އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕް: އިބޫ ތިންވަނަ ހޯދި އިރު ސްމައިލީއަށް ހަތަރެއް

ޗައިނާގައި ކުރިއަށްދާ ރާޅާ އެޅުމުގެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރި ރާޅާ އެޅުންތެރިން: ފޮޓޯ// ސާފިންގް އެސޯސިއޭޝަން

ޗައިނާގައި މިހާރު ކުރިޔަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިއަދު ރާއްޖޭގެ ދެ ރާޅާ އެޅުންތެރިން ކަމަށްވާ ހުސެއިން އަރީފް (އިބޫ) އާއި އިސްމާއިލް ރަޝީދު (ސްމައިލީ) ވާދަކޮށް ރިހި މެޑައްޔާއި ލޯ މެޑަލް ހޯދައިފި އެވެ.

މުބާރާތް ބާއްވަމުން އަންނަ ޗައިނާގެ ޝަންޓޯގައި މިއަދު އޮތް ފައިނަލުގައި ތަފާތު ހުނަރުތަކެއް ދައްކާ އިބޫ ތިން ވަނަ ހޯދި އިރު ސްމައިލީ ވަނީ ހަތަރު ވަނަ ހޯދައިފަ އެވެ. އޭޝިޔާ ބައްރުގެ ބޮޑެތި ގައުމުތަކާ ވާދަކޮށް ރާއްޖެއިން ގަދަ ހަތަރެއްގެ ދެ ޖާގަ ހޯދި އިރު އެއްވަނައާއި ދެވަނަ ހޯދީ ޖަޕާންގެ ދެ ރާޅާ އެޅުންތެރިންނެވެ.

ޗައިނާގައި ކުރިއަށްދާ ރާޅާ އެޅުމުގެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރި ރާޅާ އެޅުންތެރިން: ފޮޓޯ// ސާފިންގް އެސޯސިއޭޝަން

މިއަދު ހެނދުނު އޮތް ސެމީ ފައިނަލުން ސްމައިލީއާއި އިބޫ ފުރުސަތު ހޯދީ ދެ ފެތުންތެރިން ވެސް ވާދަކުރި ހީޓުން ދެވަނަ ހޯދައިގެންނެވެ. މި ދެ ފެތުންތެރިންނަކީ ވެސް މިވަގުތު ރާއްޖޭގައި ތިބި އެންމެ ފާހަގަކޮށްލެވޭ ދެ ފެތުންތެރިންނަށްވާ އިރު އިބޫއާއި ސްމައިލީ ވަނީ މީގެ ކުރިން ޖަޕާނުގެ މިޔަޒާކީގައި މިހާރު ކުރިއަށްދާ ވޯލްޑް ސާފިން ގޭމްސްގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.

ސެމީ ފައިނަލުގައި އިބޫ ވާދަކުރީ މުބާރާތް ބާއްވާ ޗައިނާ އާއި ޖަޕާން އަދި ސްރީ ލަންކާގެ ސާފަރުންނާ އެވެ. އަދި ސްމައިލީ ވެސް ވާދަކުރީ ހަމަ އެ ގައުމުގެ ރާޅާއެޅުންތެރިންނާ އެވެ. މުބާރާތުގައި ވާދަކުރުމަށް އިބޫ އާއި ސްމައިލީގެ އިރުތުން އަހުމަދު އާގިލް ވެސް ވަނީ ގޮސްފަ އެވެ. އައްމަޑޭ ވަނީ އޭނާ ވާދަ ކުރި ހީޓުން ތިން ވަނަ ހޯދައި ރަނގަޅު ކުރިއެރުންތަކެއް ހޯދައިފަ އެވެ.

މިފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕަށް ޓީމު މެނޭޖަރެއްގެ ގޮތުގައި އިބްރާހިމް ނަޝާލް ނާސިރު ދިޔަ އިރު، ޓީމުގެ ކެޕްޓަންއަކީ އިބޫ އެވެ.

މީގެ އިތުރުން އިބޫ އަންނަނީ އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން އަންނަ އަހަރު ޖަޕާނުގައި އޮންނަ ޓޯކިޔޯ އޮލިމްޕިކްސް އަށް ތައްޔާރުވުމަށް މަސައްކަތްކުރަމުންނެވެ. އޭނާ ވަނީ ރާއްޖޭގައި މުޅިން އަލަށް ރާޅާ އަޅާ ކުޅުންތެރިންގެ ގައުމީ ޓީމެއް ނަގަން ބޭއްވި "ޓްރަޔަލްސް 2019"ގެ އެއްވަނަ ހޯދައިފަ އެވެ. އެ މުބާރާތުގެ ދެ ވަނަ ހޯދީ އިބޫ އެވެ. ތިން ވަނަ ހޯދީ އަންމަޑޭ އެވެ.

comment ކޮމެންޓް