ބޮޑު ހުޅުތަކުން ސިހުން، އެތައް އިބުރަތެއް!

ހ. ފެހިއާބާދުގޭގައި ރޯވެފައިވާ އަލިފާންގަނޑު އެ ސަރަހައްދައް ފެތުރެމުން ދަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މާލޭގައި މާރާމާރީ އާއި މީހުން މެރުން އިންތިހާއަށް މަދެވެ. ނަމަވެސް މި އަހަރު ވެރިރަށް، މާލޭގައި ޖައްސަޖައްސައިގެން، ހިނގި ބޮޑެތި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ރައްޔިތުންނަށް ސިހުމާއި ބިރުވެރިކަން ގެނުވި އެވެ.

މި އަހަރުގެ ތެރޭގައި އަލިފާނުގެ ގިނަ ހާދިސާތަކެއް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ހުށަހެޅިފައިވެ އެވެ. ނަމަވެސް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަ ބިރުވެރި ދެ ހާދިސާއެއް މި އަހަރު ވަނީ ހިނގައިފަ އެވެ.

މުޅި ގައުމު ސިއްސުވާލި ބޮޑު ހުޅު!

ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ދެ ނަމާދު ދޭތެރޭ މާލެއަށް ވެރިވެފައި އޮތް ހިމޭންކަން ފޫއަޅުވާލީ ބާރުގަދަ ގޮވުންތަކަކުންނެވެ. އެއް ބަޔަކު ހީކުރީ ކުރިން އެންގުމެއް ނެތި ހަވާ އަރުވަން ފެށީ ކަމަށެވެ. ކުޑަކުދިން އުފަލުން ހަވާ ބަލަން ކުޑަދޮރުތައް ހުޅުވާލި އިރު ކަމަކު ދާކަށް ނެތެވެ. މިއުޅެނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިގެންނެވެ. މުޅި މާލެ އޮތީ ކަޅު ދުމުން ފުސްކޮށްލައިފަ އެވެ.

އަލިފާން ރޯވީ އަބަދަށްފެހިމަގުގައި، ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގަ އެވެ. ގުދަނުގައި ރޯވި އަލިފާންގަނޑު ބަޑިޖަހައި ފެތުރެން ނެގީ މަދު ސިކުންތުކޮޅެކެވެ. މާލެ-ހުޅުމާލެ ގުޅުވައިދޭ ހައިވޭ މަތިން ވެސް ބޮޑު ހުޅު ހުރީ ސާފުކޮށް ފެންނާށެވެ. އެހާވެސް ބޮޑެވެ.

މާލޭގައި ހިނގި ބިޔަ އަލިފާނުގެ ހާދިސާ: މި ހާދިސާގައި ހަތް ގެޔެއްގައި އަލިފާން ހިފި އިރު އެކެއްގެ ފުރާނަ ވެސް ވަނީ ގެއްލިފަ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަލިފާންގަނޑު ބޮޑުވެ ހަތަރު ގުދަނަކާއި ހަ ގެޔަކަށް ފެތުރުނެވެ. އޭރު ގެތަކުގައި އެތައް ސަތޭކަ ބަޔަކު ތިއްބެވެ. ހަތަރު ގަޑިއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު އިރު، އަލިފާނާއި ދުމުގެ ސަބަބުން ގެއެއްގައި ތާށިވެ، އަންހެނަކު ނިޔާވި އެވެ. އަދި އެތައް އާއިލާއެއްގެ ގެދޮރު ގެއްލި، ހާލުގައި ޖެހުނެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ހާދިސާގައި 700 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. އަދި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 1.1 މިލިއަނަށް އަރާއިރު، އިމާރާތަށް ލިބުނު ގެއްލުމުގެ އަގު 35 މިލިއަނަށް އަރަ އެވެ.

ދުންގަނޑުގެ ތެރެއިން ފެނުނު ނާތަހުޒީބު މަންޒަރު!

އަލިފާންގަނޑު ކޮންޓްރޯލްކޮށް ގެތަކުން މީހުން ނެރުމަށް ސިފައިން މަސައްކަތް ކުރަމުން ދިޔައިރު، ފުލުހުން މަސައްކަތް ކުރަމުން ދިޔައީ މީހުން ދުރަށް ޖައްސައި އެ ސަރަހައްދަށް އެމްބިއުލާންސާއި ފަޔާ ލޮރީތަކަށް ވަދެވޭނެ ގޮތް ހެދުމަށެވެ. މި މަސައްކަތުގައި އާންމުން ވެސް ވަނީ ސަލާމަތީ ބާރުތަކާ އަތުގުޅުވާލައި މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް ބޮޑު ދުންގަނޑުގެ ތެރެއިން ފެންނަން ހުރީ ފޯނުގެ ސްކްރީންތަކެވެ. ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ޖެހި ޖެހިގެން ހުރި އިމާރާތްތަކުން ފުރިފައިވާ މާލޭގެ ހުރިހާ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައި އޮތް ދަނޑިވަޅެއްގައި ވެސް ކުޅި ބަލަން އެ ސަރަހައްދަށް ދިޔަ މީހުން މަދެއް ނޫނެވެ. ކޮންމެ މީހަކު ވެސް ބަލަމުން ދިޔައީ އެންމެ "މޮޅު" ވީޑިއޯއެއް ނޫންނަމަ ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާއަށް ލެވޭނެ ގޮތަކަށެވެ.

ދިވެހިން އެއްބައިވަންތަކަމުގެ މިސާލެއް!

ސިޔާސީ ގޮތުން ހިޔާލު ތަފާތުވެ ގައުމު ބައިބައިވެފައި އޮތް ނަމަވެސް، ހެންވޭރު އަލިފާނުގެ ހާދިސާއިން ދައްކުވައިދިނީ ދިވެހިންނަކީ އަދިވެސް އެއް ބައެއް ކަމެވެ. އަލިފާން ނިއްވުމުގައި އެއްބަޔަކު ފެން ހޮޅިތައް އުފުލައިދެން އުޅުނު އިރު، އަނެއް ބަޔަކު ދިޔައީ ސައިކަލު ފުނިތައް ދުރަށް ޖައްސައި އިތުރަށް އަލިފާން ފެތުރުނަ ނުދިނުމަށް ފުލުހުން ކުރަމުން ދިޔަ މަސައްކަތުގައި އެއްބާރުލުން ދެމުންނެވެ.

މާލޭގައި ހިނގި ބިޔަ އަލިފާނުގެ ހާދިސާ: މި ހާދިސާގައި ހަތް ގެޔެއްގައި އަލިފާން ހިފި އިރު އެކެއްގެ ފުރާނަ ވެސް ވަނީ ގެއްލިފަ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހާލުގައި ޖެހުނު މީހުން ކަލާފާނު ސްކޫލަށް ގެންގޮސް، އެފަރާތްތަކަށް އަންނައުނާ އެހެނިހެން ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް އިއުލާން ކުރުމާ ފެނިގެން ދިޔައީ އެންމެންގެ ލޯތަކުން އުފަލުގެ ކަރުނަ ހިލުވައިލި މަންޒަރެކެވެ. ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް ތަފާތެއް ނެތެވެ. ބޮޑެތި ކޮތަޅުތަކާ ދަބަސްތަކުގައި އެއްޗެހި ހަދިޔާ ކުރަން ދިޔަ މީހުން ސްކޫލް ފުރާލި އެވެ.

ރައްޔިތުން ވަގުތުން ފޯރުކޮށްދިން އެހީ ފުދި އިތުރުވެސް ވިއެވެ. ޑިޒާސްޓާ އިން ޖެހުނީ ދެން އިތުރަށް އެހީ ބޭނުން ނުވާކަމަށް އަންގާށެވެ.

އަލިފާން ރޯވުން

ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ހުޅުވައިލި މާލޭ ފަޔާ ރިލީފް ފަންޑަށް ވެސް ގިނަ އަދަދެއްގެ ފައިސާ ލިބުނެވެ. ފަންޑު ބަންދުކުރި އިރު އެ އެކައުންޓަށް 2.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޑިޒާސްޓާ އިން ބުންޏެވެ.

ދެން ފެނުނީ ޓީޖެޓީގައި ރޯވިތަން!

ހެންވޭރު އަލިފާނުގެ ހާދިސާގެ ބިރުވެރިކަން ރައްޔިތުންގެ ހިތްތަކުން ފިލައިގެން ނުދަނީސް، އޭގެ 10 ދުވަސް ފަހުން، ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މާލޭގައި އަނެއްކާވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ.

މިފަހަރު އަލިފާނުގެ ހާދިސާއެއް ހިނގީ ޓިޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކާއި ތެޔޮ ބައުޒަރެއްގައި ރޯވެގެންނެވެ. ރޯވީ މާލެ އާއި އއ. އަތޮޅާ ދެމެދު ދަތުރު ކުރާ "ނެވި -3" ލޯންޗުގަ އެވެ. ލޯންޗުގައި އަލިފާން ރޯވީ ލޯންޗަށް ތެޔޮ އަޅައި ނިންމައި ލޯންޗްގެ މަރާމާތު މަސައްކަތެއް ކުރަމުން ދަނިކޮށެވެ.

ސެޕްޓެމްބަރ 30، 2019: ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން: 3 ތެޔޮ ބައުޒަރާއި ފެރީ ލޯންޗެއް ވަނީ އަނދާފައި، އަދި ހަތް މީހަކު ފިހުނު --

ލޯންޗުގައި ރޯވި އަލިފާންގަނޑު ތެޔޮ ބައުޒަރުތަކަށް ފެތުރުނެވެ. ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ ރޯވިތާ ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާ އިރު ފަހުންނެވެ.

ހާދިސާގައި ހަތް މީހަކު ފިހުނު އިރު ލޯންޗު މުޅިން އަނދައި، ފަޅުތެރެއަށް އަޑިއަށް ދިޔަ އެވެ. އަދި 10 ބައުޒަރެއްގައި ރޯވެ، ފަސް ބައުޒަރެއް އަނދާ ހުލިވި އެވެ.

ޓީޖެޓީގައި ތެޔޮ ބައުޒަރަކާއި ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ -- ސަން ފޮޓޯ

ދެ ހާދިސާ އިން ވެސް ބޮޑެތި ފިލާވަޅުތަކެއް!

ހެންވޭރު އަލިފާނުގެ ހާދިސާއާއި ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި ދެ ހާދިސާ އެވެ. މި ހާދިސާތަކުގައި އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، ބޮޑެތި އިބުރަތްތަކަކާ ފިލާވަޅުތަކެއް ވެސް ލިބުނެވެ.

ސެޕްޓެމްބަރ 30، 2019: ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން: 3 ތެޔޮ ބައުޒަރާއި ފެރީ ލޯންޗެއް ވަނީ އަނދާފައި، އަދި ހަތް މީހަކު ފިހުނު -- ސަން ފޮޓޯ

މި ދެ ހާދިސާވެސްވީ ދިވެހިން ހޭލައްވައިލި އިންޒާރުގެ ރަނގަބީލަކަށެވެ. އެއް ބަޔަކު ބުނާ ގޮތުގައި މި ދެ ހާދިސާއިން މާލެ އަކީ "ގޮވަން ތައްޔާރުވެފައި އޮތް ބޮޑު ބޮމެއް" ކަމުގެ އިހްސާސް ކުރެވިއްޖެ އެވެ. އަދި ވެރި ރަށުގެ ކަންކަން ހުރި ގޮތުން، މިއީ ރައްޔިތުން ދިރިއުޅެން އެންމެ އެކަށީގެންވާ ހާލަތުގައި މިހާރު އޮތް ތަނެއް ނޫންކަން ކަށަވަރު ވެއްޖެ ކަމަށް ވެސް އެއް ބަޔަކު ބުންޏެވެ.

މި ދެ ހާދިސާގެ ސަބަބުން ކަމާބެހޭ އިދާރާތައް ހަމަގައިމުވެސް ހޭލައްވައިލި އެވެ. ހެންވޭރު އަލިފާނުގެ ހާދިސާގެ ސަބަބުން، މީހުން ދިރިއުޅޭ ހިސާބުގައި ކެމިކަލް ގުދަން ކުރުން މަނާކޮށް، ކެމިކަލް ގުދަންތައް ތިލަފުއްޓަށް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ތިލަފުށީފައި ގުދަންތައް ހަދައި، މާލޭގައި ހުރި ގުދަންތައް ވަނީ އެތަނަށް ބަދަލުކޮށްފަ އެވެ.

އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތިލަފުށީގައި އެޅި ކެމިކަލް ރައްކާކުރާ ގުދަން -- ފޮޓޯ/ އެސްޖޭ ކޮންސްޓްރަކްޝަން

ޓީޖެޓީ އަލިފާނަށް ފަހު ތެޔޮ ބައުޒަރުތައް މާލެ ތެރޭގައި ދުއްވުމާއި އަދި މިހާރު ކުރިއަށްގެންދާ ގޮތަށް އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަކީ ރައްކާތެރި ގޮތް ނޫން ކަމަށް ވިސްނި، ކަނޑު އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އިންޑަސްޓްރިއަލް ޒޯނަށް ވަނީ ބަދަލުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު