ނިލަންދޫގައި ފެނަކައިން އަޅާ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ނިލަންދޫގެ އާ އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ފެނަކަ

ގއ. ނިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އަޅާ އާ އިންޖީނުގެގެ ބިންގާ އަޅައިފިއެވެ.

މިއަދުު ހެނދުނު ނިލަންދޫގައި ބޭއްވި ރަސްމިއްޔާތުގައި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އަދި ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.

މިއީ ކިއުވަން މޯލްޑިވްސްއާ ހަވާލުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 6.06 މިލިއަން ރުފިޔާއަށެވެ.

އާ އިންޖީނުގޭގެ މަސައްކަތް މިދިޔަ މަހު 10 ގައި ވަނީ ފަށައިފައެވެ. އެ މަސައްކަތް އަންނަ އަހަރު އޭޕްރީލް 18 ގައި ނިންމަން ޖެހޭނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.

ނިލަންދޫގެ އާ އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޔައުގޫބް ވާހަކަ ދައްކަވަނީ--- ފޮޓޯ: ފެނަކަ

ފެނަކައިގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އާ އިންޖީނުގެއާއެކު އެރަށުގެ ކަރަންޓު ނެޓްވޯކު އަޕްގްރޭޑްކޮށް ދުމުގެ އަސަރު މަދުކޮށް އިންޖީނުގެއިން އިވޭ އަޑުވެސް މަޑުވާނެކަށެވެ.

އާބާދީގައި 1087 މީހުން ހިމެނޭ ނިލަންދޫގައި މިހާރު ބޭނުންކުރަމުންދަނީ 2000 ވަނަ ރައްޔިތުން އެޅި އިންޖީނުގެއެކެވެ. އެ އިންޖީނުގެއިން އެންމެ ގިނައިން ފޯރުކޮށްދެވެނީ 382 ކިލޯ ވޯޓުގެ ކަރަންޓްއެވެ. އެެހެން ނަމަވެސް އާ އިންޖީނުގެއާއެކު ކެޕޭސިޓީ 1.2 މެގަވޯޓުގެ ކަރަންޓް ފޯރުކޮށްދެވޭނެކަމަށް ފެނަކައިން ބުންޏެވެ.

comment ކޮމެންޓް