ފުވައްމުލަކު އަތޮޅު ކައުންސިލްގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ޕްރައިމަރީން ހޮވުނު ކެންޑިޑޭޓް ޝައްފާހު ނަސީރަށް، އެ ޕާޓީގެ ޓިކެޓް ނުދީ އެހެން ކެޑިޑޭޓަކު އިންތިހާބުގެ ނެރެފައި ވާތީ އެކަމާ އެމްޑީޕީ ލަދުވެތިވާން ޖެހޭނެ ކަމަށް އެމްޑީޕީގެ ފުވައްމުލަކު މެދު ދާއިރާގެ ރައީސް އަހުމަދު އިލްހާމް ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލުން ފުވައްމުލަކު މެދު ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ގެއްލުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން މޫސާ މަނިކަށް ފޮނުއްވި ސިޓީއެއްގައި އިލްހާމް ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓިއެއް ކަމަށް ދައުވާ ކުރާއިރު ޕްރައިމަރީން ހޮވުނު ކެންޑިޑޭޓް ޝައްފާހުގެ އެޕްލިކޭޝަން ފުރިހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގައި އެމްޑީޕީގެ ސެކްރެޓޭރިއޭޓުން އެކަށީގެންވާ އެއްބާރުލުމެއް ދީފައިނުވާތީ އެކަމާ އޭނާ ދެރަވެ ލަދުވެތިވާ ކަމަށެވެ.
އިލްހާމް ސިފަ ކުރައްވާފައިވާ ގޮތުގައި އަތޮޅު ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޕްރައިމަރީން ހޮވުނު ކެންޑިޑޭޓްގެ މައްސަލަ ހައްލު ނުކުރެވި ދިއުމަކީ "ނާތަހުޒީބީ" އަމަލެކެވެ. އަދި އެފަދަ "ޖަރީމާ"ތައް ކުރިމަގުގައި ހިނގަން ބޭނުން ނުވާ ކަމަށް ވެސް އޭނާގެ ސިޓީގައިފާހަގކޮށްފައިވެ އެވެ.
"...އާއްމު މެންބަރުންގެ އަޣުލަބިއްޔަތުން ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓްގެ އެޕްލިކޭޝަން ފުރިހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމުގައި ޕާޓީގެ އެއްބާރުލުމެއް އަޅުގަނޑަކަށް ނުލިބުނު،"
އެނާ ސިޓީގައި ފާހަގަކޮށްފައި ވަނީ އިލެކްޝަނަށް ހުށައެޅުމަށް އެޕްލިކޭޝަން ޕްރޮސެސް ކުރުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް، އެހެން ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ދިން ކަމުގެ ގަރާރާއި ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް ހަވާލުކުރުމުން ކުއްލި ސިހުމަކާއި ހައިރާން ކަމެއް ލިބިވަޑައިގަތް ކަމަށާއި އެކަމަކީ ޕާޓީގެ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ގަބޫލުކުރެވޭތީ އެކަން ހިނގި ގޮތެއް ބަލައިދިނުމަށް ޕާޓީގެ ސެކްރެޓޭރިޓުގައި އެދުނު ނަމަވެސް އިލެކްޝަނާއި ކުރިމަތިލާން ޖެހުނީ އެކަމާއި ޕަޓީގެ ފަރާތުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަން ވަނީ ފާހަގަކޮށްފަ އެވެ.
އެނާ އިތުރަށް ވިދާޅުވެފައި ވަނީ އެދާއިރާގެ ފަރާތުން އެ މައްސަލާގައި ފިޔަވަޅެއް ނޭޅީ އެކަމާ ގުޅިގެ ދާއިރާގެ ވެށި ދިރާސާކުރުމަށް ފަހު ލިބިފައިވާ ގެއްލުމަކީ އިޔާދަ ނުކުރެވޭ ގެއްލުމަކަށް ވާތީ އިތުރު ފިޔަވަޅެއް އަޅައިފި ނަމަ ކަންތައްތައް އިތުރަށް ގޯސްވެ އިންތިހާބުގައި ޕާޓީ އަށް ލިބޭ ނާކާމިޔާބު އިތުރަށް ބޮޑުވެދާނެތީ ކަމަށެވެ.
މެދުދާއިރާގެ އިންތިހާބުގައި ޕްރައިމަރީ އިން ހޮވުނު ކެންޑިޑޭޓަށް އެމްޑީޕިގެ ޓީކެޓް ނުދެވުނު މައްސަލާގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ސާހު ވިދާޅުވީ އެކަން އެގޮތަށް ދިމާވީ ޕްރައިމަރީން ހޮވުނު ކެންޑިޑޭޓްގެ އެޕްލިކޭޝަން ފޯމްތަކާ އެކު އޭނާގެ އައިޑީކާޑް ހުށައަޅަން ޖެހޭ ގަޑިއަށް ނުލިބުމުން އެންމެ ފަހުވަގުތު ވަގުތީ ޗެއާޕާސަން މޫސާ މަނިކު އާ މަޝްވަރާކުރެއްވުމަށް ފަހު ޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު މުޅިން ގެއްލިގެން ހިގައިދާނެތީވެ ދެވަނަ ކެންޑިޑޭޓަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ޝާހު އިތުރަށް ވިދާޅުވީ ޕްރައިމަރީގެ އެއް ވަނަ އަށް ދިޔަ ބޭފުޅަގެ ޑޮކިއުމެންޓުސް އައިޑީ ކާރޑުގެ އަސްލު ނެތްކަމަށް ބުނެ އިލެކް ޝަނަށް ބަލައި ނުގަތް މައްސަލަ ލޯޔަރުންނާ އެކު މަޝްވަރާކުރަމުން ގެންދާކަމަށާއި އެ މައްސަލާގައި ކިރިޔާ ހިފެން އޮތަސް އެމްޑިޕީން އެމައްސަލަ ދޫނުކުރަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.