ނައިބު ރައީސް ފައިސަލް ނަސީމް އުތުރުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
އެމަނިކުފަނުގެ މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ހއ. މޮޅަދޫ އަށެވެ. މި ދަތުރުފުޅުގައި ނައިބުރައީސް ވަނީ އެރަށުގެ ފުޓުބޯޅަދަނޑު ހުޅުއްވައި ދެއްވައިފަ އެވެ.
މީގެ އިތުރުން މޮޅަދޫ ކުޑަކުދިންގެ ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތާއި އެރަށު ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ނައިބު ރައީސް ފައިސަލްގެ މި ދަތުރުފުޅުގައި ހއ ދިއްދޫ އަށް ވެސް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި ދިއްދޫގައި މިރޭ ބާއްވާ ތިލައުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނެއެވެ. ދިއްދޫ އަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގައި ތިބޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާވެސް ނައިބު ރައީސް ބައްދަލު ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ހދ ކުޅުދުއްފުއްޓަށްވެސް ވަޑައިގަންނަވާނެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕު ފައްޓަވައިދެއްވާނީ ނައިބު ރައީސް އެވެ.
މި ދަތުރުފުޅުގައި މި ތިންރަށުގެ ކައުންސިލާ ނައިބު ރައީސް ބައްދަލު ކުރައްވާނެ އެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.