ކުލަފާޓާތަކެއް ފަޅައިގެން ގޮސް ކޯރުކެނޑި ހިނގުން "ހުދުވެއްޖެ"

ކުލަފާޓާ ތަކެއް ފަޅައިގެން ދިޔުމުން ކޯރުކެނޑި ހިނގުން ހުދުވެފައި: އެތަން ސާފު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން -- ސަން ފޮޓޯ

ކުލަފާޓާތަކެއް ބަރުކޮށްގެން ކޯރުކެނޑި ހިނގުމުން ދަތުރުކުރަމުން ދިޔަ ޕިކަޕެއް އަރިއަޅާލުމުން، ކުލަފާޓާތައް މަގުމައްޗަށް ވެއްޓި ފަޅައިގެން ހިނގައްޖެ އެވެ.

މިއަދު މެންދުރު ކޯރުކެނޑި ހިނގުމުގައި އެ ހާދިސާ ހިނގީ، އެ މަގުގައި ހުންނަ ކަންސައި ޕެއިންޓް މޯލްޑިވްސް ޝޯރޫމަށް ކުލަފާޓާތައް ގެންދަނިކޮށްް ކަމަށް މަންޒަރު ދުށް މީހަކު "ސަން"އަށް ބުންޏެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ، ޕިކަޕަށް ނުކަތާ ވަރަށް ކުލަފާޓާ ބަރުކޮށްފައި ހުރުމުން އެވެ. ޕިކަޕަށް އަރުވައިގެން ދިޔައީ މުޅިންވެސް ހުދު ކުލަ ހުރި ފާޓާތަކެކެވެ.

ކުލަފާޓާ ތަކެއް ފަޅައިގެން ދިޔުމުން ކޯރުކެނޑި ހިނގުން ހުދުވެފައި -- ސަން ފޮޓޯ

"ސަން"ގެ ނޫސްވެރިން އެތަނަށް ދިޔަ އިރު ފަޅައިގެން ދިޔަކުލަފާޓާތައް ހުރީ މަގުގެ އެއް ފަރާތަކަށް ޖައްސައިފަ އެވެ. މަގުމައްޗަށް އެޅިފައި ހުރި ކުލަ ސާފު ކުރުމުގެ މަސައްކަތް ކަންސައި ޕެއިންޓްސް މޯލްޑިވްސްގެ މުވައްޒަފުން ދިޔައި ކުރަމުންނެވެ. އޭރުވެސް މުޅި މަގު މަައްޗަށް އެޅުނު ހުދު ކުލަތައް މަގުގައި ކޯރު ހެދިފައިވެ އެވެ. އެ ފިހާރައިގެ މުވައްޒަފުން އެ ކުލަތައް ސާފު ކުރަމުން ދިޔައީ ފެން އަޅައިގެން އެ ކުލަތައް ދިޔާކޮށް، ފިހިގަނޑެއް އެހީގައި އެ ކުލަތައް ކާނުގަނޑަށް އަޅައިގެންނެވެ.

ކުލަފާޓާތައް ފަޅައިގެން ދިޔުމުން ކޯރުކެނޑި ހިނގުން މިހާރު އޮތީ ބަންދުކޮށްފަ އެވެ. ޓްރެފިކް ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުންދެ އެވެ.

comment ކޮމެންޓް