ސޫކްރޭ (ނޮވެމްބަރު 12): ބޮލީވިއާގެ ރައީސްކަމުން މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވި އީވޯ މޮރަލެސް މެކްސިކޯއިން ހިމާޔަތް ހޯއްދަވައިފި އެވެ.
ބޮލީވިއާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކާއި މޮރަލެސްއަށް ތާއިދު ކުރާ ފަރާތްތަކާ ދެމެދު ހަމަނުޖެހުންތައް ހިނގަމުންދަނިކޮށް، މިއަދު މޮރަލެސް ވަނީ މެކްސިކޯއިން ހިމާޔަތް ހޯއްދަވައި، އެގައުމަށް ދާން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ސިޔާސީ ސަބަބުތަކާ ހެދި ގައުމު ދޫކޮށް ދާން ޖެހުމުން ވަރަށް ދެރަވޭ. ނަމަވެސް އަޅުގަނޑު މާވަރުގަދަކޮށް ވަރަށް އަވަހަށް އެނބުރި އަންނާނަން،" މޮރަލެސްގެ ޓުވީޓެއްގައިވެ އެވެ.
މޮރަލެސް އިސްތިއުފާ ދެއްވަން ޖެހުނީ ބަޣާވާތެއްގެ ސަބަބުން ކަމަށް ބުނެފައިވާ މެކްސިކޯގެ ފޮރިން މިނިސްޓްރީން ވަނީ އޭނާއަށް ހިމާޔަތް ދީފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
މޮރަލެސް އިސްތިއުފާ ދެއްވީ ބޮލީވިއާގައި މިދިޔަ މަހުގެ 20ގައި ބޭއްވި އިންތިހާބުގެ ނަތީޖާ ގަބޫލު ކުރުމަށް ދެކޮޅު ހަދައި، އިދިކޮޅު ފަރާތްތަކުން ސިލްސިލާ މުޒާހަރާތައް ކުރިއަށްގެންދަނިކޮށެވެ. އަދި އެއިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ސަރަހައްދީ ޖަމްއިއްޔާއެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް (އޯއޭއެސް)އިން ބުނި ފަހުންނެވެ.
އޭގެ ސަބަބުން މޮރަލެސް އާ އިންތިހާބެއް ބާއްވާނެކަން އިއުލާން ކުރެއްވި އެވެ. ނަމަވެސް ފަހުން އެގައުމުގެ ސިފައިންގެ ވެރިޔާ، ޖެނެރަލް ވިލިއަމްސް ކަލިމަން ވަނީ ގައުމުގެ މަސްލަހަތަށް ޓަކައި މޮރަލެސް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފަ އެވެ.
އެއަށް ފަހު މޮރަލެސް ވަނީ އެއީ ބަޣާވާތެއް ކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ބޮލީވިއާގެ އިންޑިޖިނަސް ދަރިކޮޅަށް ނިސްބަތްވާ ފުރަތަމަ ރައީސް ކަމަށްވާ މޮރަލެސް ފުރަތަމަ ރައީސްކަމަށް ވަޑައިގެންނެވީ 2016 ވަނަ އަހަރެވެ. އަދި ވެރިކަމުގެ ދައުރުގައި އޭނާ ވަނީ ގައުމުގެ ފަގީރުކަން ދެބައިކުޅަ އެއްބަޔަށް ކުޑަކޮށް، އިގުތިސާދީ ގޮތުން ގިނަ ކުރިއެރުންތަކެއް ގެންނަވާފަ އެވެ.
ނަމަވެސް މޮރަލެސް ވަނީ ބޮލީވިއާގައި ރައީސްކަން ކުރެވޭނީ ދެ ދައުރަށް ކަމަށް ކަނޑައަޅާ މާއްދާ ސުޕްރީމް ކޯޓު މެދުވެރިކޮށް އުވާލައްވާފަ އެވެ. އެއީ އެކަމާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ފެންނަ ނުފެންނަ ވޯޓެއްގައި ވޯޓު ދިން ފަހުންނެވެ. އަދި އޭގެ ފަހުން މޮރަލެސް ތިން ވަނަ ދައުރަކަށާއި ހަތަރު ވަނަ ދައުރަކަށް ކުރިމަތިލެއްވުމުން އޭނާއަށް އޮތް ތާއިދު ކުޑަވި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
މޮރަލެސްއަށް ފަހު ބޮލީވިއާގެ ނައިބު ރައީސާއި ސެނެޓުގެ ލީޑަރާއި ހައުސް އޮފް ޑެޕިއުޓީސްގެ ލީޑަރު ވެސް އިސްތިއުފާ ދެއްވުމުން، އެގައުމުގެ ސެނެޓުގެ ޑެޕިއުޓީ ލީޑަރު ވަނީ ވެރިކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލު ވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެގައުމުގައި އާ އާއްމު އިންތިހާބެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.