ނިޒާމާ ބެހޭ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު ނުދެއްވައިގެން މަޖިލީހުގައި އަޑުގަދަކުރެއްވުމުގެ ސަބަބުން އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން އޭނާ ނެރެފިއެވެ.
ރޮޒައިނާ އަޑުގަދަ ކުރަން ފެށީ ރިޔާސަތުން އޭނާއަށް ނިޒާމާ ބޭހޭ ނުކުތާއަކަށް ފުރުސަތު ނުދީގެނެވެ. އަދި ނިޒާމީ ނުކުތާ ނުދެއްވީ ކީއްވެގެންތޯ ތަކުރާރުކޮށް ރޮޒައިނާ ދިޔައީ ރިޔާސަތާ ސުވާލު ކުރަމުންނެވެ.
ރޮޒައިނާ ނިޒާމީ ނުކުތާ އަކަށް އެދިވަޑައިގަތީ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު ބަޖެޓަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށެވެ.
ރޮޒައިނާގެ އިތުރުން އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒުވެސް ނިޒާމީ ނުކުތާއަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ދިޔަ އެވެ.
ނަމަވެސް ރިޔާސަތުން އެ ފުރުސަތެއް ނުދެއްވައެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދު ރޮޒައިނާގެ ނަން އިއްވުމުގެ ކުރިން ދެ ފަހަރެއްގެ މަތިން ނަސޭހަތް ދިނެވެ.
ރޮޒައިނާއަށް ފުރަތަމަ ނަސޭހަތް ދިނީ ދާންދޫ ދާއިރާ މެމްބަރު ޔައުގޫބު އަބްދުﷲ ވާހަކަ ދައްކަވަމުން ދަނިކޮށް، ކޮޅަށްހުރެ އަޑު ގަދަ ކުރުމުގެ ސަބަބުންނެެވެ. ދެވަނަ ފަހަރަށް ނަސޭހަތް ދިން އިރުވެސް އޭނާ ކޮޅަށް ހުއްނަވައިގެން އަޑުގަދަ ކުރަމުން ދިޔަ އެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް ގަވައިދުގައިވާ ގޮތުން ނިޒާމީ ނުކުތުތާއެއް ނަގަން ޖެހެނީ ނިޒާމު ގެއްލޭ ކަމެއް ފާހަގަވުމުން ކަމަށާއި ނިޒާމާ ހިލާފުކަމެއް ހިނގާނަމަ ރިޔާސަތަށް އެނގޭނެ ކަމަށެވެ. އަދި ނިޒާމީ ނުކުތާ ދިނުމާމެދު ގޮތެއް ނިންމުމުގެ ބާރު އޮންނަނީ ރިޔާސަތުގެ އިހުތިޔާރުގައި ކަމަށެވެ.
އެމަނިކުފާނު ވިދާޅާވީ، ބަހުސްކުރަމުން ދިޔައީ ދައުލަތުގެ ބަޖެޓަށް ކަމަށާއި އެ ބަޖެޓަށް އިދިކޮޅު މެމްބަރުންނަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
"މި މަޖިލިސް ހިނގަން ޖެހޭނީ ތަރައްގީވެފައިވާ ގައުމުތަކުގައި ހިނގާ ބާވަތުގެ މަޖިލީހެއްގެ ގޮތުގައި... ސަރުކާރު ހިންގާ ޕާޓީން ބަޖެޓެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅީމަ އެޔަށް ވާދަވެރި ޕާޓީތަކުން ޖަވާބު ދޭން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.
މިއީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ރައީސް ނަޝީދު އެ ޕާޓީގެ މަޖިލިސް މެމްބަރަކު މަޖިލީހުން ނަން އިއްވައި ނެރުނު ފުރަތަމަ ފަހަރެވެ. އަދި 19 ވަނަ މަޖިލީހުގައި ވެސް އެމްޑީޕީގެ މެމްބަރަކު ނަން އިއްވައި ނެރުނު ފުރަތަމަ ފަހަރެވެ.