ބާރުގަދަ ބަޔަކު ފަނޑިޔާރަކަށް ނުފޫޒު ފޯރުވާނަމަ އެ ފަނޑިޔާރަކު އަމިއްލައަށް ބަައްލަވަމުން ގެންދަވާ މައްސަލައަކުން ތަނާޒުލުވާން ޖެހޭކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އިސް ބަޔަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އަހުމަދު ހައިލަމް ވަނީ އޭނާއަށް ސަރުކާރުގެ އިސް ބަޔަކު ނުފޫޒު ފޯރުވަން އުޅުނު ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ތުހުމަތު ކުރައްވައިފައެވެ.
އެކަމާ ގުޅޭ ގޮތުން ފާއިޒް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ނުފޫޒެއް އޮތްނަމަ ދެ ގޮތަކަށް އަމަލު ކުރެވިދާނެ ކަމަށެވެ. އެއީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުފޫޒުގެ މައްސަލަ ގެނައުން ނުވަތަ ކުރަމުން ދިޔަ މަސައްކަތަކުން ތަނާޒުލުވުންކަމުގައި އޭނާ ވިދާޅުވިއެވެ.
"މަދުން ނަމަވެސް މި ދެގޮތަށް އަމަލު ކޮށްފައި އެބަހުއްޓެއެވެ. ނޫފުޒު ފޯރުވަނީ ބާރުގަދަ ފަރާތަކުން ކަމުގައިވާނަމަ، ތަނާޒުލުވުން ނޫންގޮތެއް ނޯންނާނެއެވެ،" ފާއިޒު ވިދާޅުވިއެވެ.
ނުފޫޒު ފޯރުވާކަން އެނގިހުރެ، އެކަން ވަންހަނާކޮށް ހުރެ އެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ މައްސަލަ ބައްލަވާ ފަނޑިޔާރުގެ މައްޗަށް އުފުލިގެންދާނެ ތުހުމަތެއް ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެއްދޭނެ ކަމަށްވެސް ފާއިޒު ވިދާޅާވިއެވެ.
"ފަނޑިޔާރަކު ތުހުމަތެއްގެ ތުންފަތްމަތީގައި ހުރެ ދިފާއެއްގެ ގޮތުގައި ކުރާ ތުހުމަތު ވެގެން ދާނީ ހުސް ތުހުމަށެވެ." ފާއިޒް ވިދާޅުވިއެވެ.
ނުފޫޒުގެ ތުހުމަތުކޮށް ގާޒީ ހައިލަމް ބަޔާން ނެރުއްވީ ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވަން މަދު ގަޑިއިރުކޮޅަކަށް ވެފައި ވަނިކޮށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އޭނާ ސަސްޕެންޑުކޮށްފައި ވަނިކޮށެވެ.
ހައިލަމް ނެރުނު ބަޔާނުގައި އޭނާ ވިދާޅުވީ، ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާނެކަމުގެ ޔަގީންކަން ދިނުމަށް ސަރުކާރުގެ އިސް ބަޔަކު އެދުނު ކަމަށެވެ. އަދި އެ ޔަގީންކަން ނުދޭނަމަ، ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީގެ އަތުން ހައިލަމް ފައިސާ ނެގި މައްސަލަ ބަލައި ސަސްޕެންޑް ކުރާނެކަމުގެ އިންޒާ ދިންކަމަށް އޭނާ ވިދާޅުވިއެވެ.
އެ ތުހުމަތު ކުރިތާ ތިން ދުވަސް ފަހުން މިއަދު ސަރުކާރުން ވަނީ ހައިލަމްގެ ތުހުމަތުތައް ދޮގުކޮށްފައެވެ.