މާލޭ ސަރަހައްދުގެ ފުރަތަމަ ދަޅުމަސް ބަންދުކުރާ ކާރުހާނާ ހުޅުވައިފި

ޑިސެމްބަރ 9، 2019: އެންސިސް ކޭނިންގް ފެކްޓްރީ ރަސްމީކޮއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެންސިސްއިން ހުޅުމާލޭގައި ތަރައްގީކުރި ދަޅުމަސް ބަންދުކުރާ ފެކްޓްރީ ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ މާލެ ސަރަހައްދުގައި ހުޅުވި މިފަދަ ފުރަތަމަ ފެކްޓްރީއެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ ފެކްޓްރީ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ސަރުކާރުގެ އިސް ބޭފުޅުންނާއި މަސްވެރިން އަދި އެންސިސްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ޑިސެމްބަރ 9، 2019: އެންސިސް ކޭނިންގް ފެކްޓްރީ ރަސްމީކޮއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ހުޅުމާލޭ ކުދިމާ ހިނގުމުގައި، 50،000 އަކަފޫޓުގެ ބިމެއްގައި ހެދި އެ ފެކްޓްރީއަށް އެންސިސްއިން ވަނީ 25 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.

އެ ފެކްޓްރީން ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރެވޭއިރު، އެތަނުގައި އެއްފަހަރާ 1،200 ޓަނުގެ ފިނިކުރި މަސް ރައްކާކުރެވޭ ވަރުގެ ކޯލްޑް ސްޓޯރޭޖެއްވެސް ހުރެއެވެ. އަދި އެ ފެކްޓްރީގައި ހުންނަ އައިސް ޕްލާންޓުން ދުވާލަކު 100 ޓަނުގެ އައިސް އުފެއްދޭނެކަމަށް އެންސިސްއިން ބުނެއެވެ.

މީގެ އިތުރުން މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް 100 ޓަނުގެ އައިސް ޕްލާންޓަކާއި މަހުން އުކާލެވޭ ބައިތައް ބޭނުންކޮށްގެން ފިޝްމީލް އުފެއްދުމަށް ހާއްސަ މެޝިނަރީވެސް އެ ފެކްޓްރީގައި ވަނީ ގާއިމުކޮށްފައެވެ.

ފެކްޓްރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ރައީސް ސޯލިހު ވަނީ އެ ފެކްޓްރީ ބައްލަވާލައްވާފައެވެ.

ރައީސް ޞާލިހު އެންސިސް ކޭނިންގް ފެކްޓްރީ ބައްލަވާލައްވަނީ-- ފޮޓޯ/ރައީސް އޮފީސް

މީގެ އިތުރުން މަސްވެރިންގެ ދުވަހާ ދިމާކޮށް އެ ފެކްޓްރީގެ ބޭރުގައި މިފްކޯއިން މަސް ކެނޑުމުގެ މުބާރާތެއް ވެސް ވަނީ ބާއްވާފަ އެވެ.

އެ މުބާރާތް ބައްލަވާލަން ރައީސް ސޯލިހު ވެސް ވަޑައިގެންނެވިއިރު، އެ މުބާރާތުގައި ދެ ޖިންސުގެ މީހުން ބައިވެރިވިއެވެ.

comment ކޮމެންޓް