ރައީސާބެހޭ ގޮތުން އުމަރު ހުށަހެޅި މައްސަލައަށް ފުލުހުން މައުލޫމާތު ދިނުމުން ގޮތެއް ނިންމާނެ: ޕީޖީ

ދިވެހިން މަސްތުވާތަކެތި ބޭނުންކުރުމަށް ހިތްވަރުދީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ޕީޖީ އޮފީހަށް އުމަރު ނަސީރު ހުށަހެޅި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބުނުހާ އަވަހަކަށް މައްސަލައަށް ގޮތެއް ނިންމަވާނެ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން އުމަރު ނަސީރަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އުމަރު ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން ހޯދަން ޖެހޭ މައުލޫމާތު ތަކެއް އެބަހުރިކަމަށާއި މޯލްޑިވެސް ޕޮލިސް ސާވިސް އަށް ލިއުމަކުން ދަންނަވައިގެން މައުލޫމާތު ސާފު ކުރަމުން އަންނަ ކަމަށެވެ. އެ މައުލޫމާތު ލިބުނުހާ އަވަހަކަށް މައްސަލައަށް ގޮތެއް ނިންމައި އުމަރަށް އަންގާނެ ކަމަށް ވެސް ސިޓީގައި ބުނެ އެވެ.

ޕޮލިސް މީޑީއާ އޮފިޝަލް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމަށް ރައީސް ހިތްވަރު ދެއްވިކަމަށް ބުނެ އުމަރު ހުށަހެޅި މައްސަލައަކީ މީޑިއާތަކުން ލައިވް ކުރި ހަފްލާއެއްގައި ރައީސް ވިދާޅުވި ވާހަކަފުޅެއް ކަމަށާއި ރައީސް އެގޮތަށް ވިދާޅުވެފައިވަނީ ވެސް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކަމަށެވެ. ނަމަވެސް އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ މައްސަލަ ބަލަމުން އަންނަ ކަމަށާއި މައްސަލައާ ބެހޭ މައުލޫމާތު ހޯދުމަށް ޕީޖީ އޮފީހުން ވެސް އެދިފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ޕީޖީ އަހުމަދު މުއިއްޒުއަށް އުމަރު ފޮނުވި ސިޓީއެއްގައި ބުނަނީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު، ނެޝަނަލް ޑްރަގް އެބިއުސް ހެލްޕްލައިން އިފްތިތާހު ކޮށްދެއްވަމުން މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ދެއްވާ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި އެ މައްސަލަ އޮގަސްޓު 14 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިކަމަށާއި ނަމަވެސް މައްސަލަ ހުށަހެޅިތާ ދެ މަސް ވީ އިރުވެސް މޯލްޑިވްސް ޕޮލިސް ސާވިސަސް އިން އެމައްސަލަ ބަލާފައިނުވާ ކަމަށެވެ.

އަދި އެ ހެފްލައިންގައި ރައީސް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ އާއި އޯޑިއޯ ރިކޯޑިން އެބަހުރި ކަމަށާއި މައްސަލައިގެ އިތުރު ތަހުގީގަކަށް ނުގޮސް ޝަރީއަތަށް ފޮނުވޭނެތީ ލަސްނުކޮށް އެ މައްސަލަ ޝަރީއަތަށް ފޮނުވައި ދެއްވުމަށް ވެސް އުމަރު އެދިފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު