ނޭޕާލް، ކަތަމަންޑޫ: ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅައިގެ ތިންވަނަ ހޮވާ މެޗުގައި ބޮޑު ތަފާތަކުން ބޫޓާން ބަލިކޮށް ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ތާރީހީ ލޯ މެޑަލް ހޯދައިފިއެވެ.
މިއީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމަށް ލިބުނު ބައިނަލްއަގްވާމީ އެންމެ ބޮޑު ކާމިޔާބީ އެވެ. އަދި ދެކުނު އޭޝިއާގެ މުބާރާތަކުން ލިބުނު ފުރަތަމަ މެޑަލް ވެސް މެ އެވެ. މީގެ ކުރިން ފިރިހެން ޓީމު ވަނީ 2011 ވަނަ އަހަރުގެ ސައުތު އޭޝިއަން ބީޗް ގޭމްސް އިން ލޯ މެޑަލް އަދި 2016 ވަނަ އަހަރުގެ ސާބާ ޒޯންގެ ފީބާ އޭޝިއާ ޗެލެންޖްގެ ކޮލިފިކޭޝަނުން ރިހި މެޑަލް ހޯދައިފަ އެވެ.
ނޭޕާލްގެ ތްރިޕުރެޝަވަރ ހޯލުގައި ކުރިޔަށްދިޔަ މިިއަދުގެ މެޗުގައި ރާއްޖެއިން ބޫޓާން ބަލިކުރީ ބޮޑު ތަފާތަކުންނެވެ. މެޗުގެ ފަހު ކުއާރޓާ ނިމުނު އިރު ރާއްޖެއިން 83 ޕޮއިންޓް ހޯދި އިރު ބޫޓާނަށް ހޯދުނީ އެންމެ 46 ޕޮއިންޓެވެ. ރާއްޖެ ތިންވަނަ ހޮވާ މެޗަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ކުޑަ ތަފާތަކުން ނޭޕާލް އަތުން ބަލިވުމުންނެވެ.
މެޗުގެ ފުރަތަމަ ކުއާޓަރ ރަނގަޅަށް ފެށީ ބޫޓާނުންނެވެ. އެގޮތުން އެ ޓީމުގެ ކުޅުންތެރިންގެ ސްޕީޑުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާ ދިވެހި ކުޅުންތެރިން ކައިރިން ފަސޭހައިން ދެމިގަނެގެން ވަނީ ގިނަ ޕޮއިންޓުތަކެއް ހޯދާފައެވެ. ނަމަވެސް ފުރަތަމަ ކުއާޓާގެ 11 ޕޮއިންޓާއި ހަަމައިން ރާއްޖެއިން ވަނީ ލީޑު ނަގާފައެވެ. މި ކުއާޓަރ ނިމުނީ 21-14 އިންނެވެ.
މެޗުގެ ދެވަނަ ވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ފުރަތަމަ ކުއާޓާއަށް ވުރެ ކުޅުން ރަނގަޅުކޮށް ލީޑު ގެއްލުނަ ނުދީ ހިފަހައްޓާފައެވެ. މެޗުގެ ފުރަތަމަ ކުއާޓާ ހަތް ޕޮއިންޓްގެ ލީޑެއްގައި އޮވެ ނިންމާލި ނަމަވެސް ދެވަނަ ކުއާޓާ ނިންމާލި އިރު ރާއްޖެއިން ވަނީ 22 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މެޗުގެ ދެވަނަ ކުއާޓާ ނިމުނީ 49 ޕޮއިންޓް 27 ޕޮއިންޓުން ދިވެހިރާއްޖެ ކުރީގައި އޮވެގެންނެވެ.
ތިން ވަނަ ކުއާޓަރުގައި ވެސް ބޫޓާނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ރާއްޖޭގެ ކުޅުންތެރިން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔައިރު، ޕޮއިންޓް ވެސް ސްކޯކުރަމުންދިޔަ އެވެ. މި ކުއާޓަރުގައި ރާއްޖޭގެ ކޯޗު ސުޕުން ވިމާލް ވަނީ ޓީމުގެ ކުޅުންތެރިން ބަދަލުކޮށް އެހެން ކުޅުންތެރިންނަށް ވެސް ފުރުސަތު ދީފަ އެވެ. ކެޕްޓަން ޝިއުރާއާ އެކު މި ކުއާޓަރުގެ ފަހުކޮޅުގައި ކުޅުނީ ޒުވާން ކުޅުންތެރިންނެވެ. ރާއްޖޭން މި ކުއާޓަރު ގެންދިޔައީ 69-33 އިންނެވެ.
މެޗުގެ ފަހު ކުއާރޓާގައި ިދިވެހި ޓީމުން ކުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. ބޮޑު ލީޑެއްގައި އޮތް ނަމަވެސް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ހިތްވަރުކުރި ތަނެވެ. އެ ކުއާރޓާ ނިންމި އިރު ސްކޯރ އަކީ ނޭޕާލ1 46 އަދި ރާއްޖެ 83 ޕޮއިންޓެވެ.
ހަ ޓީމު ވާދަކުރި މި ފަހަރުގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުގައި ރާއްޖޭން ވަނީ ޖުމްލަ ހަތަރު މެޗު ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް ފުރަތަމަ ފަހަރަށް ސެމީގެ ޖާގަ ހޯދީ ސްރީ ލަންކާގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ. އިއްޔެ ހަވީރު ސެމީ ފައިނަލުން ބަލިވީ ނޭޕާލް އަތުންނެވެ.