ފުރަތަމަ "ވުމަން އޮފް ދަ ޑިކޭޑް" ޓޭލާ ސްވިފްޓަށް

ޓޭލާ ސްވިފްޓް އެމްޓީވީގެ ވީއެމްއޭ އެވޯޑްސްގެ ރެޑް ކާޕެޓުގައި --- ފޮޓޯ : ވަރައިޓީ

މިއުޒިކް އިންޑަސްޓްރީގައި ބޮޑެތި ކާމިޔާބީތައް ހާސިކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ބިލްބޯޑުން އަލަށް ތައާރަފުކުރާ "ވުމަން އޮފް ދަ ޑިކޭޑް"ގެ އެވޯޑު މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ދިނުމަށް ހަމަޖައްސައިފި އެވެ.

މިއީ ތާރީހުގައިވެސް އެ އެވޯޑު ދެވޭ އެންމެ ފުރަތަމަ އަންހެން ފަންނާނެވެ.

އަންނަ މަހު 12ގައި ލޮސް އެންޖެލެސްގެ ހޮލީވުޑް ޕެލޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކަން މިއުޒިކް އެވޯޑްސްގައި ޓޭލާއަށް އެ އެވޯޑު އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

ބިލްބޯޑުން ބުނެފައިވަނީ ތާރީހުގައިވެސް ފާއިތުވި 10 އަހަރުގެ ތެރޭގައި އެންމެ ބޮޑު ކާމިޔާބީތަކެއް ހޯދާފައިވަނީ "ލަވަރ"ގެ ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ކަމަށެވެ. އެގޮތުން ބިލްބޯޑުގެ "ބިލްބޯޑް 200" އަލްބަމްގެ ލިސްޓުގައި އޭނާގެ ފަސް އަލްބަމެއް އެއްވަނައިގައި އޮތް އިރު އޭނާގެ ފަސް ސިންގަލް އެއް ވަނީ "ހޮޓް 100"ގައި ހިމެނިފައެވެ. އެ ނަތީޖާތަކަކީ ހަމައެކަނި ފާއިތުވި 10 އަހަރުގެ ތެރޭގައި އޭނާ ހޯދާފައިވާ ކާމިޔާބީތައް ކަމަށް ބިލްބޯޑުން ބުނެފައިވެއެވެ.

ޓޭލާ ސްވިފްޓް ވަނީ ބިލްބޯޑުގެ "ވުމަން އޮފް ދަ އިޔާ"ގެ އެވޯޑުވެސް ދެފަހަރަށް ހޯދާފައެވެ. އޭނާ ވަނީ މިހާތަނަށް ތިން ވޯލްޑް ސްޓޭޑިއަމް ޓުއާވެސް ކުރިއަށް ގެންގޮސްފައެވެ. ބިލްބޯޑުގެ ހާއްސަ ކޮމިޓީއަކުން، ޓޭލާ ސްވިފްޓަށް އެ އެވޯޑު ދިނުމަށް ނިންމާފައިވަނީ އެ ސަބަބުތަކާ ހުރެއެވެ.

comment ކޮމެންޓް