ރާއްޖޭގެ އެންމެ ޒަމާންވީ އަދި ތަރިކައިގެ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު ހެނދުނު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ބައިވެރިވެލެެއްވި އެވެ.
އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ސްޓެލްކޯއާ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އިންޑިއާ ސަރުކާރާ ގުޅިގެން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެެ.
މިނިސްޓަރު ވިދާޅުވީ މުންނާރު މިހާރު ހުރި ހާލަތަށް ވެއްޓުނީ މިފަހުން ވަރަށް ބޮޑަށް ވިއްސާރަވެ، ވާރެ ވެހުމުގެ ސަބަބުން ފެން ނުހިކި ހަރުލައި ގޮތްވުމުގެ ސަބަބުން ކަމަށެވެ.
"މުންނާރަކީ ހަގީގަތުގައި ހިރިގަލާ އުވައިން ތައްޔާރުކޮށްފައިވާ ތަނަނަކަށް ވާތީ ވިއްސާރަވީމަ ވަރަށް ފަސޭހައިން އޭގެ ތެރެއަށް ތެތްކަން ހިފެހެއްޓުނީމަ ފެހި ޖަހާގޮތް ވާތީ އެހާ ފަސޭހައިން ހަޑިވަނީ. ބޭރަށް ކަޅުވެފައި ހުންނަ ތަންތަން މިފެންނަނީ. ފެން ދައުރުވާ ކަހަލަ ގޮތަކަށް ނޫން މަގުތަށް ހެދިފައި ހުރީ، ބިމަށް ފެން މަގުތަކަށް ފައިބައިގެން ދާގޮތަކަށް ނޫން މުންނާރު ވަށައިގެން އެ ހުރީކީ،" ޔުމްނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޒަމާނުއްސުރެ ކުރިގޮތަށް މުންނާރުގެ އާބާތުރަ ފިލުވުމުގައި ބޭނުންކުރާނި އުވަ ކަމަށާއި މުންނާރުގައި ބޭނުންކޮށްފައިވާ ހިރިގަލާވެސް އެންމެ ބޮޑަށް ގުޅެނީ އުވަ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އަންނަ އަހަރު ސްޓެލްކޯގެ މަސައްކަތުގެ ޝެޑިއުލްއަށް މުންނާރު ސާފުކުރުމާއި ވަޅުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ހިމަނާފައިވާ ކަމަށެވެ.
"އޭގެ މާނައަކީ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އަމިއްލައަށްވެސް ބަލަމުން ގެންދާނަން އަދި ހަމަ މިނިސްޓްރީއާ ގުޅިގެން އަޅުގަނޑުމެން މި މަސައްކަތްތައް އެރޭންޖްކޮށްގެން ކުރިއަށް ގެންދާނަން. މި މަސައްކަތަކީ އޭގެ ޒާތުގައި ވަރަށް ޓެކްނިކަލް މަސައްކަތެއް. މިނިސްޓްރީގައި ޓެކްނިކަލް ބޭފުޅުން ތިއްބެވީ. ދެން އަޅުގަނޑުމެން މިކުރާކަމަކީ އެ ބޭފުޅުންނަށް ދެން ދޭން ޖެހޭ ސަޕޯޓް ދިނުން." މުޣުނީ ވިދާޅުވި އެވެ.
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ފަސޭހައިން ކުރަން ސްޓެލްކޯއިން ދަނީ އެ ކުންފުނިން ބޭނުންކުރާ ވެހިކަލްއެއް އެ ސަރަަހައްދުގައި ބާއްވައިގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.