މަސްވެރިޔާ ކާޑު ބޭނުންކޮށްގެން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް

ބީއެމްއެލް ގެ މަސްވެރިޔާ ކާޑަށް ހާއްސަ ޕްރޮމޮޝަނެއް ވަނީ ފަށާފައި -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް ގެ މަސްވެރިޔާ ކާޑު ބޭނުންކޮށްގެން އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ މަސްވެރިންނަށް ހާއްސަކޮށްގެން މިއަހަރު ތައާރަފުކުރި މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް އެއްލަކަ ރުފިޔާގެ ފައިސާގެ އިނާމު ދޭނެ ކަމަށެވެ.

މި ޕްރޮމޯޝަން އަންނަ މާޗުމަހުގެ 10 ގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.

މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ހަރަދުތައް ކުރުމަށް ފަރުމާކޮށްފައިވާ ކާޑެކެވެ. މި ކާޑު ބޭނުންކޮށްގެން މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް އެ ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ.

މަސްވެރިޔާ ކާޑަކީ ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ހިދުމަތް ލިބިގަތުމަށްވެސް ބޭނުންކުރެވޭނެ ކާޑެކެވެ. މިކާޑު ބޭނުންކޮށްގެން އޮންލައިން ވިޔަފާރި ކުރެވޭއިރު މިއީ ރާއްޖެއިން ބޭރުގައިވެސް ބޭނުންކުރެވޭނެ ކާޑެކެވެ.

މިހާރު ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިޔަށްދާ މަސްވެރިންގެ އެކްސްޕޯގައި މަސްވެރިޔާ ކާޑާ ގުޅޭ މައުލޫމާތު ދޭނެއެވެ. މި ސްޓޯލުން މަސްވެރިޔާ ކާޑު ހެދުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމުގެ ކަންތައްވެސް ކުރިއަށްގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

comment ކޮމެންޓް