އިނގިރޭސި ވިލާތުގެ އާސެނަލަށް ގިނަ އަހަރުތަކެއް ވަންދެން ކޯޗުކަން ކޮށްދިން ފްރާންސްގެ ތަޖުރިބާކާރު ކޯޗު އާސެން ވެންގާއަށް ފީފާގެ ބޮޑު މަގާމެއް ދީފި އެވެ.
ވެންގާ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅުތި ކޯޗުންގެ ތެރެއިން ނަން ކިޔާލެވޭ ކޯޗަކަށްވާ އިރު އޭނާ ވަނީ އާސެނަލާ އެކު 22 އަހަރު ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ 2003-2004 ވަނަ އަހަރު އިނގިރޭސި ލީގު އެއްވެސް މެޗަކުން ބަލިނުވެ ހޯދުމަކީ ވެންގާގެ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ.
އުމުރުން 70 އަހަރުގެ ވެންގާ މިދިޔަ ސީޒަނުގެ ކުރިން އާސެނަލް ދޫކޮށްލުމާ އެކު އޭނާއަށް ވަނީ ގިނަ ޓީމުތަކަކަށް ކޯޗުކަން ކޮށްދިނުމަށް އެދި ހުޝައެޅުންތަކެއް އައިސްފަ އެވެ. އެހެން ނަމަވެސް އޭނާ އެއްވެސް ކުލަބަކަށް އެއްބަސްނުވި ނަމަވެސް ދާދި ފަހުން ހުސްވެފައިވާ ބަޔާން މިއުނިކްގެ ކޯޗު ކަމުގެ މަގާމަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް އޭނާއަށް އޭގެ ކުރިން ފީފާއިން ވަނީ އެ އިދާރައިގެ ޗީފް އޮފް ގްލޯބަލް ފޫޓްބޯލް ޑިވެލޮޕްމެންޓްގެ މަގާމު ދީފަ އެވެ. އެއާ އެކު އޭނާ އިތުރު ކުލަބަކަށް ދެން ކޯޗުކަން ކޮށްދޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.
ފީފާއިން ބުނީ ވެންގާގެ ކޯޗުކަމުގައި އޭނާ ގެންގުޅުނު ފިލޯސޮފީތަކުގެ ތެރޭގައި ޒުވާން ހުނަރު އުފެއްދުމަކީ ވަރަށް ބޮޑަށް އިސްކަމެއް ދީފައިވާ ކަމެއް ކަމަށެވެ. އެހެން ކަމުން އޭނާއަށް ހަވާލު ކުރި މަސްއޫލިއްޔަތަކީ ވެސް ދުނިޔޭގެ އަންހެން އަދި ފިރިހެން ފުޓުބޯޅައިގެ ޒުވާން ޖީލުތައް ބެލެހެއްޓުމުގެ ޒިންމާ ކަމަށް ފީފާއިން ބުންޏެވެ.
މީގެ އިތުރުން ވެންގާ އަކީ ފީފާގެ ޓެކްނިކަލް ޑިޕާޓްމެންޓަށް ވެސް ލަފާ ދޭ ކޮމިޓީގައި ހިމެނޭނެ މީހެއް ކަމަށާއި އެހެން ކަމުން ފުޓުބޯޅައަށް އީޖާދުކުރާ އައު ގަވާއިދުތަކާއި ކަންތައްތައް މަޝްވަރާ ކުރުމުގައި ވެންގާގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ފީފާއިން ބުނެ އެވެ. އެހެން ނަމަވެސް ވެންގާގެ އެންމެ ބޮޑު ރޯލަކީ ފުޓުބޯޅައިގެ ޖީލުތައް ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ފުޓުބޯޅަ ކުޅުން ހުއްޓާލައި ކުޅުންތެރިން ކުރިމަގުގައި ކޯޗިންގް ދާއިރާއަށް ނެރުން ވެސް ހިމެނެ އެވެ.
"މިއީ އަހަރެންނަށް ލިބުނު ވަރަށް ވެސް ބޮޑު އަދި މުހިއްމު ޗެލެންޖެއް. މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް މަސައްކަތް ކުރާނަން." ވެންގާ މަގާމާއި ހަވާލުވުމަށްފަހު ބުނެފައިވެ އެވެ.