންޑެވެ.
ވޭތުވެ ދިޔަ އަހަރުތަކުގައި ހޯދި ބޮޑެތި ކާމިޔާބީތަކާ އެކު ބަޔާނުން މި ސީޒަނާއި ކުރިމަތިލީ ވެސް ބޮޑެތި އުންމީދުތަކެއްގަ އެވެ. އެގޮތުން ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް ނަން މަޝްހޫރު ބައެއް ކުޅުންތެރިންވެސް ގެނަ އެވެ. އެކަމަކު ޓީމަށް އެންމެ އެދެވޭ ނަތީޖާތަކެއް ނުނެރެވި ލީގު ތާވަލުގެ ފަހަތަށް ފޭދެން ފެށުމުން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ނިކޯ ކޮވަޗް ވަނީ މަގާމުން ދުރުކޮށްފަ އެވެ.
ރޭގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް އަވަސް އެޓޭކިންގް ފުޓުބޯޅައެއް ކުޅުނު އިރު ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވާޑާ ބްރެމެން އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ކުޓީނިއޯއާއި ރޮބާޓް ލެވަންޑޮސްކީގެ ގޯލުން ބަޔާން ވަނީ ލީޑު ނަގާފަ އެވެ.
ދެވަނަ ހާފުގައި ބަޔާނުން ވަނީ މޮޅު ކުޅުމެއް ކުޅެ އެ ޓީމުގެ ހަގީގީ ފެންވަރު ދައްކާލާފަ އެވެ. އެ ހާފުގައި ދެ ގޯލު ޖަހައި ކުޓީނިއޯ އޭނަގެ ހެޓްރިކް ފުރިހަމަކުރި އިރު ތޯމަސް މުލާ އަދި ލެވަންޑޮސްކީ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ.
ޖެހިޖެހިގެން ދެ ބައްޔާ އެކު ރޭގެ މެޗަށް ނުކުމެ ހޯދި މޮޅާ އެކު ޓީމުގެ އުންމީދު އަލުން އާވެފައިވާ ކަމަށް އެ ޓީމާއި އަލަށް ހަވާލުބި ހެންސީ ފްލިކް ވަނީ ބުނެފަ އެވެ.