ހަމައެކަނި މިނިމަމް ވޭޖެއް ކަނޑައަޅާ ވަރަށްވުރެ ދިވެހިންގެ އަގު މާ ބޮޑު: ޖަނާހު

މަސީގެ ރައީސް، މުހައްމަދު އަލީ ޖަނާހު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ނުވަތަ މިނިމަމް ވޭޖެއް އެކަނި ކަނޑައަޅައިގެން ނުފުދޭނެ ކަމަށާއި ދިވެހިންގެ އަގު މިހާރު އެއަށްވުރެ މާ ބޮޑު ކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ބިލް ޑްރާފްޓްކުރާ ސަބް ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖަނާހު ވިދާޅުވީ ދިވެހިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައަކާއެކު ރަނގަޅު އަދަދެއްގެ ދިރިއުޅުމުގެ އުޖޫރައެއް ވަކިން ނުދީފިނަމަ، ދިވެހިންނަށް ވަޒީފާ އަދާ ކުރުމުގައި ދާއިމީކޮށް ނުތިބެވޭނެ ކަމަށެވެ.

"މިނިމަމް ވޭޖްގެ ގޮތުގައި ދިވެހިންނަށް ދޭންވާ އަދަދު ކަނޑައަޅައިފިނަމަ، އިކޮނޮމީއަށް އެފޯޑެއް ނުކުރެވޭނެ މިނިމަމް ވޭޖެއްގެ ގޮތުގައެއް. އަޅުގަނޑު ދެކޭގޮތުގައި ދިވެހި މަސައްކަތްތެރިންގެ އަގާއި ރާއްޖޭގެ ކޮސްޓް އޮފް ލިވިންގް (ދިރިއުޅުމުގެ ހަރަދު) މިއަދު މާ ބޮޑު. ކޮސްޓް އޮފް ލިވިންގްއަށް އަދަދެއް ކަނޑައަޅާ ކަމަށް ވަންޏާ އެމީހުންނަށް މެނޭޖް ކުރެވޭނެ އަދަދެއް އަޅުގަނޑުމެން ދޭން ޖެހޭނެ،" ޖަނާހު ވިދާޅުވި އެވެ.

ޖަނާހު އެފަދައިން ވިދާޅުވީ މިނިމަމް ވޭޖްގެ ގޮތުގައި މާބޮޑު އަދަދެއް ކަނޑައަޅައިފިނަމަ ދިވެހިންނަށް ވުރެ ބިދޭސީ މަސައްކަތްތެރިންގެ އަދަދު ރާއްޖޭގައި އިތުރުވެދާނެ ކަމަށް ލަފާ ކުރެއްވުމަށްފަހު އެވެ.

ސަބަބެއްގެ ގޮތުގައި ޖަނާހު ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ސަރުކާރުގައި މިނިމަމް ވޭޖް ބޯޑުން ކުރި ދިރާސާތަކުން އޭރު ރާއްޖޭގެ ދިރިއުޅުމުގެ ހަރަދަށް ބެލުމަށްފަހު މިނިމަމް ވޭޖަކަށް ކަނޑައަޅަން ފެނުނީ 8،000 ރުފިޔާ ކަމަށެވެ.

ނަމަވެސް އެއީ ރާއްޖޭގެ އިގްތިސާދަށް 'އެފޯޑް' ކުރެވޭ ވަރެއްތޯ ނޫންތޯ އެއީ އުފެދޭ ސުވާލެއް ކަމަށާއި އެ އަދަދު ކަނޑައަޅައިފިނަމަ މިނިމަމް ވޭޖް ކެޓަގަރީގައި ގިނަވާނީ ބިދޭސީ މަސައްކަތްތެރިން ކަމަށް ޖަނާހު ވިދާޅުވި އެވެ.

އިމާރާތްކުރުމުގެ ދާއިރާއަށް މިސާލު ޖައްސަވަމުން ޖަނާހު ވިދާޅުވީ އެ ދާއިރާގައި ގިނައީ ކޮންޓްރެކްޓް އުސޫލުން ކުރު މުއްދަތަކަށް މަސައްކަތްކުރާ ބިދޭސީން ކަމަށެވެ.

އެމީހުންނަށް ވެސް މިނިމަމް ވޭޖް ލިބޭ ގޮތަށް ކަނޑައަޅައިފިނަމަ އެކަން ވެގެންދާނީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖަށް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް ކަމަށެވެ.

އެހެންކަމުން ކުރު މުއްދަތަކަށް މަސައްކަތްކުރާ ބިދޭސީން ނުހިމަނައި، ވަކި ވަރަކަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކުރާ ފަރާތްތަކަށް މިނިމަމް ވޭޖް ދޭން ކަނޑައެޅުމަށް ޖަނާހު ލަފާ ދެއްވި އެވެ.

ޖަނާހު ވިދާޅުވީ ރާއްޖޭގެ ދިރިއުޅުމުގެ ހަރަދު ވެސް ކަނޑައަޅައިގެން ދިރާސާތަކެއް ކުރުމަށްފަހު މިނިމަމް ވޭޖް ކަނޑައަޅަން ޖެހިފައިވާ ކަމަށާއި އެކަން ފެށުމުން ވަޒީފާގެ ބާޒާރަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް