ރާއްޖޭގެ ޖަލުގެ ހާލަތު ރަނގަޅުކުރަން ތުރުކީން އެހީވަނީ

ތުރުކީގެ އިންޓީރިއާ މިނިސްޓަރު ހޯމް މިނިސްޓަރު އިމްރާންއާއެކު--- ފޮޓޯ: ހޯމް މިނިސްޓްރީ

ރާއްޖޭގެ ޖަލުގެ ހާލަތު ރަނގަޅުކުރަން ތުރުކީން އެހީތެރިވެދޭން ނިންމައިފި އެވެ.

ތުރުކީން އެހީތެރިވެދޭނެކަން އިއުލާންކުރީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިހާރު ތުރުކީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެވެ. އެ ދަތުރުގައި މިނިސްޓަރު ވަނީ ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލޭމާން ސޮއިލޫއާ ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި ދެ ބޭފޫޅުން ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ތުރުކީގެ މިނިސްޓަރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

ފުލުހުންގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމާއެކު އިތުބާރު ހޯދާ ދެމެހެއްޓުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެވެ. ހާއްސަކޮށް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ބޮޑު އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުން އެވެ.

އެގޮތުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާއި، އިންސާނީ ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް ޖަލުތަކުގެ ހާލަތު ބައްޓަންކޮށް އަދި ޖަލަކީ އަދަބުދޭ ތަނެއްގެ ބަދަލުގައި، އިސްލާހުވެ އަނބުރާ މުޖުތަމައުއަށް ނެރޭ ތަނަކަށް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ހޯމް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެމަސައްކަތުގެ ދަށުން ބޭރުގެ ގައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަން މިނިސްޓަރ އިމްރާން އަބްދުﷲ ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން މާލެ ޖަލުގެ އެނެކްސް އެކެއް ވަނީ އަލުން މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ގެނެސްފަ އެވެ. އަދި ދޫނިދޫ ޖަލުގެ ބައެއްވެސް އަލުން ހެދުމަށް މިހާރު ވަނީ ތަޅާލާފަ އެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

comment ކޮމެންޓް