ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު ހުވާލައިދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މިއަދު ހުވައިލައިދެއްވަނީ --- ފޮޓޯ : ހިސާން ހުސައިން

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ގާނޫނު އަސާސީގެ ދަށުން ލައިދޭން ޖެހޭ ހުވައެއް، އަންހެން ފަނޑިޔާރަކު ލައިދެއްވައިފި އެވެ.

އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތައް މިއަދަކީ އިތުރު ބޮޅެއް ފުރިހަމަ ވެގެންދާނެ ދުވަހެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އަލީ ސަމީރު އައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރު ސަމީރަށް ހުވާލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން އެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ޖުޑީޝަރީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް ދެ އަންހެން ފަނޑިޔާރުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައި އައްޔަނުކުރައްވާފަ އެވެ. ޝުޖޫންގެ އިތުރުން ސުޕްރީމް ކޯޓުުގެ ފަނޑިޔާރަކަށް އައްޔަނުކުރެއްވީ ޑރ. އަޒްމިރާލްދާ ޒާހިރެވެ.

އެކަމާ ގުޅިގެން ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އެގޮތުން އެއްބައި ފަރާތްތަކުން ދެކޭގޮތުގައި އަންހެނުންނަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމެއް ނުކުރެވޭނެ އެވެ. އަދި އަންހެނުން ހުވާ ލައިދިނުމާ މެދުވެސް އެފަދަ ބަހުސްތަކެއް ހިނގަ އެވެ.

ދާދި ފަހުން ވަނީ ސުޕްރީމް ކޯޓު ހިންގެވުމަށްވެސް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކާ ހަވާލުކުރައްވާފަ އެވެ. އެގޮތުން މިދިޔަ މަހުގައި ސުޕްރީމް ކޯޓު ހިންގެވުމާ ހަވާލުކުރައްވާފައިވަނީ ޑރ. އަޒްމިރާލްދާ އާއެވެ.

ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު ހުވާލައިދެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން ވަނީ މަރުހަބާ ދަންނަވާފަ އެވެ. ޖޭއެސްސީގެ ރައީސްކަން ވެސް އަންހެން ބޭފުޅަކު ކުރައްވާ މިއީ ފުރަތަމަ ފަހަރެވެ. އަދި ރައީސް ސޯލިހުގެ ކެބިނެޓްގައި ވެސް ގިނަ އަދަދަކަށް އަންހެން ބޭފުޅުން ހިމެނެ އެވެ.

comment ކޮމެންޓް