ސައުތު އޭޝިއަން ގޭމްސް: ޓެނިސް ޓީމް އިވެންޓުތަކުން ރާއްޖެއަށް ނާކާމިޔާބީ

ސައުތް އޭޝިއަން ގޭމްސްގައި މިއަދު ކުޅުނު ޓެނިސް ޓީމް އަންހެން އިވެންޓުގައި ރާއްޖެއާ ނޭޕާލް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

(ކަތަމަންޑޫ، ނޭޕާލް): ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ޓެނިސް ޓީމް އިވެންޓުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަށްވެސް ނާކާމީޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ސަޓްޑޮބާޓޯ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުތަކުގައި ރާއްޖޭގެ ފިރިހެން ޓީމު ވާދަކުރީ ބޫޓާނާއެވެ. އަންހެން ޓީމު ވާދަކުރީ މުބާރާތުގެ ހޯސްޓް ގައުމު ނޭޕާލްއާއެވެ. މި ދެ މެޗުގައިވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް މެޗުތަކުން ލިބުނު ބައްޔާއެކު ރާއްޖެ ވަނީ ޓީމު އިވެންޓުން ކަޓައިފައެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ފިރިހެން ޓީމުން އެންމެ ފުރަތަމަ ކުޅެން އެރީ އަބްދުﷲ ފާއިހް ފަޒީލް (ފާއި)އެވެ. މި މެޗު ނިމުމުގެ ކުރިން ފާއިއަށް ވަނީ ލިބުނު އަނިޔާއަކާ ގުޅިގެން މެޗު ދޫކޮށްލަން ޖެހިފައެވެ. އަނިޔާގެ ކުރިން ފާއި އޮތީ ސެޓުގެ ލީޑުވެސް ނަގައިފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާއާ އެކު ބޫޓާން ކުޅުންތެރިޔާ އެ މެޗުގެ ސެޓުތައް ގެންދިޔައީ ގެންދިޔައީ 6-7 އަދި 5-5 އިންނެވެ.

ދެވަނަ މެޗުގައި ރާއްޖެއިން ކުޅެން އެރި އިގްނާޒް މަންސޫރު ވަނީ އުންމީދީ ކުޅުމެއް ދައްކައިފައެވެ. ނަމަވެސް ބޫޓާން ކުޅުންތެރިޔާ ވަނީ މި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ސެޓުތައް ބޫޓާން ކުޅުންތެރިޔާ ގެންދިޔައީ 2-6 އަދި 4-6 އިންނެވެ.

ޓީމު އިވެންޓުގެ ފަހު މެޗުގައި ރާއްޖޭގެ އިގްނާޒް މަންސޫރު އަދި ހުސެއިން ނާޒިފުގެ ޕެއާ ބައްދަލުކުރި އިރު، މި މެޗު ބޫޓާން ޕެއާ ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުގައި ރާއްޖޭގެ ޕެއާއިން ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެފައެވެ. މި މެޗުގެ ސެޓުތައް ބޫޓާނުން ކާމިޔާބުކުރީ 6-4، 6-4، 7-6 އަދި 3-7 އިންނެވެ.

މިއަދު ކުޅުނު އަންހެން ޓެނިސް ޓީމް އިވެންޓުތަކުގައި ވާދަކުރި ކުޅުންތެރިންވެސް ވަނީ ރަނގަޅު ފައިޓެއް ދީ އުންމީދީ ކުޅުމެއް ދައްކައިފައެވެ. ނަމަވެސް އެ މެޗުންވެސް ނޭޕާލް އަތުން ރާއްޖެ ބަލިވީ ކުޅުނު ތިން ގޭމުން ވެސް ބަލިވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ އަޔާނީ މޫސާ ހަލީމް ކުޅެން ނިކުތްއިރު، ނޭޕާލް ކުޅުންތެރިޔާ މެޗު ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި އަޔާނީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ނޭޕާލް ކުޅުންތެރިޔާ ކާމިޔާބު ކޮށްފައިވަނީ 6-4 އިންނެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓުގައި އަޔާނީއަށް އެއްވެސް ޕޮއިންޓެއް ނުދީ ނޭޕާލް ކުޅުންތެރިޔާ ސެޓު ކާމިޔާބު ކޮށްފައިވަނީ 6-0 އިންނެވެ.

ރާއްޖޭގެ ދެވަނަ މެޗު ޒެއިނާ އަބްދުލްރަޝީދުގެ މައްޗަށް ނޭޕާލުގެ ކުޅުންތެރިޔާ ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ނޭޕާލް ކުޅުންތެރިޔާ 6-1، އަދި 6-3 އިން މޮޅުވި އިރު ފަހު މެޗުގައި ރާއްޖޭގެ ރިފްގާ ޔޫސުފް ނަޖީބާއި، ހަޝްމާ ހާނިމް ބައްދަލުކުރި މެޗު ނޭޕާލްގެ ޕެއާއިން ވަނީ ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ނޭޕާލް ޕެއާއިން ކާމިޔާބުކުރީ 3-6 އަދި 3-6 އިންނެވެ.

comment ކޮމެންޓް