ބިލް ތަސްދީގުކުރާތާ ތިން މަސް ފަހުން އިންކަމް ޓެކްސް ނަގާ ގޮތަށް ބިލް ބަދަލުކޮށްފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފަރުދުންގެ އާމްދަނީ އިން ޓެކްސް ނަގަން ފަށާނީ ބިލް ތަސްދީގު ކުރާތާ، ތިން މަސްފަހުން ކަމަށް ކަނޑައަޅާ އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު އިސްލާހުކޮށްފި އެވެ.

ސަރުކާރުން ހުށަހެޅި ބިލްގައި ބުނެފައިވަނީ ބިލަށް އަމަލު ކުރަން ފަށާނީ ބިލު ފާސްވެ، ތަސްދީގު ކުރާ ތާރީހުން ފެށިގެން ކަމަށާއި އެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ކަމަށެވެ.

ފަރުދުންގެ އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލް، މުޅި މަޖިލީހުގެ ކޮމެޓީއިން މިއަދު އިސްލާހުކުރި އިރު، ބިލުގެ 78 ވަނަ މައްދާއަށް ކޮމެޓީ އިން ގެނައި އިސްލާހަކީ ފަރުދުންގެ އާމްދަނީ އިން ނަގާ ޓެކްސް ނަގަން ފަށާނީ ބިލު ފާސްވެ ތަސްދީގު ކުރާތާ 90 ދުވަހުން ފެށިގެން ކަމަށެވެ. އެހެން ނަމަވެސް، އެ ގާނޫނުގެ ބަޔާން ކުރާ އެހެން ޓެކްސްތައް މިހާރެކޭ ވެސް އެއްގޮތަށް ނަގަމުން ދިޔުމަށް ވެސް އިސްލާހުގައިވެ އެވެ.

މި އިސްލާހު ގެނައުމަށް 36 މެންބަރަކު ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓް ދެއްވީ، އެންމެ މެންބަރެކެވެ.

މިގޮތަށް އިސްލާހު ގެނައީ ފަރުދުންގެ އާމްދަނީ އިން ނަގާ ޓެކުހަކީ ރާއްޖޭގައި އަލަށް ނަގަން ފަށާ ޓެކުހަކަށް ވެފައި، ޓެކްސް ނަގަން ފެށުމުގެ ކުރިން ރައްޔިތުންނަށް ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށް މަޖިލީހުގެ ކޮމިޓީގައި މެންބަރުން މިއަދު ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ފަރުދުންގެ އާމްދަނީ އިން ޓެކްސް ނެގުމަށް ކޮމެޓީ އިން ޓެކްސް ބްރެކެޓްތަކަށް ގެނައި ބަދަލުތައް:

  • 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓް.
  • 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.
  • 1ަ00،000 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
  • 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.
  • 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް.

މި ގާނޫނުގެ ދަށުން ނަގާ އެހެނިހެން ޓެކްސްތައް އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ނަގަން ފެށުމަށް މަޖިީހުގެ ކޮމެޓީ އިން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ކަނޑައަޅާފައިވަނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން ފަރުދުންގެ އާމްދަނީ އިން ޓެކްސް ނަގަން ފެށުމަށެވެ. ނަމަވެސް މި އިސްލާހު ފާސްވެ، ގާނޫނު ތަސްދީގު ކޮށްފިނަމަ، އަންނަ އަހަރަށް ލަފާކުރާ އާމްދަނީ މަދުވާނެ އެވެ.

comment ކޮމެންޓް