ހުޅުމާލޭގައި ނައިޓްމާކެޓް ބޭއްވޭނެ އުސޫލެއް އެކުލަވާލައިފި

ދަރުބާރުގޭގައި ކުރިއަށްދާ ނައިޓްމާކެޓް -- ސަން ފޮޓޯ

ހުޅުމާލޭގައި ނައިޓްމާކެޓް ބޭއްވޭނެ އުސޫލެއް އެކުލަވާލާ އާންމުކޮށްފިއެވެ.

އެޗްޑީސީ އިން މިއަދު އާންމުކުރި އުސޫލުގައި ބުނެފައިވާގޮތުން ހުޅުމާލޭގައި ނައިޓްމާކެޓް ބޭއްވޭނީ ކޮންމެ އަހަރަކު ދެ ފަހަރު، ކޮންމެވެސް މުނާސަބަތަކާ ގުޅިގެންނެވެ. އަދި މި މުނާސަބަތުތައް ކަނޑައަޅާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީގައި ފެއާ، ނައިޓްމާކެޓް ނުވަތަ މަގުމަތީބާޒާރު ބޭއްވޭނީ ޝައުބާން މަހުގެ އިތުރުން ސްކޫލް ބޮޑު ބަންދު ތެރޭގައި ކަމަށެވެ.

ހުޅުމާލޭގައިި ނައިޓްމާކެޓް، ފެއާ ބޭއްވޭނީ ސެންޓްރަލް ޕާކު ނުވަތަ ރުއްގަނޑު ދެ ސަރަހައްދުގައި ކަމަށް އުސޫލުގައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ވަނީ "ފެއާ، ނައިޓު މާކެޓު ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލު ކުރާނެ އުސޫލު" އެއް އެކުލަވާލާ އާންމުކޮށްފައެވެ. އުސޫލު އާންމު ކުރުމާއެކު ސަރަހައްދުގައި ނައިޓުމާކެޓު ބޭއްވޭނީ މި އުސޫލާ އެއްގޮތަށެވެ.

އެ އުސޫލުގައި ބުނެފައިވަނީ ނައިޓުމާކެޓުގައި ބައިވެރިވާ ފަރާތްތަކަކީ ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކަށް ނުވަތަ ޖަމްއިއްޔާ އަކަށް ވާންޖެހޭނެ ކަމަށެވެ. އެކަން ޔަގީން ކުރަންޖެހޭނީ ނައިޓުމާކެޓު ބާއްވާ، އިންތިޒާމުކުރާ ފަރާތުން ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައި ބުނެފައިވާގޮތުން ނައިޓުމާކެޓުތަކުގައި ކެއިންބުއިމުގެ ހިދުމަތްދޭ ފަރާތްތަކަކީ އާންމުސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގާފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި ނައިޓުމާކެޓުގައި ވިއްކާ ހުރިހާ މުދަލެއްގައި އަގު ޖަހާފައި ހުންނަވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ސަރުކާރުގެ މުވައްސަސާތަކުން ހާއްސަ ހުއްދައެއް ނަގައިގެން ވިއްކޭނެ މުދާ، ހުއްދަ ނެތި ވިއްކައިގެން ނުވާނެ ކަމަށާއި ބޭސް ސިޓީއަށް ދޫކުރާ ބޭސް ވެސް ނައިޓުމާކެޓުތަކުގައި ވިއްކައިގެން ނުވާނެ ކަމަށް އުސޫލުގައި ވެއެވެ.

އަލަށް އެކުލަވާލި އުސޫލުގައި ވާގޮތުން އިމްޕޯޓު މުދަލުގެ ވިޔަފާރި ހުނިމެނޭގޮތައް ހިންގާ ފެއާތަކަށް އުސޫލުގައި ބުނާ ހުއްދަތައް ނަގާކަށް ނުޖެހޭނެއެވެ. ނައިޓުމާކެޓު ބޭޢްވުމުގެ ހުއްދަ ދޫކުރާނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލު ތަކުންނެވެ. ނައިޓު މާކެޓު ބޭއްވުމުގެ ދެ ހަފްތާ (14 ދުވަސް) ކުރިން އެކަމުގެ ހުއްދައަށް އެދި ހުށަހަޅަން ވާނެ ކަމަށާއި ނައިޓުމާކެޓު ބޭއްވޭނީ ގިނަވެގެން ހަތް ދުވަހުގެ މުއްދަތަކަށް ކަމަށްވެސް އުސޫލުގައި ވެއެވެ.

އުސޫލުގައިވާގޮތުން އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރެވޭގޮތަށް ނައިޓުމާކެޓުތައް ބާއްވަންވާނީ ކޮންމެވެސް މުނާސަބަތަކާ ގުޅުވައިގެންނެވެ. މި މުނާސަބަތުތައް ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުން ކޮންމެ އަހަރަކުވެސް އެއް ފަހަރު އާންމު ކުރަންވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން އެކުލަވާލި އުސޫލުގައި ބުނެފައިވެއެވެ.

comment ކޮމެންޓް