ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ ދިރިއުޅުއްވި ހ. ފުންވިލުގޭގެ ސިޑިގޮޅީގައި އޭނާ އަވަހާރަަކޮށްލި އިރު، ސިޑި މަތީގައި އިތުރު ބަޔަކު ތިބިކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭންގޭ މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަހުގީގަށް ހާމަވެފައިވާކަން "ސަން"އަށް އެނގިއްޖެއެވެ.
މީގެ ހަތް އަހަރު ކުރިން 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހިނގި މި މަރުގެ ހާދިސާ، ގޮތްނޭނގޭ މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި، ރައީސުލްޖުމްހޫރިއްޔާއާއި ކަމާ ބެހޭ އިދާރާތަކަށް މިހާރު ވަނީ ހިއްސާކޮށްފައެވެ.
މި ތަހުގީގު ރިޕޯޓުގައި ހިމެނޭ ބައެއް މައުލޫމާތު "ސަން"އަށް ލިބިފައިވާ އިރު، އޭގައި ވާ ގޮތުން ޑރ. އަފްރާޝީމަށް ހ. ފުންވިލުގޭގެ ތެރެއިން ހަމަލާދިނީ އެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ، ހުސައިން ހުމާމް އަހްމަދާއި އެ މައްސަލައިގައި ކުރި ދައުވާ ސާބިތުނުވި ހ. ހިކޯސްޓް، އަލީ ޝާން (ސަޓޯ)އެވެ. އަދި އަފްރާޝީމަށް ފާރަލާން ހުރީ އޜު 18 އަހަރު ނުފުރޭ ކުޑަކުއްޖެކެވެ.

ހުމާމް އާއި ޝާން: އަފްރާޝީމް މަރާލުމުގައި އަަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން -- ސަން ފައިލް ފޮޓޯ
ހުމަމްއާއި ޝާން ހަމަލާ ދޭތޯ ކަށަވަރުކުރުމަށް ހ. ފުންވިލުގޭގެ މަތީ ފްލޯއެއްގެ ސިޑިމަތީގައި އިތުރު ބަޔަކުވެސް އެ ރޭ ހަރަކާތްތެރިވިކަން ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް އެނގި ހާމަވެފައިވާކަން "ސަން"އަށް ވަނީ އެނގިފައެވެ. އަދި އެތަނުގައި ތިބީ ކޮން ބައެއްކަންވެސް ކޮމިޝަނަށް އެނގެއެވެ. މިބައިމީހުން ސިޑި މަތީގައި "މޮނީޓަރު"ކުރުމަށް ތިބިކަން، ހަމަލާ ދިނުމުގައި އުޅުނު ތިން މީހުންނަކަށް ނޭނގެއެވެ--މަތީގައި ތިބި މީހުންނަށް ހަވާލުވެފައި އޮތީ ހުމާމްއާއި ޝާނަށް ކަން ނުވެއްޖެނަމަ ތިރިއަށް ފައިބައިފައި އަފްރާޝީމަށް ހަމަލާ ދިނުމެވެ.
ކޮމިޝަނުގެ ހޯދުންތަކަށް އެނގިފައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލަން ފަންޑުކުރީ ރާއްޖޭގައި ހަރަކާތްތެރިވާ ހައްދުފަހަނއެޅި ދީނީ ގްރޫޕެކެވެ. ސަބަބަކީ ދީނީ ގޮތުން ހުރި ހިޔާލު ތަފާތުވުންތަކެވެ. ކޮމިޝަނަށް އެނގިފައިވާ ގޮތުން ފުންވިލުގޭގެ ސިޑިމަތީގައި އެރޭ ތިބީ ސީދާ އެ ގްރޫޕުން ފޮނުވި ބައެކެވެ.

އަފްރާޝީމް އޭރު ދިރިއުޅުއްވި ހ. ފުންވިލުގެ ތަހުގީގަށް ބަންދުކޮށްފައި --- ސަންފޮޓޯ
ކޮމިޝަނުގެ ތަހުގީގަށް ހާމަވެފައިވާ ގޮތުން މި ހަމަލާގެ ބޮޑު މޭސްތިރިއަކީ ހ. ހިލްޓަން، އަޒްލިފް ރައޫފެވެ. ހައްދު ފަހަނައެޅި ދީނީ ޖަމާއަތުން އަފްރާޝީމް މަރާލުމުގެ މަސައްކަތް ހަވާލުކުރީ އަޒްލިފްއަށްކަން ކޮމިޝަނަށް ފާހަގަވެފައިވެއެވެ.
ހަމަލާ ދިން ރޭ ހ. ފުންވިލުގޭ ސަރަހައްދުގައި އަޒްލިފް އުޅުނު މަންޒަރު، އެ ހިސާބުގެ ސީސީޓީވީ ކެމެރާތަކަށް އަރާފައި ވެއެވެ. ފުޓޭޖުން ދައްކަނީ އަޒްލިފް ސްޓެލްކޯ ކުރިމަތިން ކަށިމާހިނގުމާ ދިމާލުން އަމީނީމަގުގައި ސައިކަލުގައި ހުންނަ މަންޒަރެވެ. އަފްރާޝީމް ގެއަށް ވެދެވަޑައިގަތުމުން ފޯނުން "ސިގްނަލެއް" ދީފައި އޭނާ އެތަނުން ދަނީއެވެ. ކޮމިޝަނުން މި ފުޓޭޖު މީގެ ކުރިން އާންމުކޮށްފައި ވެސް ވެއެވެ.

ސްޓެލްކޯ ކުރިމަތީގައި އަޒްލީފް މަޑުކޮށްލައިގެން: އަފްރާޝީމް މަރާލުމުގައި އިސްކޮށް އުޅުނީ އޭނާ ---
މި ހަމަލާ ރާވާ ހިންމުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ އަަޒްލިފް ރައޫފް 2015 ގައި ސީރިއާގެ ހަނގުރާމައަށް ގޮސް މަރުވެފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ. އެހެންނަމަވެސް، އެއްވެސް މަސްދަރަކުން އެކަން ކަށަވަރުވެފައި ނުވެއެވެ.
ތިން މަރުގައިވެސް އެއްގޮތް ކަންތައްތަކެއް!

ރިލްވާން، އަފްރާޝީމް އަދި ޔާމީން: ތިން މަރުގައިވެސް އެއްގޮތް ކަންތައްތަކެއް ---
އަފްރާޝީމް އަވަހާރަކޮށްލި ފަހުން ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲއާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާލުމުގައިވެސް އެއްގޮތް ކަންތައްތަކެއް ކޮމިޝަނަށް ފާހަގަކުރެވިފައި ވެއެވެ. ރިލްވާންގެ މަރުގެ މައްސަލައިގައި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައްސަލަ ތަހުގީގުކުރި ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ އެ ތިން މަރަކީވެސް ގުޅި ލާމެހިފައިވާ ތިން މަރު ކަމަށެވެ. ނަމަވެސް މާ ބޮޑު ތަފްސީލެއް ހާމަ ނުކުރައްވައެވެ.
ރިލްވާންގެ މަރުގެ ފަހަތުގައިވެސް ވަނީ ދީނީ ހައްދުފަހަނައެޅި ބަޔެއް ކަމަށް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. ރިލްވާންވެސް ކާރަކަށް އަރުވައިގެން ދިޔައީ އޭނާއަށް ފާރަލުމަށްފަހު، ގެއަށް ވަންނަ އުޅެނިކޮށެވެ. އެ "މިޝަންގައި"ވެސް ކުދި ކުދި ސެލްތަކެއް އުޅުނެެވެ. އެއް ސެލްއިން ކުރާ ކަމެއް އަނެއް ސެލްއަށް ނޭނގޭ ގޮތަށް ވަރަށް ބޮޑަށް ރޭވިގެން ކުރި ކަމެކެވެ. ރިލްވާން މައްސަލައިގައި އިސްކޮށް އުޅުނީ އަފްރާޝީމް މައްސަލައިގައި އިސްކޮށް އުޅުނު އަޒްލިފްގެ ކޮއްކޮ، ހ. ހިލްޓަން، އާލިފް ރައޫފެވެ.
ޔާމީން ރަޝީދު މަރާލާފައިވަނީ އަފްރާޝިމް އަވަހާރަކޮށްލި ގޮތާ ދާދި އެއްގޮތަކަށް، އެއް ތައްގަނޑަކަށެވެ. ޔާމީންގެ މަރާވެސް ގުޅެނީ ދީނީ ކަމެއްގެ ސަބަބުނެވެ. ޔާމީންވެސް މަރާލީ އޭނާއަށް ފާރަލުމަށްފަހު ގެއަށް ވަން ވަގުތުއެވެ. ހަމަ ގޭގެ ސިޑިގޮޅި ކައިރިންނެވެ. އެ މިޝަންގައި ވެސް ހުރީ ސެލްތަކަށް ޓާސްކްތައް ބަހާލައިފައެވެ.