އުކުޅަހަށް ލިބިފައި މި އޮތީ ރަން ބިސް އަޅާ ކުކުޅެއް!

އއ. އުކުޅަހަކީ ފަތުރުވެރިކަމުގައި ނަން މަޝްހޫރު ރަށެކެވެ. ގެސްޓް ހައުސް ވިޔަފާރި އިންތިހާއަށް ފުޅާކޮށްލައި، އެރަށުގައި ފަތުރުވެރިކަން މިވަނީ މެކުހަށް ޖަހައިފަ އެވެ. މިދިޔަ އަހަރުވެސް އެރަށަށް ލައްކައަކަށް ވުރެ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާއިރު މި ސިނާއަތުން ނަފާ ހޯދައި އެރަށުގެ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް މިވަނީ ވެފަ އެވެ.

ފަތުރުވެރިކަމުގެ ސަބަބުން ރަށަށް ލިބެމުން އަންނަ ކުރިއެރުމާ ތަރައްގީގެ ފޮނި މީރުކަން ހޯދަމުން ދަނިކޮށް، މިދިޔަ އޯގަސްޓު މަހު އެރަށުގައި ހުޅުވިގެން ދިޔަ، އުކުޅަހު ކޮންވެންޝަން ސެންޓަރާއެކު އެރަށު ރައްޔިތުން މިވަނީ އިތުރަށް ހެއްވާލައިފަ އެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރަކީ، އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު މެއި މަހު ރާއްޖެ ވަޑައިގެން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިން 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރު -- ސަން ފޮޓޯ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއެކު ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ނިންމާލާފައި ވަނީ ވަރަށް ބާރު ސްޕީޑުގައި، އެންމެ 24 ދުވަހުގެ ތެރޭގަ އެވެ. އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ބިނާކުރި 11300 އަކަފޫޓުގެ މި މިކޮންވެންޝަން ސެންޓަރަކީ 400 މީހުންގެ ޖާގައިގެ ތަނެކެވެ.

އެރަށުގެ އިރުމަތީ ފަރާތުގައި އެންމެ ގިނަ ގެސްޓްހައުސްތައް ހުރި ހިސާބުގައި އިމާރާތް ކުރި އުކުޅަހު ރައްޔިތުންގެ އެތައް އުންމީދެއް ވަނީ ގުޅިފަ އެވެ.

މިއީ ކޮންވެންޝަން ޓުއަރިޒަމްގެ ފެށުން

މީގެ ކުރިން ބޮޑު ކޮންފަރެންސެއް ބާއްވަން ޖެހެނީ މާލެ ނުވަތަ ރިސޯޓެއްގަ އެވެ. އުކުޅަހުގެ ގުދުރަތީ ރީތިކަމާ، ހިތްގައިމުކަމުގެ ސަބަބުން، އެރަށުގައި އެކި ކަހަލަ ކޮންފަރެންސްތަކާ ހަފްލާތައް ބާއްވަން އެތައް ހުށަހެޅުމެއް ލިބެ އެވެ. ނަމަވެސް އެރަށުގައި އެފަދަ ކަމެއް ކުރިއަށް ގެންދާނެ އިންފްރާސްޓްރަކްޗާ ނެތުމުން ހުރިހާ ހުށަހެޅުމަކަށް މީގެ ކުރިން އޮތީ ނޫނެކޭ ބުނަން ޖެހިފައެވެ. ކެންސަލްވާ ކޮންމެ ހުށަހެޅުމަކާއެކު، ގެއްލިގެން އެދަނީ ގިނަ އަދަދެއްގެ ފައިސާ އެވެ.

"ކުރިން ހަމަ ކޮންމެ ފަހަރަކު ޖަހަން މި ޖެހެނީ ނޯ. ވަރަށް ގިނަ އިންކުއަރީތައް އާދޭ. އަޅުގަނޑުމެން ވެސް ބޭނުންވެފަ ތިބެނީ އެފަދަ ބޮޑެތި ކޮންފަރެންސްތައް ބާއްވަން. އެކަމަކު ތަނެއް ނެތީމަ އެކަން ނުކުރެވެނީ. އެހެން ނޫން ނަމަ ރަށުގެ ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު އާމްދަނީއެއް ވަންނާނެ،" ރަށުގައި ގެސްޓްހައުސެއް ހިންގާ މީހަކު ބުންޏެވެ.

ނަމަވެސް ކޮންވެންޝަން ސެންޓަރާއެކު އެ ދުވަސްތައް މިވަނީ މާޒީވެ ގޮސްފަ އެވެ. މިއަދު މަންޒަރު މިވަނީ މުޅިން ބަދަލުވެފައެވެ. މިހާރު ގެސްޓްހައުސްތަކުން އަންނަނީ ކޮންވެންޝަން ސެންޓަރު އެމީހުންގެ ވެބްސައިޓުތަކުގައި އިޝްތިހާރު ކުރަމުންނެވެ. އަދި ގިނަ ހުށަހެޅުންތަކެއް ވެސް އަންނަނީ ލިބެމުންނެވެ.

ކޮންވެންޝަން ސެންޓަރާއެކު އެރަށުގައި މުޅިން ތަފާތު ބާވަތެއްގެ ފަތުރުވެރިކަމެއް ފައްކާ ކުރުމުގެ މަގު މިވަނީ ހުޅުވިފަ އެވެ. ބޮޑެތި ބައްދަލުވުންތަކާ ކޮންފަރެންސްތައް އެރަށުގައި ކުރިއަށް ދިއުމުގެ ނަތީޖާއަކަށް ވެގެންދާނީ، އެ ހަރަކާތްތަކުގައި ބައިވެރިވާން ރަށަށް އަންނަ މެހެމާނުންނާއެކު، ރަށުގެ ވިޔަފާރިތައް ކުރިއަރައިގެން ދިއުމެވެ.

ރަށު ކައުންސިލުން މިހާރު އަންނަނީ ކޮންވެންޝަން ސެންޓަރާއެކު ރަށުގައި ކޮންފަރެންސް ޓުއަރިޒަމް ތައާރަފްކުރަން ތައްޔާރުވަމުންނެވެ. އެގޮތުން ކައުންސިލުގެ ވަކި ސެކްޝަނެއްގެ ގޮތުގައި ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ފަށައި، ރަށް މާކެޓް ކުރުމަށް މިހާރު ކައުންސިލުން އަންނަނީ ވިސްނަމުންނެވެ.

އެންމެ ބޮޑު ފައިދާއެއް ގެސްޓުހައުސްތަކަށް

ސެންޓަރު ހުޅުވި ފަހުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޕްރޮފެސަރު ހަސަން އުގެއިލްގެ ޓެކް ފެއާގެ އިތުރުން ޔޫއެންޑީޕީގެ ކޮންފަރެންސެއް އެތަނުގައި ވަނީ ބާއްވައިފަ އެވެ. އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު ވިދާޅުވީ ޓެކް ފެއާއަށް އެރަށުގެ ހުރިހާ ގެސްޓްހައުސްތަކެއް ފުރިގެން ދިޔަ ކަމަށެވެ.

އެރަށުގައި މިހާރު ވެސް 30 އަށް ވުރެ ގިނަ ގެސްޓްހައުސްގައި 200 އަށްވުރެ ގިނަ ކޮޓަރި ހުރި އިރު، ޓެކް ފެއާއަށް ގެސްޓްހައުސްތައް ފުރިގެން އާންމު ރައްޔިތުންގެ ގެތަކުގައި ވެސް މެހެމާނުން ބައިތިއްބަން ޖެހުނެވެ. އެއީ ރަށަށް ވަންނަ ޑޮލަރެވެ.

އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު -- ސަން ފޮޓޯ

"އެންމެ ބޮޑު ފައިދާއެއްގެ ގޮތުގައި މި ފާހަގަ ވަނީ ކޮންވެންޝަން ސެންޓަރުގައި ކޮންފަރެންސް ބާއްވަން އަންނަ ފަރާތްތައް މިކޮޅަށް އައީމަ ކޮޓަރިތަކާ ދަތުރުފަތުރާ އަދި އޭގެ އިތުރުން އާންމު ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ. އަޅުގަނޑުމެންނަށް މިހާރު ވެސް އެކަން އެބަ ފެނޭ." ފިރާގު ވިދާޅުވިއެވެ.

މިއީ އައްޑޫ ސިޓީ ނަގާފައި އަތޮޅު ތެރޭގައި ހުޅުވިގެން ދިޔަ ފުރަތަމަ ކޮންވެންޝަން ސެންޓަރެވެ. މިތަނުގައި ކޮންފަރެންސެއް ބޭއްވުމަކީ މާލެ ނުވަތަ ރިސޯޓެއްގައި އެކަން ކުރުމަށް ވުރެ، ހަރަދު ކުޑަ ކަމަކަށް ވާނެތީ، އެކަންކަން އިންތިޒާމުކުރާ ފަރާތްތަކަށް ވެސް ބޮޑު ފައިދާއެއް ވެގެންދާނެ ކަމަށް ފިރާގު ވިދާޅުވިއެވެ.

އަދި މިއީ ކައުންސިލަށް ވެސް ރަނގަޅު އާމްދަނީއެއް ލިބި، ރަށުގެ ތަރައްގީއަށް ކައުންސިލުން އިސްނަގައިގެން މަސައްކަތްތަކެއް ކުރުމަށް މަގުފަހިކޮށްދޭނެ ތަނަކަށް ވެގެންދާނެއެވެ.

މިހާތަނަށް ޕްރޮފެސަރު ހަސަން އުގެއިލްގެ ޓެކް ފެއާގެ އިތުރުން ޔޫއެންޑީޕީގެ ކޮންފަރެންސެއް ވެސް އުކުޅަހުގައި ވަނީ ބާއްވާފައެވެ. އަދި އޭޕްރީލް މަހު 300 ބައިވެރިންގެ ޔޫތު ފޯރަމަކާއި ޑަބްލިއުއެޗްއޯގެ ކޮންފަރެންސެއް ބާއްވަން ވެސް ހުށަހެޅުމެއް ވަނީ ލިބިފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ސެންޓަރު ހިންގުމަށްޓަކައި އެތަނުގެ ކެފެޓީރިއާ މިހާރު ވަނީ ކުއްޔަށް ދީފައެވެ. އެތަނުން ލިބޭ އާމްދަނީން ސެންޓަރުގެ ކަންކަން ބަލަހައްޓައި، ތަނުގެ މުވައްޒަފުންނަށް މުސާރަ ދެވޭ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ރަށުގައި ގެސްޓްހައުސް އެއް ހިންގާ އަބްދުﷲ ނަވާޒު ވިދާޅުވީ ގެސްޓްހައުސްތަކުގެ އިތުރުން، ކުދި ވިޔަފާރިތަކަށް ވެސް ކޮންވެންޝަން ސެންޓަރުގެ ފައިދާ ސޯދާ ގޮތުންނާއި ނުސީދާ ގޮތުން ކުރަމުން ދާނެ ކަމަށެވެ.

"ކޮންމެ އިވެންޓެއް ވެސް މިތަނުގައި އޮގަނައިޒް ކުރާއިރު، ރަށުން ބޭރުން މީހުން އަންނާނެ. އަންނަ ކަމަށް ވަންޏާ އެއީ ފެރީ އިން ފެށިގެން ގޮސް އެމީހުން ފުރަން ދެން ރަށަށް ވަންނަ އިތުރު އިންކަމް. ފެރީ ޓިކެޓު، ގެސްޓްހައުސް، އަދި އެމީހުންގެ ކެއުން، ދެން ހިނގާލާ ހިނގާލުމެއްގައި ބޯލާ އައިސްކްރީމެއް ނޫނީ މެގްނަމެއް ވިޔަސް، އެއީ ރަށު މީހެއްގެ ޖީބަށް ވަންނަ ފައިސާ،" އޭނާ ވިދާޅުވިއެވެ.

އާންމު ވިޔަފާރިތަކަށް ވެސް އެނގުން ވެލައިފި

ކޮންވެންޝަން ސެންޓަރު ހުޅުވައި އެރަށުގައި ބޭއްވި ދެ ކޮންފަރެންސަށް ވެސް ރަށަށް އެރި މެހެމާނުންގެ ސަބަބުން ރެސްޓޯރަންޓުތަކާއި ކަންމަތީ ފިހާރަތަކަށް ވެސް ދެގުނަ ފައިދާ ވެގެން ދިޔަ ކަމަށް ވިޔަފާރިތައް ހިންގާ ފަރާތްތަކުން މައުލޫމާތުދެއެވެ.

"ކޮންފަރެންސް ބޭއްވި ދުވަސްތަކުގައި ކޮންމެ ދުވަކުވެސް ވިޔަފާރި 30 ޕަސެންޓު ވަރު އިތުރުވި،" ރަށުގައި ފިހާރައެއް ހިންގާ މީހަކު ބުންޏެވެ.

ފިހާރަތަކުގެ އިތުރުން މާލެ އާ އއ އަތޮޅާ ދެމެދު ފެރީ ދަތުރު ކުރާ ފަރާތްތަކަށް ވެސް ކޮންވެންޝަން ސެންޓަރުގެ މަންފާ ކުރާނެއެވެ.

އުކުޅަހު ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ ޒަމީރު ވިދާޅުވީ ކޮންފަރެންސްތައް ބޭއްވި ދުވަސްވަރުގައި ރަށުގެ ރައްޔިތުންނަށް ރެސްޓޯރަންޓެއްގައި އިށީނދެލާނެ ޖާގަ ލިބުން ދަތިވެގެން ދިޔަ ކަމަށެވެ.

މިހާރު ރަށުގެ ރައްޔިތުންނާ ރަށަށް އަރާ އެންމެނަށް ހިދުމަތް ދެވޭ ވަރަށް ރެސްޓޯރަންޓުތައް ނެތް ކަން އޭނާ ފާހަގަކުރެއްވިއެވެ.

އުކުޅަހު ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަލީ ޒަމީރު -- ސަން ފޮޓޯ

ނަމަވެސް ކޮންވެންޝަން ސެންޓަރާއެކު ފަތުރުވެރިންނާ އަދި އެހެން ފަރާތްތަކުގެ މެދުގައި އުކުޅަހަށް އޮތް ޑިމާންޑު އެއް ދުވަހެއް އަނެއް ދުވަހަށް އިތުރުވެގެން ދިއުމުން، އެރަށް އިތުރަށް ތަރައްގީކޮށް، ގެސްޓުހައުސްތަކާއި އާންމު ވިޔަފާރިތަކުގެ ފެންވަރު ރަނގަޅު ކުރަން މަޖުބޫރު ވެގެންދާނެ އެވެ.

"އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ މި އިމާރާތަށް ވުރެ ރަނގަޅު އިންވެސްޓްމަންޓެއް ނެތޭ މިއަދު މިރަށަކު. މިރަށުގެ މުސްތަގުބަލަކަށް ވެސް އަދި ގެސްޓުހައުސްތަކުގެ މުސްތަގުބަލަށް ވެސް،" ޒަމީރު ވިދާޅުވިއެވެ.

ރަށުގެ ބަނދަރުމަތީ ހުރި "ސެލެސްޓް" ރެސްޓޯރަންޓު ހިންގުމާ ހަވާލުވެ ހުންނެވި ސޮފޫރާ އަހްމަދު ވިދާޅުވީ ކޮންފަރެންސް ތެރޭގައި ކޮންމެ ދުވަހަކު ވެސް ލައްކައެއްހާ ރުފިޔާ އެ ރެސްޓޯރަންޓަށް ލިބުނު ކަމަށެވެ.

"އެހެން ނޫނީ ދުވާލަކަށް މި ލިބެނީ ދިހަ ހާސް ވަރު. އެކަމަކު ކޮންފަރެންސް ތެރޭ އެބަހުރި ދުވާލަކު ލައްކައެއްހާ ރުފިޔާ ލިބިފައި،" އޭނާ ވިދާޅުވިއެވެ.

ސޮފޫރާ އަހްމަދު -- ސަން ފޮޓޯ

ޕްރޮމޯޝަންގައި އާންމު ފަރުދުން

ކޮންވެންޝަން ސެންޓަރާއެކު އުކުޅަހުގައި ވަޒީފާގެ ފުރުސަތުތަކެއް ވެސް މިވަނީ ހުޅުވިގެން ގޮސްފަ އެވެ. މިއަދު އެ އަދަދު މަދު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވަޒީފާތައް އިތުރުވެގެންދާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ.

ކޮންވެންޝަން ސެންޓަރު ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ޒަހިއްޔާ މުހައްމަދަކީ މީގެ ކުރިން ވަޒީފާއަކަށް ދިޔަ މީހެއް ނޫނެވެ. ނަމަވެސް ކޮންވެންޝަން ސެންޓަރު ހުޅުވުމާއެކު އެތަނުން ވަޒީފާއެއް ލިބޭތޯ އޭނާ ހުރީ ބަލަބަލަ އެވެ.

"އަޅުގަނޑު ބޭނުންވީ ހަމަ މިތަން ސާފުކޮށް ރީތިކޮށް ބަލަހައްޓަން. މިތަނަށް މީހުން ގެނެވޭތޯ އަޅުގަނޑު މަސައްކަތް ކުރަނީ. މީހުން ގެނެވޭނީ މިތަން ރީތިކޮށް ބާއްވައިގެން،" ޒަހިއްޔާ ބުންޏެވެ.

ޒަހިއްޔާ ފަދައިން އެރަށުގެ އެންމެން ވެސް މަސައްކަތް ކުރަމުން އަންނަނީ ކޮންވެންޝަން ސެންޓަރު ޕްރޮމޯޓުކޮށް، ރަށަށް މީހުން ގެންނާށެވެ. ރައްޔިތުން ގަބޫލުކުރާ ގޮތުގައި މި ކޮންވެންޝަން ސެންޓަރަކީ އެރަށަށް ލިބުނު ވަރަށް ބޮޑު ކުރުއެރުމެކެވެ. އަދި ރަށުގެ ތަރައްގީއާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށް ކޮންވެންޝަން ސެންޓަރު މިވަނީވެފަ އެވެ.

comment ކޮމެންޓް