ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ އެ ޕާޓީގެ ޗެއާޕާސަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ތުހުމަތުތަކެއް ކުރައްވައިފި

ވޯކްސް ކޯޕަރޭޝަންގެ ސިވިލް އިންޖިއަނަރަކަށް ހުންނެވި އަބްދުﷲ ޒިޔާދުއަކީ ވަރަށް ގާބިލް އިޚުލާސްތެރި ބޭފުޅެއް ކަމަށާއި އޭނާ އިސްތިއުފާ ދެއްވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީލޯޑާ ހަވާލުކޮށްގެން ތިލަފުށި ބޮޑުކުރުމަށް ހިންގާ މަޝްރޫއުގެ 20 ޕަސެންޓް ނިންމުމަށް ފަހު 70 ޕަސެންޓަށްވާ ފައިސާ ނަގަން މޫސަ މަސައްކަތް ކުރެއްވުމުން އެކަމަށް ޒިޔާދު ތާއީދު ނުކުރެއްވުމުން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މުހައްމަދު މުސްތަފާ އެ ޕާޓީގެ ޗެއާޕަސަނަށް ތުހުމަތުތަކެއް ކުރައްވައި ވާހަކަ ދައްކަވައިފި އެވެ.

މުސްތަފާ ރޭ އެކި މީޑިޔާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ފިނޭންސް މިނިސްޓްރީގެ ފައިނޭޝަލް ކޮންޓްރޯލާ އަކަށް ހުންނެވި އަހުމަދު އައްސަދު ވެސް އިސްތިއުފާ ދެއްވީ ވެސް ރީކޯ މޫސަގެ ސަބަބުން ކަމަށެވެ.
އެ މެސެޖުގައި ހުރި އެ ވާހަކަތައް ވިދާޅުވެފައި އެ ވަނީ ކިހާ ވަރަކަށް މައުލޫމާތު ލިބިވަޑައިގެންތޯ ދެންނެވުމުން މުސްތަފާ ވިދާޅުވީ އެއްވެސް މީހަކު ކޮރަޕްޝަންގެ އަމަލު ހިންގާ އިރު ހެކިންނާއި ގާޒީން ބައިތިއްބައިގެން އެކަން ނުކުރާނެ ކަމަށާއި އެހެން ނަމަވެސް އެ ވާހަކަތައް ވިދާޅުވެފައި އެ ވަނީ ފުރިހަމަ މައުލޫމާތު ލިބިވަޑައިގެން ހުންނަވައި ކަމަށެވެ.

ރީކޯ މޫސަގެ ކޮރަޕްޝަންގެ އިތުރު އެތައް ކަންތައްތަކެއް އެބަ ހުރި ކަމަށް ވެސް މުސްތަފާ މިއަދު ވިދާޅުވި އެވެ. އެގޮތުން ފިއުލް ސަޕްލައި މޯލްޑިވްސް އިން ހަތަރު މިލިޔަން ރުފިޔާގެ ތެޔޮ ދަރަންޏަށް ނެގުމަށް ފަހު ފައިސާ ނުދައްކަވައި މިހާރު އަނެއްކާ ވެސް މަސައްކަތް ކުރައްވަމުން ގެންދަ ވަނީ ނުފޫޒު ބޭނުން ކުރައްވައިގެން އިތުރު ތެޔޮ ދަރަންޏަށް ނަގަން ކަމަށެވެ.

"މިހާރު ވެސް އެބައޮތް މޫސަ ހަތަރު މިލިޔަން ރުފިޔާގެ ތެޔޮ ފިއުލް ސަޕްލައި އިން ނަގާފައި. ފައިސާ ނުދީ އެމީހުންނަށް މަޖުބޫރު ކުރަނީ އަނެއްކާ ވެސް ތެޔޮ ހޯދަން،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ތުހުމަތު ކުރެއްވި ގޮތުގައި ރީކޯ މޫސަ ކޮރަޕްޝަންގެ އަމަލުތައް ހިންގަ ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް ވިދާޅުވެ، ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް އިތުރުފުޅު ހައްދަވައިގެންނެވެ. އަދި މޫސާ މަނިކު އެކަންތައްތައް ކުރައްވަނީ ބޮޑެތި "ވައްކަންތައް" ކުރުމަށް މޮޅު ބަޔަކު އަޑީގައި ތިބެގެން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

މުސްތަފާ ވިދާޅުވީ ރީކޯ މޫސަގެ މިފަދަ އަމަލުތައް ހުއްޓުވުމަށް ޓަކައި ވިޔަފާރި ކުރާ އެއްވެސް މީހަކަށް ޕާޓީގެ ލީޑަޝިޕަށް ނާދެވޭ ގޮތަށް އެމްޑީޕީގެ އަސާސީ ގަވައިދު އިސްލާހުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އަންނަ ޖެނުއަރީ މަހު ޕާޓީގެ ކޮންގްރެސްއެއް ބޭއްވުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މުސްތަފާ ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން "އެ ވާހަކަތަކަކީ މޫސާ މަނިކުގެ ނަން ބޭނުން ކުރައްވައިގެން މަޝްހޫރުވާން މުސްތަފާ ކުރައްވާ ކަމެއް ކަމަށް" ބައެއް މީޑިޔާތަކުގައި މޫސަ ވިދާޅުވެފައި ވާތީ އެ ވާހަކަ ފުޅަށް ރައްދު ދެއްވަމުން މުސްތަފާ ވިދާޅުވީ މުސްތޮފާ އަކީ މޫސައަށް ވުރެ މާ ކުރިން މަޝްހޫރު މީހެއް ކަމަށެވެ.
"މޫސަ ހެންވޭރުކޮޅުގައި ބައިސްކަލް ވަގަށް ނަގަން އުޅުނު އިރު އަޅުގަނޑަކީ މިގައުމުގެ މިލިޔަނަރެއް، އަޅުގަނޑަކީ މިގައުމުގައި މޫސަ އަށް ވުރެ މާ މަޝްހޫރު މީހެކޭ، އޭނައަކީ ކިޔެވި މަކުތަބެއް ސްކޫލެއް ހުރި މީހެއް ނޫން، މޫސަ އެއީ ކާކުތޯ؟،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ އެމްޑީޕީގެ މުޅި ޕާލަމެންޓްރީ ގްރޫޕް އޮތީ މޫސައާ ދެކޮޅަށް ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ރީކޯ މޫސަގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު