ބަނގުރަލާއެކު ޕާޓީ ކުރަނިކޮށް ހުޅުމާލޭ ގެސްޓްހައުސަކުން ރޭ ހައްޔަރުކުރި 12 މީހުންގެ ތެރެއިން ތިން މީހަކަށް ޝަރުތުކޮށް ދޫކޮށްލުމަށްފަހު، ބާކީ ނުވަ މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ރޭ ހުޅުމާލޭ ގެސްޓްހައުސަކުން ބަނގުރަލާއެކު ހައްޔަރުކޮށްފައިވަނީ ފިލްމީތަރި މަލީހާ ވަހީދުގެ އިތުރުން 11 ފިރިހެނެކެވެ. އެއްވެސް މީހެއްގެ ނަން ހާމަނުކޮށް ފުލުހުން މިއަދު ބުނި ގޮތުގައި، އެ މައްސަލައިގައި ހައްޔަރުކުރި 23 އަހަރުގެ އަންހެން މީހާ ބަންދުގައި ބަހައްޓަން ހަތަރު ދުވަސް ދީފައިވާ ކަމަށެވެ.
މަލްގެ އިތުރުން ހަތަރު ދުވަހުގެ މުއްދަތެއް ޖަހާފައިވަނީ 29 އަހަރާއި 30 އަހަރާއި 39 އަހަރުގެ ތިން ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރި 25 އަހަރާއި 26 އަހަރާއި 27 އަހަރާއި 34 އަހަރު އަދި 40 އަހަރުގެ ފަސް ފިރިހެނަކަށް އަށް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ.
އެ މައްސަލައިގައި ދެން ބާކީ ހިމެނޭ ތިން ފިރިހެނަކަށް ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައެވެ. ދޫކޮށްލީ 27 އަހަރާއި 30 އަހަރާއި 34 އަހަރުގެ ތިން ފިރިހެނެކެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ބަންދުގެ މުއްދަތު ޖަހާފައިވަނީ ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ކަމަށެވެ.
މި 12 މީހުން ރޭ ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލެ ޕޮލިސްއާއި އެސްއޯ ގުޅިގެން ރޭ 08:04 ހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ.
އޭގެ ތެރޭގައި ފިލްމީ ތަރި މަލީހާވެސް ހައްޔަރުކުރި އިރު، އޯގަސްޓް މަހު އދ. މާމިގިލިން މަސްތުވާތަކެއްޗާއެކު އޭނާ ހައްޔަރުކުރި މައްސަލައެއްގައި އޭނާގެ މައްޗަށް މި ހަފްތާގައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތްވެސް ފަށާފައެވެ.
މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ބުނާ ގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި 100،000ރ. އާއި 10،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް އަންނާނެއެވެ.