ކަރަންޓު ލިބިގެން މަޖިލިސް ފަށައިފި

11:06 ކަރަންޓް ލިބިގެން މަޖިލިސް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި ކަރަންޓް ނެތިގެން މިއަދު ހެނދުނު 9:00ގައި ފަށަަން އޮތް ޖަލްސާ ފުރަތަމަ 10:00 އަށް ފަސްކުރުމަށް ފަހު، އަދި ވެސް އެ މައްސަލަ ހައްލުނުވާތީ 11 ޖަހާއިރަށް ޖަލްސާ ފަސްކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ދެންމެ ބުނެފި އެވެ.

މިއަދުގެ ހެނދުނުގެ ދަންފަޅި އަށް އެޖެންޑާކޮށްފައި ވަނީ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން މުހައްމަދު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ސުވާލު ކުރެއްވުމަށް އެޖެންޑާކޮށްފައިވާ މައްސަލައަކާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ދެ ގާނޫނަކަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ދެ މައްސަލައަކާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފު ނައީމު ގާނޫނަކަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ މައްސަލައަކާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކާއި ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ ހުށަހަޅުއްވާފައިވާ މައްްސަލައަކާ މެދު އެވެ.

ުމުހުސިން ހައުސިން މިނިސްޓަރާ ކުރައްވާ ސުވާލަކީ ބޭރުގެ އެހީގެ ދަށުން ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައިވާ ބައެއް ރަށްރަށުގެ ނަރުދަމާ ބެލެހެއްޓުމަށް ސިވިލްސާވިސް މުވައްޒަފުން ލައްވާފައިވާ އިރު، ނިލަންދޫގެ ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް އެ އުސޫލު ގާއިމު ނުކުރައްވަނީ ކީއްވެގެންތޯ ކުރައްވާ ސުވާލެވެ.

ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފު ހުށަހަޅުއްވާފައި ވަނީ ސިވިލް ސާވިސް ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.

ޔޫސުފު ނައީމު ހުށަހަޅުއްވާފައި ވަނީ ދައުލަތުގެ ޕެންޝަނާ ބެހޭ ގާނޫނު އިސްލާހު ކުރުމަށެވެ.

ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލާގައި ވަނީ އިންޑިއާގެ ވިޔަފާރި ކުންފުނި ޖީއެމްއާރަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް ކުއްޔަށް ދިން ފަހުން އެ ތަނަށް އެއްވެސް ތަރައްގީއެއް ނައިސް ވަނިކޮށް، އެއާޕޯޓުން ދޭ ހިދުމަތްތަކުގެ އަގު އިންތިހާ އަށް ބޮޑުކޮށް އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ބޮންޑެޑް ވެއާ ހައުސްތަކުގައި ދިވެހި ވިޔަފާރިވެރިން ކުރަމުން އައި ވިޔަފާރިން އެ މީހުން ދުރުކޮށް، ޖީއެމްއާރުގެ އެ އަމަލު ކުށްވެރިކޮށް އެކަން ހުއްޓުވުމަށް ހުށަހަޅުއްވާފައިވާ ގަރާރެކެވެ.

އެ މައްސަލަތައް އެޖެންޑާކޮށްފައި ވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅުއްވާ ކަންތައްތަކަށް ފަހު އެވެ. ނަމަވެސް އެއީ ކޮންކޮން ކަންކަމެއްް ކަން އެޖެންޑާގައި ހިމަނާފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު