ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ދަރާ ރަޝީދަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނުވަވަނަ ފިލްމު އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދަރާ ރަޝީދަށް ހަވާލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ފިލްމު އިންޑަސްޓްރީއަށް ގިނަ އަހަރުތަކެއްވަންދެއް ހިދުމަތްކޮށްދީފައިވާ ފަރާތްތަކަށް ދެމުން އަންނަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު މި އަހަރު މުހައްމަދު ރަޝީދު (ދަރާ ރަޝީދު) އަށް ލިބިއްޖެ އެވެ.

ރޭ އޮލިމްޕަހުގައި ބޭއްވި ނުވަވަނަ ދިވެހި ފިލްމު އެވޯޑްސް ހަފްލާގައި ދަރާ ރަޝިދަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހަވާލުކުރެއްވީ ހަފްލާގެ ޝަރަފުވެރި މެހްމާނު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި ދަރާ ރަޝީދު ހަރަކާތްތެރިވާތާ މިއީ 38 ވަނަ އަހަރެވެ. އެ މުއްދަތުގެ ތެރޭގައި ދަރާ ރަޝީދު ވަނީ ދިވެހި ފިލްމު އިންޑަސްޓްރީގައި ކެމެރާގެ ކުރިމަތީގައި އަދި ފަހަތުގައި ވެސް ހުރެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އަށްޑިހައިގެ އަހަރުތަކުގައި ނެރުނު "އަންގައިދޭށޭ އަދުވީ ރުހިގެން" ލަވައާ އެކު ދަރާ ރަޝީދު ދިވެހި ފިލްމު އިންޑަސްޓްރީއަށް ވަނެވެ. އެއާ އެކު ފިލްމުތަކާއި އެނޫން ވެސް ޕްރޮޖެކްޓުތަކުގައި ހަރަކާތްތެރިވާން ފެށީ ފިލްމީ ދާއިރާއަށްހުރި ލޯތްބެއްގެ ބޮޑުކަމުންނެވެ.

ނުވަވަނަ ފިލްމު އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބުނު ދަރާ ރަޝީދު -- ފޮޓޯ/ ރައީސް އޮފީސް

ދަރާ ރަޝީދު އަށްޑިހައިގެ އަހަރުތަކުގައި ވެސް ފަހަކަށް ވުރެ ގިނަ ފިލްމުގައި ހަރަކާތްތެރިވި އިރު އޭގެތެރެއިން ގިނަ ފިލްމުތަކުގައި އޭނާ މަސައްކަތްކޮށްފައި ވަނީ ހިލޭ ސާބަހަށެވެ. އެއީ ހަމަ ފިލްމީ ދާއިރާއަށް ހުރި ލޯތްބެއްގެ ބޮޑުކަމުންނެވެ.

އޭނާ ވަނީ މިހާތަނަށް 30 އަށް ވުރެ ގިނަ ފީޗާ ފިލްމުގައި ހަރަކާތްތެރިވެފަ އެވެ. އަދި ގިނަ ސީރީޒްތަކާއި މިއުޒިކް ވީޑިއޯތަކުގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ.

"ދަރާ"ގެ ނަމުގައި މިހާރު ޕްރޮޑަކްޝަން ކުންފުންޏެއް ހިންގާއިރު މިހާރު ވެސް ދަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މިހާރު ވެސް އޭނާ ދަނީ ކެމެރާގެ ކުރިމަތިންނާއި ކެމެރާގެ ފަހަތުން މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް