ބޮލީވިއާގެ ވަގުތީ ރައީސަކަށް ސެނެޓުގެ ލީޑަރު

ބޯލީވިއާގެ ސެނެޓުގެ ލީޑަރު ޖެނީން އަންޔޭސް ވަނީ ވަގުތީ ގޮތުން ރައީސްކަމާ ހަވާލުވެވަޑައިގެންފައި -- ފޮޓޯ: ރޮއިޓާސް

ސުކްރޭ (ނޮވެމްބަރު 13): މިދިޔަ އާދިއްތަ ދުވަހު ބޮލީވިއާގެ ރައީސް އިސްތިއުފާ ދެއްވުމާ ގުޅިގެން އެގައުމުގެ ވަގުތީ ރައީސްކަން ކުރައްވާނީ މިވަގުތު ސެނެޓުގައި އެންމެ އިސްކޮށް ހުންނެވި ޖެނީން އަންޔޭސް ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

ރައީސް އީވޯ މޮރަލެސްއާ ދެކޮޅަށް މުޒާހަރާތައް ކުރާތާ ގިނަ ދުވަސްތަކެއްވީ ފަހުން އޭނާ އިސްތިއުފާ ދެއްވުމުން ނައިބު ރައީސާއި ސެނެޓުގެ ލީޑަރު ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން މީގެ ކުރިން ސެނެޓުގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގައި ހުންނެވި އަންޔޭސް ވަނީ ލީޑަރުކަމަށް އިސްވެވަޑައިގެންފަ އެވެ.

"މިވަގުތު ގައުމުގައި ރައީސަކާއި ނައިބު ރައީސެއް ނެތުމުން... ގާނޫނު އަސާސީގައިވާ ގޮތުގެ މަތިންނާއި ސެނެޓުގެ ރައީސްގެ މަގާމުގައި ހުރެ އަޅުގަނޑު ގައުމުގެ ރައީސްކަމާ ހަވާލުވަން،" އަންޔޭސް ވިދާޅުވި އެވެ.

ނަމަވެސް އަންޔޭސް ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިރު މޮރަލެސްއަށް ތާއިދު ކުރާ މެމްބަރުން ވަނީ އެޕާލިމެންޓު ބައްދަލުވުން ބޯއިކޮޓްކޮށްފަ އެވެ. އެހެންކަމުން އެބައްދަލުވުމުގައި ކޯރަމް ހަމަވެފައި ނުވެ އެވެ.

ނަމަވެސް ބޮލީވިއާގެ އެންމެ މަތީ ދުސްތޫރީ ކޯޓުން ވަނީ އަންޔޭސް ރައީސް ކަމަށް އިސްކުރުން ސައްހަ ކަމަށް ނިންމާފަ އެވެ.

ވާތު ފިޔައިގެ ފިކުރަށް ތާއިދު ކުރައްވާ މޮރަލެސް ވަނީ އަންޔޭސްއަކީ "ބަޣާވާތަކަށް ތާއިދު ކުރާ ކަނާތު ފިޔައިގެ ސެނެޓަރެއް"ގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

މޮރަލެސް އިސްތިއުފާ ދެއްވީ ބޮލީވިއާގައި މިދިޔަ މަހުގެ 20ގައި ބޭއްވި އިންތިހާބުގެ ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހަދައި، އިދިކޮޅު ފަރާތްތަކުން ސިލްސިލާ މުޒާހަރާތައް ކުރިއަށްގެންދަނިކޮށެވެ. އަދި އެއިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ސަރަހައްދީ ޖަމްއިއްޔާއެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް (އޯއޭއެސް)އިން ބުނި ފަހުންނެވެ.

އޭގެ ސަބަބުން މޮރަލެސް އާ އިންތިހާބެއް ބާއްވާނެކަން އިއުލާން ކުރެއްވި އެވެ. ނަމަވެސް ފަހުން އެގައުމުގެ ސިފައިންގެ ވެރިޔާ، ޖެނެރަލް ވިލިއަމްސް ކަލިމަން ވަނީ ގައުމުގެ މަސްލަހަތަށް ޓަކައި މޮރަލެސް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ.

އެއަށް ފަހު މޮރަލެސް ވަނީ އެއީ ބަޣާވާތެއް ކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި އިއްޔެ އޭނާ ވަނީ މެކްސިކޯއިން ހިމާޔަތް ހޯއްދަވައިގެން އެގައުމަށް ވަޑައިގަންނަވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް