ހިލަރީ ކްލިންޓަން އަނެއްކާވެސް ރައީސްކަމަށް ކުރިމަތިލައްވާކަމުގެ އަޑު ގަދަވަނީ

އެންމެ ފަހުން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމުން ބަލި ގަބޫލުކުރައްވައި، ހިލަރީ ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން-- ފޮޓޯ/ އޭޕީ

ނިމިގެން ދިޔަ އެމެެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަމުގެ އަޑުތައް އަނެއްކާވެސް ގަދަވެއްޖެއެވެ.

ދެހާސް ސޯޅަވަނަ އަހަރު ބޭއްވި އިންތިހާބުގައި ހިލަރީއަށް ޓްރަމްޕްއަށް ވުރެވެސް ގިނަ ވޯޓު ލިބިވަޑއިގެންނެވިއެވެ. ނަމަވެސް އިލެކްޓޯރަލް ވޯޓުން ކުރިހޯއްދެވީ ޓްރަމްޕެވެ.

ޓްރަމްޕްއަށްވުރެ އިލެކްޓޯރަލް ވޯޓު މަދުން ލިބިވަޑައިގަތުމުން ރައީސްއަކަށް އިންތިހާބުވީ ޑޮނަލްޑް ޓްރަމްޕްއެވެ.

ހިލަރީ ރައީސްކަމަށް އަލުން ނިކުންނަވަން އުޅޭކަމަށް ނިމިގެން ދިޔަ ރިޔާސީ އިންތިހާބްގައި އެކަމަނާގެ އެއް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅަކުވެސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ހިލަރީ ކްލިންޓަން މިހާތަނަށްވެސް އިންތިހާބަށް އަލުން ވާދަކުރައްވާނެތޯ ނުވަތަ ނޫންތޯ އަދިވެސް ސާފުކޮށެއް ވިދާޅެއްނުވެެއެވެ. ދާދި ފަހުން ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ހިލަރީ ވިދާޅުވީ ޓްރަމްޕަށްވުރެ މާ ރަނގަޅު ރައީސްއަކަށް އޭނާއަށް ވެވިދާނެ ކަމަށެވެ.

އާންމުކޮށް ހިލަރީއަށް ބަހުގެ ހަމަލާތައް ދެއްވަމުންގެންދަވާ ޓްރަމްޕް ދާދި ފަހުންވެސް ވަނީ ހިލަރީ އަލުން ރިޔާސީ އިންތިހާބަށް ނުކުތުމަށް ގޮވާލައްވައިފައެވެ. ޓްރަމްޕަށް ރައްދު ދެއްވައި ހިލަރީ ވިދާޅުވީ އޭނާ އަލުން ރިޔާސީ އިންތިހާބަށް ނުކުތުމަށް ބާރުނާޅައި ޓްރަމްޕުގެ މަސްއޫލިއްޔަތު އަދާ ކުރުމަށެވެ.

ހިލާރީ ދާދި ފަހުންވެސް ވަނީ އޭނާއަށް އަނެއްކާވެސް އިންތިހާބުގައި ޓްރަމްޕް "ބަލި" ކުރެވިދާނެކަމަށެވެ. ބަލިވުންކަމަށް ހިލަރީ ސިފަކޮށްފައިވަނީ އެންމެ ގިނައިން ވޯޓު ލިބުނީ އޭނާއަށްކަން ހަނދާންކޮށްދިނުމުގެ ގޮތުންނެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުޑަތަންވެފައިވާއިރު ހިލަރީ މިހާރު ގެންދަވަނީ އޭނާގެ ދަރިކަނަބަލުން ޗެލްސީ ކްލިންޓަންއާއެކު ދާދި ފަހުން ލިޔުއްވި "ގަޓްސީ ވުމަން" ފޮތް ޕްރޮމޯޓުކުރުމުގައި އަވަދިނެތި ހަރަކާތްތެރިވަމުންނެވެ. އޭގެ އިތުރުން ތަފާތު އެކި އިވެންޓްތަކުންވެސް ހިލަރީ ފެންނަމުންދާލެއް ދަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ ކްލިންޓިން ރިޔާސީ އިންތިހާބަށް ކެމްޕޭން ފެށުމުގެ ގޮތުން ކުރާކަމެއްކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހިލަރީގެ ފިރިކަލުން އަދި ކުރީގެ ރައީސް ބިލް ކްލިންޓަންވެސް ވަނީ ހިލަރީ ރިޔާސީ ރޭހަށް ނުކުމެދާނެކަމުގެ އިޝާރާތެއް ދެއްވައިފައެވެ.

"ހިލަރީ ރިޔާސީ އިންތިހާބަށް ނުކުމެވެސްދާނެ ނޫނީ ވާދަނުކޮށްވެސްދާނެ. ހަމަގައިމުވެސް އަޅުގަނޑަކަށް ދެން ރިޔާސީ އިންތިހާބަކަށް ވާދައެއް ނުކުރެވޭނެ." ބިލް ވިދާޅުވިއެވެ.

ހިލަރީ ބީބީސީއަށް ދާދި ފަހުން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށް ވަރަށް ގިނަ ފަރާތްތަކަކުން ކެނޑިނޭޅި އެދެމުންދާ ކަމަށެވެެ. އަދި އެކަމަށްއެދި ވަރަށް ބޮޑަށް ޕްރެޝަރުތައް ކުރިމަތިވެފައިވާ ކަމަށްވެސް ކްލިންޓަން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓަށް ވާދަކުރައްވާ ސެނެޓަރު ތުލްސީ ގަބާޑްއަށް ހިލަރީ ދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ހިލަރީ ވިދާޅުވަމުން ގެންދަވަނީ ތުލްސީއަކީ ރަޝިއާގެ މުދަލެއް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ނުކުންނަވާ ކެންޑިޑޭޓުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން، ބިލިއަނަރު މައިކަލް ބްލޫމްބާގް އަދި ސެނެޓަރު އެލިޒަބެތު ވޮރެންއާއި ކަމާލާ ހާރިސް އަދި ބާނީ ސެންޑާސް ފަދަ ބޭފުޅުން ހިމެނެއެވެ.

އޭގެ ތެރެއިން ޖޯ ބައިޑަންއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރިމަތިވެފައިވާއިރު، ނިއުޔޯކްޓައިމްސްއިން އެކި ޕޮލްތަކާ ހަވާލާދީ ބުނީ އެލިޒަބަތު ވޮރެންއަށް އެމެރިކާގެ ދޮން ނަސްލުގެ ކޮލެޖު ޑިގްރީ ނެތް މީހުންގެ މާބޮޑު ސަޕޯޓެއް ނެތް ކަަމަށެވެ. އެލިޒަބަތުގެ ބޮޑު ސަޕޯޓުއެއް އޮތީ އާންމުކޮށް އެމެރިކާގެ އެންމެ ކިޔަވައިގެން ތިބި މީހުންގެ ތެރޭގައެވެ.

އެހެން ކަންޑިޑޭޓުންނަށް ބަލާލާއިރު އިންތިހާބުގައި ވާދަކުރައްވާ އެންމެ ދޮށީ ކެންޑިޑޭޓު ބާނީ ސޭންޑާސްއަށް ދާދި ފަހުން ހާޓް އެޓޭކެއް ޖެހުނު ނަމަވެސް އަލުން ވަނީ ކެމްޕޭނައިގެން މަސައްކަތް ފައްޓަވާފަައެވެ.

މަސްދަރު: ނިއުޔޯކްޓަމްއިމްސް، ބީބީސީ

comment ކޮމެންޓް